ކޮރެއާއަށް ޒިޔާރަތްކުރެއްވުމަށް ކިމް، ޓްރަމްޕަށް ދައުވަތު ދެއްވައިފި

އެމެރިކާގެ ރައީސް ޓްރަމްޕް ކޮރެއާގެ ލީޑަރު ކިމް އަރިހުގައި---

ނޯތް ކޮރެއާގެ ލީޑަރު ކިމް ޖިންގް އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭއްވެވި ބައްދަލުކުރެއްވުން ކާމިޔާބު ކަމަށާއި އެ ބައްދަލުވުމަށް ފަހު ޓްރަމްޕް ކޮރެއާއަށް ވަޑައިގަތުމުގެ ދައުވަތު ކިމް އަރުވައިފި ކަމަށް ޚަބަރުތައް ބުނެފިއެވެ.

ކޮރެއާގެ ދައުލަތުގެ މީޑިއާއިން ބުނީ ދެގައުމުގެ ލީޑަރުން ބޭއްވެވި ތާރީޚީ ސަމިޓުގެ ކާމިޔާބީ އާއެކު ކޮރެއާއަށް ޒިޔާރަތް ކުރެއްވުމުގެ ދައުވަތު އެމެރިކާގެ ރައީސް ޓްރަމްޕަށް އަރުވާފައިވާ ކަމަށާއި، ޓްރަމްޕްވެސް ކިމްއަށް އެމެރިކާއަށް ޒިޔާރަތް ކުރެއްވުމުގެ ދައުވަތު އަރުވާފައިވާ ކަމަށެވެ. އަދި ޓްރަމްޕްގެ ދައުވަތު ކިމް ގަބޫލުކުރައްވާފައިވާ ކަމަށްވެސް ކޮރެއާގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.

ޓްރަމްޕް ވެސް ކިމްގެ ދައުވަތު ގަބޫލު ކުރައްވާފައިވާއިރު، ދެކޮރެޔާގެ ދެމެދުގައި ސުލްޙަ ގާއިމް ކުރުމާއި ކޮރެއަން ޕެނިންސިއުލާއަކީ ނިއުކްލިޔާ ހަތިޔާރުން ސަލާމަތްވެގެންވާ ސަރަހައްދަކަށް ހެދުމަށް ޓްރަމްޕާއި ކިމްގެ ސަމިޓްގައި ވަނީ އެއްބަސްވެފައެވެ.

އުތުރުކޮރެޔާގެ އެއްވެސް ޒައީމެއް މީގެކުރިން އެމެރިކާގެ ރައީސަކާ ބައްދަލުކުރައްވާފައެއް ނުވެއެވެ. އަދި ފޯނުން ވެސް ގުޅުއްވައި ވާހަކަ ވެސް ދައްކަވާފައެއްނުވެއެވެ. ނަވާރަސަތޭކަ ފަންސާސް އިން 1953 އަށް ހިނގި ކޮރެޔާ ހަނގުރާމައަށް ފަހު އެމެރިކާ އާއި އުތުރުކޮރެޔާއަކީ ވަރަށް ހަތުރުވެރި ދެގައުމެވެ. ދާދިފަހަކާ ޖެހެންދެން ވެސް އެއްގައުމު އަނެއްގައުމަށް ނިއުކްލިޔާ ހަތިޔާރުން ޙަމަލާދޭނެ ކަމުގެ އިންޒާރުތައް ދީ އެއްގައުމު އަނެއް ގައުމަށް ބިރު ދައްކާފައިވެ އެވެ. އަދި އުތުރުކޮރެޔާއާ ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ފަހަތުގައިވާ މައިގަނޑު ގައުމަކީ ވެސް އެމެރިކާއެވެ.

comment ކޮމެންޓް