މުސްލިމް 5 ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާ ކުރަން ސުޕްރީމް ކޯޓުން ތާއިދު

ގިނަ އަދަދެއްގެ މީހުން ވަނީ ޓްރަމްޕްގެ ނިންމުމާ ދެކޮޅަށް މުޒާހަރާކޮށްފައި -- ފޮޓޯ: އޭޕީ

ވޮޝިންޓަން (ޖޫން 27): މުސްލިމުންގެ އާބާދީ ބޮޑު ފަސް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާ ކުރާ ރިޔާސީ އަމުރަށް އެގައުމުގެ ސުޕްރީމް ކޯޓުން ތާއިދުކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރުން ނިންމެވި ގޮތުގައި އެފަދަ އަމުރެއް ނެރުއްވުމަކީ އެމެރިކާގެ އިމިގްރޭޝަން ގާނޫނުގެ ދަށުން ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިގެންވާ ބާރެކެވެ. އަދި އެއަމުރަކީ މުސްލިމުންނާ މެދު ތަފާތުކޮށް ނެރެފައިވާ އަމުރެއް ނޫން ކަމަށްވެސް ކޯޓުން ވަނީ ނިންމާފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރައީސް ޓްރަމްޕް ނެރުއްވި އެއަމުރުގައި ވަނީ އީރާން، ލީބިޔާ، ސޯމާލިއާ، ސީރިއާ އަދި ޔަމަނުގެ ރައްޔިތުން އެމެރިކާއަށް ދަތުރުކުރުން މަނާކޮށްފައެވެ. އަދި އެއަމުރުގައި ވަނީ އުތުރު ކޮރެއާގެ އިތުރުން ވެނެޒުއޭލާގެ ބައެއް އޮފިޝަލުންވެސް އެމެރިކާއަށް ވަނުން މަނާކޮށްފައެވެ.

މުސްލިމުންގެ އާބާދީ ބޮޑު ބައެއް ގައުމުތަކުގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާ ކުރާ އަމުރެއް ޓްރަމްޕް ފުރަތަމަ ނެރުއްވީ މިދިޔަ އަހަރު ވެރިކަމަށް ވަޑައިގެންނެވިތާ ހަފްތާއެއް ފަހުންނެވެ. ނަމަވެސް އެމެރިކާގެ އެކި ކޯޓުތަކުން ވަނީ އެއަމުރު ތިން ފަހަރަކު ހުއްޓުވާފައެވެ. (އަލްޖަޒީރާ)

comment ކޮމެންޓް