ޝަކީރީއާއި ޒަކާވެސް ސަސްޕެންޑް ނުވެ ސަލާމަތް ވެއްޖެ

ފީފާ ވޯލްޑް ކަޕް 'ގްރޫޕް އީ'ގައި ސްވިޒަލޭންޑާއި ސާބިއާ ބައްދަލުކުރި މެޗުގައި ގޯލް ޖެހުމަށްފަހު ޒަކާ އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ސާބިއާއާއި ދެކޮޅަށް ސްވިޒަލޭންޑުން ކުޅުނު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖު މެޗުގައި ގޯލް ޖެހުމަށްފަހު ގްރެނިޓް ޒަކާ އާއި ޒެރްދާން ޝަކީރީވެސް އުފާފާޅުކުރީ ދާދި އެއް ގޮތަކަށެވެ.

ދެ ކުޅުންތެރިން ވެސް ގޯލް ދެއްކީ ދޫންޏެއްގެ އިޝާރާތެވެ.

ޒަކާ އާއި ޝަކީރީގެ ގޯލް ސެލެބްރޭޝަންގެ މައްސަލަ، ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ބަލާފައިވާ އިރު، އެ ދެކުޅުންތެރިންވެސް ދައްކައިދިނީ އަލްބޭނިއާގެ ދިދައިގައި ހިމެނޭ ބާޒެވެ. ބޮޑަށް ފާހަގަވީ އަލްބޭނިއާ އާއި ސާބިއާގެ ސިޔާސީ ވާދަވެރިކަމެއްގެ ގޮތުގައެވެ. ސަބަބަކީ ދެ ކުޅުންތެރިންގެ އާއިލާ ވެސް އަލްބޭނިއާއަށް ނިސްބަތްވާތީއެވެ. އެ މެޗުގެ ކުރިން ވެސް އެކަންކަމާ ގުޅޭގޮތުން ފީފާއިން ދެ ޓީމާ މަޝްވަރާކޮށްފައިވެއެވެ.

މައްސަލަ ބެލުމަށްފަހު ފީފާއިން ނިންމާފައި ވަނީ ދެ ކުޅުންތެރިންވެސް ސަސްޕެންޝަނަކަށް ދިއުމުގެ ބަދަލުގައި ޖޫރިމަނާ ކުރުމަށެވެ. އެގޮތުން ޝަކީރީއާއި ޒަކާވެސް ކޮންމެ ކުޅުންތެރިއަކު 10،000 ޑޮލަރުން ޖޫރިމަނާ ކޮށްފައިވާ އިރު، އެ ދެކުޅުންތެރިންގެ ގޯލް ސެލެބްރޭޝަން ދިފާއުކުރި ކެޕްޓަން ސްޓިފަން ލެޗްސްޓެއިނާވެސް ވަނީ 5،065 ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ.

ފީފާއިން އެ ތިން ކުޅުންތެރިންވެސް ޖޫރިމަނާ ކޮށްފައި ވަނީ ކުޅިވަރުގެ ރޫހާ ހިލާފު ސިޔާސީ ކަންތައްތަކެއް މެޗު ތެރެއަށް ވެއްދުމުގެ އިތުރުން ފީފާގެ ފެއާ ޕްލޭ ގަވާއިދާ ހިލާފު ވެފައިވާތީއެވެ.

އެ މެޗުގައި ސާބިއާގެ ސަޕޯޓަރުންގެ އަމަލުތައް ބެހެއްޓިގޮތުން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ސާބިއަން ފުޓްބޯލް އެސޯސިއޭޝަންއާ ދެކޮޅަށް ވެސް މައްސަލަ ބަލައި، އެ އެސޯސިއޭޝަން 54،700 ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ. އެ މެޗުގައި ސާބިއާގެ ސަޕޯޓަރުން ވަނީ ސްވިޒަލޭންޑްގެ ސަޕޯޓަރުންނާ ދިމާއަށް ބެނާ ފަދަ ބައެއް އެއްޗެހި އުކާފައެވެ.

މެޗުގައި ސާބިއާއިން ގޯލެއް ޖަހާފައި ވަނިކޮށް، ސްވިޒަލެންޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ޒަކާއެވެ. އަދި ފަހު ވަގުތު ސްވިޒަލެންޑަށް ތިން ޕޮއިންޓް ކަށަވަރުވީ ޝަކީރީގެ ގޯލުންނެވެ. އެ މެޗުން ސްވިޒަލެންޑް މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.

ޒަކާގެ މަންމައާއި ބައްޕައަކީ ވެސް އަލްބޭނިއާގެ ރައްޔިތުންނެވެ. ސާބިއާ ނިސްބަތްވާ ޔޫގޯސްލޯވިއާގެ އަޅުވެތިކަން ކޮސޯވޯގައި އޮތް އިރު، އެކަމާ ދެކޮޅަށް އަޑު އުފުލި މީހުންގެ ތެރޭގައި ހިމެނުމުން ޒަކާގެ ބައްޕައަށް ގިނަ ދުވަސްތަކެއް ވަންދެން ސާބިއާގެ ޖަލުގައި ހޭދަކުރަން ޖެހުނެވެ.

ޝަކީރީއަކީ ކޮސޯވޯގެ ޖިލަންއަށް އުފަން ރައްޔިތެކެވެ. އޭނާގެ ބައްޕަ ކޮސޯވޯއަށް ނިސްބަތްވި ނަމަވެސް އޭނާގެ މަންމަ ނިސްބަތްވަނީ އަލްބޭނިއާއަށެވެ. ޝަކީރީގެ އުމުރުން ހަތަރު އަހަރުގައި އޭނާގެ އާއިލާއަށް ވަނީ ސްވިޒަލޭންޑަށް ހިޖުރަކުރަން ޖެހިފައެވެ.

އަލްބޭނިއާއާއި ސާބިއާގެ މައްސަލަ ހޫނުވެފައިވަނީ ކޮސޯވޯގެ މިލްކުވެރިކަމުގެ މައްސަލައިގައެވެ. ކޮސޯވޯއަށް 2008 ވަނަ އަހަރު މިނިވަންކަން ލިބުނު ނަމަވެސް، ސާބިއާއިން ވަނީ އެކަން ގަބޫލުނުކުރާނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް