ހދ. ހަނިމާދޫގައި މަގު ކުނިކެހި ފައިސާ ނުދީގެން އެރަށު އަންހެނުންތަކެއް ކުނިކެހުން ހުއްޓާލުމަށްފަހު، އެރަށު ކައުންސިލް އޮފީސް ކައިރިއަށް އެއްވެ ހަޅުތާލުކޮށްފި އެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ ހެނދުނު އޮފީސް ހުޅުވި ގަޑިއަށް ގާތްގަނޑަކަށް ސާޅީހަކަށް އަންހެނުން ނުކުމެ އޮފީސް ހުޅުވިޔަ ނުދީ ހިފެހެއްޓި ކަމަށާއި އެމީހުން އޮފީސް ކައިރިއަށް އެއްވީ ފާއިތުވި ހަތަރު މަސްދުވަހު މަގު ކުނިކެހި ފައިސާ ނުދީ ލަސްވަމުންދާތީ ކަމަށެވެ. އަދި އެފައިސާ ނުދޭތީ ކުނިކެހުން ހުއްޓާލާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
އެރަށުން ވާހަކަ ދެއްކި މީހާ ބުނީ ކައުންސިލުގެ ތެރެއަށް ނުވަދެވޭ ގޮތަށް ބަންދުކޮށްގެން އަންހެނުންތައް ތިބުމުގެ ސަބަބުން އޮފީހުގެ މުވައްޒަފުން މިއަދު ތިބެން ޖެހުނީ އޮފީހަށް ނުވަދެ ކަމަށެވެ.
ކައުންސިލްގެ ރައީސް އަބްދުއް ސަލާމް މިއަދު ވިދާޅުވީ އޮފީސް ދޮރުކައިރީގައި ހަޅުތާލު ކުރަމުންދިޔަ އަންހެނުންތައް އޮފީސް ދޫކޮށް ދިޔައީ ހަވީރު އޮފީސް ބަންދުކުރުމުން ކަމަށާއި އެފައިސާ ނުލިބިއްޖެއްޔާ މާދަމާވެސް އޮފީސް ކައިރިއަށް އެއްވާނެ ކަމަށް އެމީހުން ބުނި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސަލާމް ވިދާޅުވީ އެފައިސާ ނުދެވިގެން އުޅެނީ ބަޖެޓްގައި ފައިސާ ނެތުމުން ކަމަށާއި އެމައްސަލަ ހައްލުކުރެވޭތޯ ގައުމީ އިދާރާއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
" ކުނިކަހާ ފަރާތްތަކަށް ދޭންޖެހޭ ފައިސާ ބަޖެޓްގައެއް ނެތް. އަޅުގަނޑު އެބަ މަސައްކަތް ކުރަން އެކަން ހައްލު ކުރަން،" ސަލާމް ވިދާޅުވި އެވެ.
ހަނިމާދޫ ރަށު ކައުންސިލްގެ އިދާރާ ހުޅުވަން މިއަދު ހެނދުނު އެތަނުގެ މުވައްޒަފުން އޮފީހަށް ދިޔުމުން އެރަށު އަންހެނުންތަކެއް ވަނީ އެމީހުން އޮފީހަށް ވަނަނުދީ ހިފަހައްޓާފަ އެވެ. ނަމަވެސް އޮފީސް ނުހުޅުވާ އެމައްސަލައަށް ހައްލެއް ހޯދައިނުދެވޭނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވުމުން އެއްވި މީހުން ވަނީ އެފުރުސަތު ކައުންސިލްގެ ރައީސް އަށް ދީފަ އެވެ.