ރޫނީއާ ބައްދަލުވެ މަލައިކާގެ ހުވަފެންތައް ހަގީގަތަކަށް!

މަލައިކާއަށް އޭނާގެ ފެވަރިޓް ތަރި ރޫނީއާއެކު އެއާޕޯޓްގައި ---

އުމުރުން އެންމެ ނުވަ އަހަރުގެ މަރިޔަމް މަލައިކާ މާދިހަކީ މެންޗެސްޓާ ޔުނައިޓެޑްގެ "ޑައި ހާޑް ފޭން" އެކެވެ. ފުޓުބޯޅައިގައި ނޭނގޭ ކަމެއް ނެތެވެ. ޔޫރަޕްގެ ފުޓުބޯޅަ ބަރާބަރަށް "ފޮލޯ" ކުރެއެވެ. ހާއްސަކޮށް މެންޗެސްޓާ ޔުނައިޓެޑްގެ ހުރިހާ ކަމެއް ބަލައެވެ.

މަލައިކާއަށް ހަފްތާ ބަންދުގެ ކޮންމެ ދުވަހަކީ ޖާޒީ ދުވަހެކެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ޖާޒީއެވެ. ހާއްސަކޮށް ޔުނައިޓެޑްގެ ލެޖެންޖް ވޭން ރޫނީގެ ނަން ޖަހާލައިފައިވާ ޖާޒީއެއް ލެވުމަކީ މަލައިކާއަށް އިތުރު ހިތްހަމަ ޖެހުމެކެވެ. ރޫނީއަކީ މަލައިކާގެ ފެވަރިޓް ކުޅުންތެރިޔާއެވެ. އައިޕެޑްގެ ސްކްރީން ސޭވާގައިވެސް މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑު ރޫނީއެވެ. އެންމެ ކުޑައިރުއްސުރެ ދެކޭ އެއް ހުވަފެނަކީވެސް ރޫނީއާ ބައްދަލުވެ، ރޫނީއާއެކު ފޮޓޯއެއް ނަގާލުމެވެ.

މަލައިކާގެ އައިޕެޑްގެ ވޯލްޑް ޕޭޕާއަށް މުޅިންވެސް ބޭނުން ކުރަނީ ރޫނީގެ ފޮޓޯތައް ---

މަލައިކާގެ ބައްޕަ، އިބްރާހީމް މާދިހަކީ ޗެލްސީ ސަޕޯޓަރެއް ނަމަވެސް މަލައިކާ ޔުނައިޓެޑަށް ސަޕޯޓް ކުރަނީ އޭނާގެ ބޭބެ ޝާހިދު (އައްކޮ)ގެ ކްލަބަށް މެންޗެސްޓާ ވާތީއެވެ. ހާއްސަކޮށް މަލައިކާއަށް އެންމެ ގިނައިން ޖާޒީތައް ގެނެސްދެނީވެސް އައްކޮއެވެ. މުޅި އާއިލާވެސް މަލައިކާގެ ފުޓުބޯޅަ ލޯބީގައި ބައިވެރިވެއެވެ. އުފަން ދުވަހަކަސް ތީމް އަކީ މެންޗެސްޓާ ޔުނައިޓެޑެވެ. ނޫނީ ފުޓުބޯޅައިގެ ކޮންމެވެސް އެހެން ކަމެކެވެ.

މަލައިކާގެ ބޭބެ ޝާހިދާއެކު ---

މަލައިކާއަކީ ފުޓުބޯޅައަށް މަރުދޭ ކުއްޖެއް ނަމަވެސް އޭނާ އެންމެ ލޯބިވާ ކުޅިވަރު ކުޅުމުން ވަނީ މަހުރޫމުވެފައެވެ. އާންމުކޮށް ނޫނީ ނުފެންނަ ސިންޑްރޮމްއެއް ކަމަށްވާ އެޓެކްސިއާ ޓެލަންގިއެޓޭސިއާ މަލައިކާ ގައިގައި ހުންނަ އިރު، އޭނާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. އެޓެކްސިއާ ޓެލާންގިއެޓޭސިއާގެ ސަބަބުން ހަށިގަނޑުގެ ގިނަ ގުނަވަންތަކެއްގެ މައްސަލަތައް ކުރިމަތިވާ އިރު، ހެދިބޮޑުވުމުގައިވެސް ލަސްތަކެއް ދިމާވެއެވެ. އޭގެ އިތުރުން ހަށިގަނޑުގެ ދިފާއީ ބާރުވެސް ދެރަވެ ވާހަކަ ދެއްކުމަށްވެސް އުނދަގޫތަކެއް ކުރިމަތިވެއެވެ.

މަލައިކާ ރޫނީގެ ޖާޒީގައި ---

މަލައިކާގެ އުފެދުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކަންތައްތަކެއް ހުރުމުގެ ސަބަބުން އޭނާއަށް ފިޒިކަލީ އެކްޓިވްކޮށް ބައިވެރިވެވޭ ހަމައެކަނި ކުޅިވަރަކީ ފެތުން އެކަންޏެވެ. މަދުމަދުން ނަމަވެސް ފުޓުބޯޅައެއްގައި ފައި ޖެހިލުމުން މަލައިކާއަށް އިތުރު ހިތްހަމަ ޖެހުމެއް ގެނުވާ އިރު، އެކަޑެމީއަކަށް ގެންގޮސްދިނުމަށްވެސް މަލައިކާ ވަނީ ބައްޕަ ކައިރީ އެދިފައެވެ.

އެހެން ނަމަވެސް ހަށިގަނޑުގެ ބަލިކަށިކަމުން މަލައިކާ ފުޓުބޯޅައަށް ވެއްދުމަށް މަންމަ ފާތިމަތު ޝިއުނާ އަދި މާދިހުވެސް ނޭދެއެވެ. އޭގެ ބަދަލުގައި މަލައިކާ ފެތުމަށް ލޯބި ޖައްސާ އެކަމުގެ ތެރެއިން ހަރަކާތްތެރި ކުރުވަމުން ދެއެވެ. މޯލްޑިވްސް ލައިފް ގާޑް އެސޯސިއޭޝަނުން މަލައިކާއަށް ހިލޭ ކްލާސްތައް ނަގައިދޭ އިރު، ފެތުމަކީވެސް މަލައިކާ މިހާރު ކުރާ ހިތުން ކުރާ ކަމެކެވެ.

ހުރިހާ އުފަންދުވަހެއްވެސް މެންޗެސްޓާ ޔުނައިޓެޑަށް ހާއްސަ ---

އެޓެކްސިއާ ޓެލަންގިއެޓޭސިއާއަކީ ފަރުވާއެއް ނެތް ބައްޔެއް ނަމަވެސް، ބޭސް ކުރުމުން ބަލީގެ އުނދަގޫތައް ކުޑަކުރެވެއެވެ. އެ ބަލީގެ ސަބަބުން މަލައިކާ އެންމެ ލޯބިވާ ކުޅިވަރު އޭނާއަށް ނުކުޅެވުނު ނަމަވެސް، ފުޓުބޯޅައިގައި މަލައިކާގެ "ވިޝް ލިސްޓް"އެއް އެބަ އޮތެވެ. ގަލޮޅު ދަނޑުގައި ބޯޅައެއް ޖަހާލުމެވެ. ރާއްޖޭގެ ފުޓުބޯޅަ ލެޖެންޑު އަލީ އަޝްފާގު (ދަގަނޑޭ)އާ ބައްދަލުކޮށްލުމެވެ. މިއީ އެކަމަކު މަލައިކާ ރާއްޖޭގެ ފުޓުބޯޅައިން ދެކޭ ހުވަފެނެވެ. އޭނާގެ އެންމެ ބޮޑު ހުވަފެނުގައި އޮތީ ރޫނީއާއި މެންޗެސްޓާ ޔުނައިޓެޑެވެ. ހާއްސަކޮށް ރޫނީ ބައްދަލުވެލުމަށް އަބަދުވެސް އައީ އުންމީދު ކުރަމުންނެވެ.

ވޯލްޑް ކަޕް ފެށުމުގެ އެއް ދުވަސް ކުރިން ރޫނީ ރާއްޖެއައިކަން މަލައިކާއަށް އެނގުނީ "ސަން" މެދުވެރިކޮށެވެ. އެހިސާބުން މަލައިކާގެ އުންމީދަކަށްވީ ރޫނީއާ ބައްދަލުވެލުމެވެ. ރޫނީއަށް ހާއްސަކޮށް މަލައިކާ ތައްޔާރުކޮށްފައިވާ ކާޑު ދިނުމެވެ. ރޫނީ ފުރާ ދުވަސް މަންމަ ޝިއުނާ ލައްވާ ހޯދައިގެން މަލައިކާ އިންތިޒާރު ކުރީ އެދުވަހަށެވެ. އެއާޕޯޓްގައި އެތައް ގަޑި އިރެއް މަޑުކޮށްގެންވެސް ހުވަފެން ހަގީގަތަކަށް ހެދުމަށް މަލައިކާ ބޭނުންވިއެވެ.

މަލައިކާ އޭނާ ރޫނީއަށް ދިން ހާއްސަ ކާޑާއެކު ---

މަންމަ ޝިއުނާ ބުނެފައި ވަނީ އިރުއޮއްސުނު ގަޑީ އެއާޕޯޓަށް ގޮސް މަލައިކާ ރޫނީގެ އިންތިޒާރުގައި ގާތް ގަނޑަކަށް އެރޭ ނުވައެއް ޖަހަން ދެން މަޑުކުރި ކަމަށެވެ. އެންމެފަހުން މަލައިކާއާ ރޫނީއާ ބައްދަލުވެފައިވާ އިރު، އެހިސާބުން މަލައިކާގެ "ވިޝްލިސްޓް"ގެ އެންމެ މުހިއްމު ކަންތައް ހާސިލްވީއެވެ. މަލައިކާގެ އުފާވެރިކަމުގެ އިހުސާސާއެކު އޭނާ ބުނީ ހުވަފެނެއް ހަގީގަތަކަށް ވީ ކަމަށެވެ. ދެކެމުންދިޔަ ހުވަފެންތަކަށް ފޮނި ނިމުމެއް ގެނެސްދީފި ކަމަށެވެ.

ރޫނީވެސް މަލައިކާގެ އިންތިޒާރަށް ތައުރީފްކޮށްފައިވާ އިރު، މަލައިކާގެ ދިން ކާޑު ހިފައިގެން ދިޔައީ އުފަލުންނެވެ. ފުޓުބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫނެވެ. އެއަށްވުރެ ފުން މާނައެއް ގެނެސްދޭ، އެތަކެއް ބައެއްގެ ދިރިއުޅުމުގެ ބައެކެވެ. އުފެދުމުގައި ހާއްސައެހީތެރިކަމަށް ބޭނުންވިޔަސް، މަލައިކާގެ އެންމެ ގާތް އެކުވެރިއަކީ ފުޓުބޯޅައެވެ. އަމިއްލައަށް ކުޅިވަރު ނުކުޅެވުނަސް ފުޓުބޯޅައިގައި މަލައިކާގެ ހުވަފެންތަކެއް ވެއެވެ. އަދިވެސް ހާސިލްކުރަން ކަނޑައަޅައިފައިވާ ކަންތައްތަކެއް އެބަހުއްޓެވެ.

comment ކޮމެންޓް