މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީގެ ނަމުގައި އޮފީހެއް އުފައްދަވައިފި

މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު އުފައްދަވައިފި އެވެ.

ޤާނޫނު އަސާސީގެ 116 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިހުތިޔާރުގެ ދަށުން، މިއަދު އުފައްދަވާފައިވާ އިދާރާއަކީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކު އުފައްދަވާފައިވާ އިދާރާއެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ތޯރިޓީއަކީ މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓްގެ ދަށުން ހިނގަމުންދާ ތަނެއް ކަމުގައި ވަނީ ހަމަޖައްސަވާފަ އެވެ.

ރައީސް އޮފީހުން ބުނީ މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީ މި އުފެއްދެވީ، ރާއްޖޭގެ ބިމާއި، ފަރާއި ފަޅު އެންމެ ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް ދިރާސާކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ސަރުކާރުގެ އެކި އިދާރާތަކުން ކުރަމުން ގެންދިއުމުގެ ސަބަބުން، ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތުތައް ލިބުމުގައި ދަތިތަކާ ކުރިމަތިވަމުންދާތީ ކަމަށެވެ.

"ދައުލަތުގެ އެންމެހައި ބިންތައް، ރައްޔިތުންނާއި ދައުލަތަށް އެންމެ ފައިދާ ހުރި ގޮތެއްގައި ބެލެހެއްޓުން ހަރުދަނާކުރުމާއި ރާއްޖޭގައި ކުރެވޭ ކެޑެސްޓްރަލް ސާވޭކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމާއި ނޭޝަނަލް ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމެއް ގާއިމުކޮށް މައުލޫމާތު ބެލެހެއްޓުމާއި ރާއްޖޭގެ ޗާޓު ކުރެހުމާއި އެ ޗާޓަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން ފަދަ ގުޅުން ހުރި މަސައްކަތްތައް ކުރާނެ ސަރުކާރުގެ ވަކި މުއައްސަސާއެއް ރާއްޖޭގައި ގާއިމުކުރުމަކީ ބޭނުންތެރިކަމެއް ކަމަށް ފެނިވަޑައިގަންނަވާ،" ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

އެމަސައްކަތް ކުރުމަށް މިހާރު ބޭނުންކުރެވޭ ވަސީލަތްތައް އެއް މުއައްސަސާއެއްގެ ދަށަށް ބަދަލުކުރުމުން އެކަމުގެ ފައިދާ މިހާރަށް ވުރެ ބޮޑަށް ރައްޔިތުންނާއި ސަރުކާރަށް ލިބިގެންދާނެ ކަމަށާއި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި މިފަދަ މުއައްސާއެއް ޤާއިމު ކުރުމަށް ކަނޑައަޅާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު