އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ ބަލައި ނުގަތުމަށް ސުޕްރީމް ކޯޓުން ނިންމި މައްސަލަ މުރާޖައާ ކުރަން ހުށަހަޅާނެ ކަމަށް ދެ ފަނޑީޔާރުންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.
މިއަދު ސުޕްރީމް ކޯޓުން ހައިކޯޓުގެ ހުކުމަށް ތާއިދު ކުރުމުން ދެ ފަނޑިޔާރުންގެ މަގާމްވަނީ ގެއްލިފައެވެ. ފަނޑިޔާރުންގެ ގޮނޑި ގެއްލުނީ ދާދި ފަހުން ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގައި އެގޮތަށް ބަޔާންކޮށްފައިވާތީއެވެ. އެ ގާނޫނުގައިވާ ގޮތުން ފަނޑިޔާރަކަށް ކޮށްފައިވާ ހުކުމަކާ ގުޅިގެން ސުޕްރީމް ކޯޓުން އެ ފަނޑިޔާރަކު ކުށްވެރިވާ ކަމަށް ކަނޑައަޅާ ހިސާބުން ފަނޑިޔާރުކަން ގެއްލޭނެއެވެ.
ސުޕްރީމް ކޯޓުން ހައިކޯޓުގެ ހުކުމް ދެމެހެއްޓި މައްސަލާގައި ދެ ފަނޑިޔާރުންގެ ވަކީލުން ބުނެފައިވަނީ އިސްތިއުނާފް މައްސަލަ ބަލައި ނުގަނެ ހައިކޯޓުގެ ހުކުމް ރަނގަޅު ކަމަށް ނިންމީ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާރ ކަމަށްވާއިރު އެއީ ނިހާއީ ހުކުމެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި އެ މައްސަލަ އަލުން މުރާޖާ ކުރަން ހުށަހަޅާނެ ކަަމަށް ވަނީ ބުނެފައެވެ.
ހައިކޯޓުން ނިންމި ނިންމުގައި ބުނެފައިވަނީ އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކްރިމިނަލް ކޯޓުން ކަނޑައެޅި އަދަބު ހައިކޯޓުން ވަނީ ލުއިކޮށްދީފައެވެ. އެގޮތުން އަދަބުގެ ގޮތުގައި ކްރިމިނަލް ކޯޓުން ކަނޑައެޅި އެއް އަހަރާއި ހަތް މަހާއި ހަތް ދުވަސް ކުޑަކޮށް އަސާސީ މިންގަނޑުން އަދަބު ވަނީ ކަނޑައަޅާފައެވެ.
ކްރިމިނަލް ކޯޓުން ފަސް ދަރަޖަ މަތިކޮށް އަދަބު ކަނޑައެޅި ނަމަވެސް ހައި ކޯޓުން ކަނޑައެޅީ ދެ ދަރަޖަ ކުޑަކުރުމަށެވެ. އެހެން ކަމުން މިހާރު އަދަބަކީ އެއް އަހަރާ ދެ މަހާ 12 ދުވަހެވެ.
ދެ ފަނޑިޔާރުންނާއި ގުޅޭ މައްސަލަތަކެއް ބަލަމުންދާތީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ މީގެ ކުރިން ދެ ފަނޑިޔާރުން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފައެވެ.
ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ ވެސް ދައުލަތުން އެ ދެ ފަނޑިޔާރުންގެ މައްޗަށް ކުރެއެވެ. އެ މައްސަލަތަކުގެ ހުކުމެއް އަދި ނުކުރެއެވެ.