ހިތާމަވެރި ހުރާ ދަތުރު:
މަރުވި ދަރިވަރުންނާއި ޕްރިންސިޕަލްގެ އާއިލާއަށް އެހީވާނެ ފަންޑެއް ހުޅުވަން ސްކޫލް ބޯޑުން ނިންމައިފި

ހިރިޔާ ސްކޫލްގެ ހުރާ ދަތުރުގައި މަރުވި ދަރިވަރުންނާއި ސްކޫލްގެ ޕްރިންސިޕަލް އަލީ ނާޒިމްގެ އާއިލާތަކަށް އެހީވުމަށް ސްކޫލްގައި ހަނދާނީ ފަންޑެއް ހުޅުވަން ހިރިޔާ ސްކޫލްގެ ބޯޑުން މިއަދު ނިންމައިފި އެވެ.

ސްކޫލް ބޯޑުގެ ޗެއާޕާސަން މުހައްމަދު ނަޒީރު ސޮއިކުރައްވާ މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ އެ ސްކޫލްގައި ފިޝަރީޒް ސައިންސް ކިޔަވާ ދަރިވަރުން ހުކުރު ދުވަހުގެ ހުރައަށް ކުރި ތަޖުރިބާ ދަތުރުގައި ދިމާވި ހިތާމަވެރި ހާދިސާ ގައި ޕްރިންސިޕަލާއި ހަތަރު ދަރިވަރަކު މަރުވުމުން އެކަން ބަރުދާސްތު ކުރަނީ ހިތާމައާއެކުގައި ކަމަށެވެ.

"... ހާދިސާއާ ގުޅިގެން ލޮބުވެތި ޕްރިންސިޕަލާއި އަދި ދަރިވަރުން އާއިލާތަކަށް އެހީތެރިވެ ދިނުމުގެ ގޮތުން ސްކޫލްގައި މެމޯރިޔަލް ފަންޑެއް ހުޅުވަން ސްކޫލް ބޯޑުން މިއަދު ނިންމައިފީމެވެ."

ސްކޫލް ބޯޑު ބުނީ އެ ސްކޫލްގައި ހުޅުވާ ހަނދާނީ ފަންޑުގެ އެކައުންޓު ނަމްބަރު ފަހުން އާންމު ކުރާނެ ކަމަށާއި ހުރާ ދަތުރުގައި މަރުވި ދަރިވަރުންނާއި ޕްރިންސިޕަލްގެ އާއިލާތަކަށް އެހީވެ ދިނުމަކީ ބޯޑުން ވަރަށް ބޮޑަށް އެދޭ ކަމަކަށްވާތީ ވީހާވެސް ގިނަ ބަޔަކު ފަނޑަށް އެހީވުމަށް ގޮވާލާ ކަމަށެވެ.

ފަންޑަށް ލިބޭ ފައިސާ ހަރަދު ކުރާނީ މަރުވި ހަތަރު ދަރިވަރުންނާއި ޕްރިންސިޕަލްގެ އާއިލާތަކަށް އެހީތެރިވެދީ މުސްތަގުބަލުގައި ހިނގާފާނ އެފަދަ ހާދިސާތަކުން ރައްތެރިވާން ފިޔަވަޅު އެޅުމަށް ހިނގާ ޕްރޮގްރާމްތަކަށް ކަމަށް ވެސް ބޯޑުން ބުންޏެވެ.

ހުރާ ދަތުރުގައި މޫދަށް ގެނބިގެން މަރުވީ ޕްރިންސިޕަލް އަލީ ނާޒިމާއި މ. މޮއިޝާ، މަރިޔަމް ޝައިހާ އާއި ރ. ރަސްމާދޫ ހަނދުވަރީވިލާ، އައިޝަތު ސާނިހާ އާއި ހއ. ހޯރަފުށީ ސުވާސާގޭ މަރިޔަމް ނާޒު އާއި ގއ. ދެއްވަދޫ މީނާޒް، ނަޝްއަތު ސައީދެވެ.

ހިރިޔާ ސްކޫލްގައި ހަނދާނީ ފަންޑެއް ހުޅުވަން ނިންމާފައިވާއިރު މާދަމާ އާއި އަންނަ ހޯމަ ދުވަހު ސްކޫލްގެ ކިޔެވުން އެ ދެދުވަހުވ 7:55 އިން 11:00 އަށް ބާއްވަން ނިންމައި ގްރޭޑް އަށަކާއި ނުވައެއްގެ ޔުނިޓް ޓެސްޓު ވަނީ ފަސްކޮށްފައެވެ.

ހިރިޔާ ހިންގުން ވަގުތީ ގޮތުން މިހާރު ހަވާލުކޮށްފައި ވަނީ ތަޖުރިބާކާރު ޕްރިންސިޕަލް ޖަމީލާއަލީއާ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު