ރައްޔިތުން ބަސް ބުނުމުގެ ކުރިން ވެރިކަން ވައްޓާލަން އުޅުމަކީ އޮތް ހައްގެއް ނޫން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކ.ތުލުސްދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ ---ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުން ބަސް ބުނެ ކަންކަން ނިންމުމުގެ ކުރީން، ވެރިކަން ވައްޓާލަން ނުރައްކާތެރި ތަދުބީރެއް ކުރިމަތިކުރުމަކީ އެއްވެސް ބަޔަކަށް ލިބިގެންވާ ހައްގެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ކ. އަތޮޅުގެ ތިން ރަށަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނު ތުލުސްދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ބޮޑުތަކުރުފާނާއި އިއްޒުއްދީން ރަދުން ކުރެއްވި ޖިހާދު ފަދަ ވާހަކަތަކީ ދުރު މާޒީއެއް ނަމަވެސް އެއީ ރާއްޖެއާ ކޮންމެ ދުވަހަކު ވެސް ބައްދަލުވެދާނެ ހަގީގަތެއް ކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

"ކުރީގައި ހަނގުރާމަ ކުރި ގޮތާއި މިހާރު ހަނގުރާމައިގާ އިސްކުރާ ހުނަރުތަކާއި އުކުޅުތައް ތަފާތު ވެގެން ހިނގައިދާނެ. ނަމަވެސް އަބަދު ވެސް އަޅުގަނޑުމެންނާ ދޭތެރޭ ފާރަވެރިވާ އަޅުގަނޑުމެންގެ އަމިއްލަ ރައްޔިތުންތަކެއް ތިބިކަން ތާރީހީ ކޮންމެ ސޮފްހާއަކުން ވެސް އޮންނަނީ ނަގައިދީފައި،" ރައީސް ވިދާޅުވި އެވެ.

އެގޮތުން ފެބްރުއަރީ 1، 2018ގެ ހާދިސާ ތަދުބީރު ކުރި ބަޔަކު އެ ތަދުބީރު ކުރީ އެފަދައިން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެދުވަހު ގެންނަން އުޅުނު ކަންކަމުގައި ބައިވެރިވާން ޖެހުނު ސަބަބު ބުނެވިދާނެ ކަމަށާއި ނަމަވެސް އެއީ އެބަޔަކަށް ލިބިގެންވާ ހައްގެއް ނޫން ކަމަށެވެ.

"އެއްވެސް ސަބަބެއް، ހައްގެއް ނޫން، ޖާއިޒެއް ނޫން އެފަދަ [އަމުރަކުން] މުޅި ރައްޔިތުންގެ މައްޗަށް އަތްގަދަ ކުރުމުގެ އަމަލެއް ހިންގާކަށެއް. އެއްވެސް މީހަކަށް އޮތް ހުއްދައެއް ނޫން އެއީކީއެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ކަންކަމުގައި ބަސް ބުނުމުގެ ކުރީން ނުފޫޒު ހުރި މަދު ބަޔަކު މަދު ނުރައްކާތެރި ތަދުބީރު ކުރުމަކީ އެމީހުންނަށް ލިބޭ ހައްގެއް ނޫން ކަމަށެވެ. އަދި ރާއްޖެއަށް ގެއްލުންދޭ އުޅެ، ދިވެހި ރައްޔިތުންގެ ހައްގަށް އަރައިގަތް ބަޔަކު ރާއްޖޭގައި އެބަ ތިބިކަން ވިސްނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ސިޔާސީ ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަންކުރަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވައި ފެބްރުއަރީ 1ގައި ނެރުއްވި އަމުރާ ގުޅިގެން ހުކުމް ތަންޒީފު ނުކޮށް، ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި އެވެ.

އަދި ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހު، އެ ކޯޓުގައި ތިއްބެވި އަނެއް ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ފެބްރުއަރީ އެކެއްގައި ނެރުނު އަމުރުގައި ހިމެނޭ، ސިޔާސީ ކުށްވެރިން ދޫކޮށްލަން ބުނެފައިވާބައި ބާތިލު ކޮށްފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ، ފެބްރުއަރީ އެއްވަނަ ދުވަހަށް ފަހު، އިދިކޮޅުން ރޭވި ކަންކަން ފުރޮޅިގެން ދިޔަ ނަމަ ގައުމަށް ކުރިމަތިވާނީ ކިހާ ނުރައްކާތެރި ހާލަތެއްކަން އެ މީހުންނަކަށް ވެސް ނުވިސްނޭނެ ކަމަށެވެ.

comment ކޮމެންޓް