އެލްފޯ ކަޕްގެ ޗެމްޕިއަންކަން ނިލަންދޫގެ އެފްސީ އިން ހޯދައިފި

މުބީން ފައުންޑޭޝަން އެލްފޯ ކަޕްގެ ޗެމްޕިއަންކަން ނިލަންދޫގެ އެފްސީން ތަށި އުފުލާލަނީ --- ފޮޓޯ/ އޭޕީ

ރައްޔިތުން މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ފައުންޑޭޝަނުން ސްޕޮންސާކޮށްގެން ފ. އަތޮޅަށް ހުޅުވާލައިގެން ބޭއްވި މަގޫދޫ ޒުވާނުންގެ ކްލަބުގެ "އެލްފޯ" ކަޕްގެ ޗެމްޕިއަންކަން ފ. ނިލަންދޫގެ އެފްސީ ފަހުލަވާނުން ހޯދައިފި އެވެ.

މަގޫދޫ ޒުވާނުންގެ ކްލަބުގެ "އެލްފޯ" ކަޕަކީ މިދިޔަ 30 ވަރަކަށް އަހަރު މެދު ނުކެނޑި ބާއްވަމުން އަންނަ ފޯރިގަދަ މުބާރާތެކެވެ. ކުރިން ފުޓުބޯޅަ މުބާރާތެއްގެ ގޮތުގައި މުބާރާތް ބޭއްވި ނަމަވެސް، މިހާރު އެ މުބާރާތަކީ ފުޓްސަލް މުބާރާތެކެވެ. އަތޮޅުގެ ގިނަ ރަށްތަކަކުން ބައިވެރިވާ އެ މުބާރާތް ފަހަކަށް އައިސް ބާއްވަމުން ގެންދަނީ މަޖިލިސް މެމްބަރު މުބީންގެ މުބީން ފައުންޑޭޝަންގެ ސްޕޮންސާގެ ދަށުންނެވެ.

މި އަހަރުގެ މުބާރާތުގައި 12 ޓީމަކުން ވާދަކޮށްފައިވާ އިރު، މުބާރާތް ފަށާފައި ވަޅުއީދު ދުވަހުގަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާ އިރު، މުބާރާތުގެ އެކި ކަންކަމަށް ދޮޅު ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށް މުބީން ފައުންޑޭޝަނުން ބުންޏެވެ.

މިފަހަރު މުބާރާތުގައި ބައިވެރިވި 12 ޓީމު، ހަތަރު ގްރޫޕަކަށް ބަހާލައިގެން މެޗުތައް ކުރިއަށް ގެންދިޔަ އިރު، ފައިނަލަށް ގޮސްފައި ވަނީ ވެސްޓް ސިޓީއާއި އެފްސީ ފަހުލަވާނުންނެވެ. ފައިނަލް މެޗު ފަހުލަވާނުން ކާމިޔާބު ކުރީ 2-0ގެ ނަތީޖާއަކުންނެވެ.

މުބާރާތް ނިމުމުން މުބާރާތުގެ އެކިއެކި މަގާމުތަކަށް ޓްރޮފީއާއި ހަނދާނީލިއުން ހަވާލުކޮށްފައި ވަނީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގަ އެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް އެފްސީ ފަހުލަވާނުންގެ އާދިލް އަލީ ހޮވުނު އިރު، އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ވެސްޓް ސިޓީގެ ހުޒައިލް އަބްދުލް ލަތީފެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ވެސްޓް ސިޓީގެ މުހައްމަދު އަބްދުލް ޝަކޫރު ހޮވުނު އިރު، 18 އަހަރުން ދަށުގެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފެލޭލާ ސްޕޯޓްސްގެ ޖަޒްލާން މާހިރެވެ.

މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް މަގޫދޫގެ އެފްސީ ބްރޮދާސް ހޮވުނު އިރު، ފެއާ ޕްލޭ ކުޅުންތެރިއަކީ ސްކޯޕިއަންގެ އިބްރާހީމް ސިނާނެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން:

  • ހުޒައިލް އަބްދުލް ލަތީފް - ވެސްޓް ސިޓީ
  • މުހައްމަދު ނަސީރު - ވެސްޓް ސިޓީ
  • އަހުމަދު ފަޒާލް - އެފްސީ ފަހުލަވާނުން
  • މުހައްމަދު އާސިމް - އެފްސީ ފަހުލަވާނުން
  • އިބްރާހީމް އަސްވާދު - ސްކޯޕިއަން
comment ކޮމެންޓް