ވިންޓާ ތީމު ޕާކު ހަދާފައި ވާނީ ޓިނަކުން ނޫން: މުއިއްޒު

ރަސްރަނި ބަގީޗާގެ ވިންޓާ ތީމު ސަރަހައްދުގެ އިމާރާތް ހަދަނީ -- ފޮޓޯ/ ޑރ. މުހައްމަދު މުއިއްޒު

ރަސްރަނި ބަގީޗާގައި ތަރައްގީކުރަމުންދާ ވިންޓާ ތީމް ޕާކު އަޅާފައި ވަނީ ޓިނުން ކަމަށް ބުނެ ދެކެވޭ ވާހަކަތައް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދޮގު ކުރައްވައިފި އެވެ.

ވިންޓާ ޕާކަކީ ވަރަށް ފުރިހަމަކޮށް އެއްވެސް މައްސަލައެއް ދިމާނުވާނެ ގޮތަކަށް ފިނިހޫނުމިން ދެމެހެއްޓޭނެ ގޮތަށް ހަދާ ތަނެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު އިއްޔެ ވިދާޅުވީ އެތަނަކީ ޕްރޮފެޝަނަލްކޮށް ފަރުމާކޮށް އިމާރާތް ކޮށްފައިވާ ތަނެއް ކަމަށެވެ.

މީގެ ކުރިން ރޯދަ އަށް ހުޅުވަން ނިންމިި ޕާކު ހުޅުވުން ލަސްވީ ވެސް އެތަން ފުރިހަމަކޮށް ހަދާތީ ކަމަށް މިނިސްޓަރު މީގެ ކުރިން ވިދާޅުވި އެވެ.

ހުރިހާ ގޮތަކުން ބެލިޔަސް ތަފާތު ގޮތަކަށް ތަރައްގީ ކުރާ އެތަނުގައި ވިންޓާ ތަޖުރިބާ ކުރެވޭ ގޮތަށް ސްނޯ އުފައްދާ މެޝިނާ އެކު އައިސް ސްކޭޓް ވެސް ކުރެވޭނެ ކަމަށް ހައުސިން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ސީއެސްއާރުން ހަރަދުކޮށްގެން ހަދާ ވިންޓާ ޕާކް އިމާރާތް ކުރަން ފެށީ މިދިޔަ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ. އެ ޕާކު ހުޅުވަން މިހާރު ނިންމާފައި ވަނީ ފިތުރު އީދާ ދިމާކޮށެވެ.

comment ކޮމެންޓް