ބީޕީޓީ ބަޔާން ހުށަހަޅަންޖެހޭ ސުންގަޑިއަކީ އަންނަ މަހުގެ އެއްވަނަ ދުވަސް

މީރާ -- ސަންފޮޓޯ/ އަލީ ނަސީރު

ދިވެހިރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތަކުން 2017 ވަނަ އަހަރުގެ ބީޕީޓީ ބަޔާން ހުށަހަޅައި، ބީޕީޓީގެ ފައިނަލް ޕޭމަންޓް ދެއްކުމުގެ ސުންގަޑި އަކީ އަންނަ މަހުގެ އެއް ވަނަ ދުވަސް ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާއިންވަނީ އަންނަ މަހުގެ އެއްވަނަ ދުވަހަށް ބީޕީޓީ ބަޔާން ހުށަހަޅައި، ބީޕީޓީގެ ފައިނަލް ޕޭމަންޓް ދެއްކުމުގެ ސުންގަޑި ހަމަވާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

އަމިއްލަ ފަރުދުންގެ ތެރެއިން ބީޕީޓީ ބަޔާން ހުށަހަޅަން ޖެހޭނީ އެ ފަރާތަކަށް ވޭތުވެދިޔަ އަހަރު ލިބުނު ޖުމުލަ އާމްދަނީ 1،000،000 ރުފިޔާއަށް އެރުން، ނުވަތަ ވޭތުވެދިޔަ އަހަރު ލިބުނު ޓެކްސް ބިނާ ކުރެވޭ ފައިދާ 500,000 ރުފިޔާއަށް އެރުމުން ކަމަށް މީރާ އިން ބުންޏެވެ.

މީރާއިން ބުނީ، ކުންފުނިތަކުން އެއްވެސް ވިޔަފާރިއެއް ނުކުރިނަމަވެސް ބީޕީޓީ ބަޔާން ހުށަހަޅަން ޖެހޭނެކަމަށެވެ.

ބީޕީޓީ ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކުގެ ތެރެއިން، ޖުމްލަ އާމްދަނީ 10 މިލިއަން ރުފިޔާއަށްވުރެ އިތުރުވާ ފަރާތްތައް، އެ ފަރާތެއްގެ މާލީ ހިސާބުތައް އޮޑިޓްކޮށް، އޮޑިޓަރުގެ ރިޕޯޓްވެސް ހުށަހަޅަން ޖެހޭނެކަމަށް މީރާއިން ބުންޏެވެ.

ނަމަވެސް ޖުމްލަ އާމްދަނީ 10 މިލިއަން ރުފިޔާއަށް ނާރާ އަމިއްލަ ފަރުދުންނާއި، ޕާޓްނާޝިޕްތަކާއި ކުންފުނިތަކުން އެ ފަރާތެއްގެ މާލީ ހިސާބުތައް އޮޑިޓްކުރާކަށް ނުޖެހޭނެ ކަމަށްވެސް މީރާއިން ބުންޏެވެ.

ބީޕީޓީ ބަޔާން ހުށަހަޅާ ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން އަހަރެއްގެ މައްޗަށް 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކުން އެކެއްް ޖޫން ގެ ފަހުން ހުށަހަޅާ ބީޕީޓީ ބަޔާން ހުށަހަޅަންޖެހޭނީ މީރާކަނެކްޓް މެދުވެރިކޮށް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

comment ކޮމެންޓް