ދުބާއީ ބައިނަލްއަގުވާމީ ގުރުއާން މުބާރާތުގައި ރާއްޖެއިން ބައިވެރިވާނެ އަންހެން ބޭފުޅަކު ހޮވަނީ

"އައްނޫރުލް މުބީން"ގެ ނަމުގައި ބޭއްވި ރާއްޖޭގެ ފުރަތަމަ ބައިނަލްއަގްވާމީ ޤުރުއާން މުބާރާތުގެ ޝަރަފްވެރި އެއްވަނަ ހާސިލްކުރި ކުވެއިތުގެ އަބްދުﷲ މުހައްމަދު އަލްހައްޔާތަށް ރައީސުލްޖުމްހޫރިއްޔާ އެވޯޑް ހަވާލު ކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުބާއީގައި މި އަހަރު ނޮވެންބަރު ހަތަރަކުން 16 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޝައިޙާ ފާޠިމަތު ބިންތު މުބާރަކް ދުބާއީ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ އަންހެން ބޭފުޅަކު ހޮވުމުގެ ގޮތުން އެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން މިއަދު އާންމު ކުރި އިއުލާންގައި ބުނީ އެ މުބާރާތުގައި ބައިވެރިވެވޭނީ މުޅި ޤުރްއާން ތަޖުވީދުގެ ހަމަތަކާއެކު ހިތުދަސް އަންހެން ބޭފުޅަކަށް ކަމަށެވެ.

ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ އަންހެން ބޭފުޅާގެ އުމުރު 25 އަހަރަށް ވުރެ ދޮށިވެގެން ނުވާނެ ކަމަށެވެ.

އެ މުބާރާތުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅަކަށާއި އޭނާގެ އަރިހުގައި ވަޑައިގަންވާ މަޙްރަމަކަށް ދެކޮޅު ޓިކެޓާއި ހުރުމުގެ ޚަރަދު ޔުނައިޓެޑް ޢަރަބި އެމިރޭޓްސްއިން ދޭ ގޮތަށް ހަމަޖައްސައިފައިވާ ކަމަށްވެސް ޤުރުއާނާ ބެހޭ މަރުކަޒުން ބުންޏެވެ.

މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 31 ވަަނަ ދުވަހުގެ މެންދުރު 01:30 ގެ ކުރިން އެކަމަށް އެދި ޤުރުއާނާބެހޭ މަރުކަޒަށް ސިޓީއާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ކުއްޖާގެ ވަނަވަރު ހުށަހަޅަން ޖެހޭނެ ކަމަށް ޤުރުއާނާ ބެހޭ މަރުކަޒުން ބުންޏެވެ.

comment ކޮމެންޓް