މޯލްޑިވްސް ބިޒްނަސް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް ބިޒްނަސް އެވޯޑްސް --- ފޮޓޯ/ އިމޭޖެސް.އެމްވީ

ވިޔަފާރި ދާއިރާގައި ފާހަގަކުރެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ބްލޭޒަން ކުންފުނިން ރާއްޖޭގައި އަލަށް ތައާރަފުކުރާ "މޯލްޑިވްސް ބިޒްނަސް އެވޯޑްސް" އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ބްލޭޒަންގެ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެކުންފުނީގެ ސީއީއޯ ހަސަން އަބްދުﷲ ހިލްމީ ވިދާޅުވީ، ބިޒްނަސް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ކުރިން ހުޅުވާލީ މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް މިހާރު އެ މުއްދަތު އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ، އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރަން ނިންމީ ރޯދަ މަސް ތެރޭގައި އެ ވޯޑަށް އިއުލާންކޮށްފައިވާތީ، އިތުރު ފުރުސަތު ދޭން ފެންނާތީ ކަމަށެވެ.

"އަޅުގަނޑުމެން އެންޓްރީގެ ޕްރޮސެސްގަ ހުންނަނީ ހަމައެކަނި ނަންތައް ލިޔެލާފަ ލާ ފޯމެއް ނޫން. އޭގަ ސުވާލުތަކެއް އެބަހުރި ޖަވާބު ދޭން ޖެހޭ. އެހެން ވީމަ އެބޭފުޅުންގެ ޓީމްތަކާއެއްކޮށް ވާހަކަދައްކައިގެން ފޯމް ފުރައިގެން މިހިސާބަށް ގެންނަ ގޮތަށް މި އިންނަނީވެސް. އެހެންވީމަ އެ ބޭފުޅުންނަށް ޓައިމް ދޭން އެބަ ޖެހޭ،" ހަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބްލޭޒަންގެ މައިގަނޑު މަގްސަދަކީ ވިޔަފާރި ދާއިރާގައި މީހުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުން ކަމަށެވެ. އެހެން ކަމުން އެ އެވޯޑު ކުރިއަށްގެންދަން ބޭނުންވަނީ ވީހާވެސް ގިނަ ބައެއް ކުރިމަތި ލައްވައިގެން ކަމަށް ހަސަން ވިދާޅުވިއެވެ.

އެވޯޑަށް އެދި ހުށައެޅުމުގެ ފުރުސަތު ލަސް ކުރުމުން އެވޯޑު ދޭން ހަމަޖެހިފައިވާ ގާލާ އިވެންޓްވެސް އޮގަސްޓްމަހަށް ލަސްކޮށްފައިވާ ކަމަށް ބްލޭޒަން އިން ބުންޏެވެ. ނަމަވެސް ވަކިތާރީހެއް އަދި ކަނޑައަޅާފައި ނުވާކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ދަށުން ހަތަރު ދާއިރާ އަކުން ޖުމްލަ 28 އެވޯޑު ދޭން ވަނީ ނިންމައިފައެވެ. މި ދާއިރާ ތަކަކީ އިންޑަސްޓްރީ އެކްސެލެންސް، އެންޓަޕްރައިޒް އެކްސެލެންސް، އިންޑިވިޖުއަލް އެކްސެލެންސް އަދި އެލައިޓް އެވޯޑްސް އެވެ.

comment ކޮމެންޓް