ކުޅިވަރާއި ޒުވާނުންގެ މެނިފެސްޓޯ ތަންފީޒު ކުރުމުގައި ސިވިލް ސާވަންޓުންނާއި ޒުވާނުންގެ ދައުރު ބޮޑު: ހުސައިން ވަހީދު

ރައީސް އަބްދުﷲ ޔާމީން ޒުވާނުންތަކަކާއި އެކު-ސަން ފޮޓޯ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކުޅިވަރާއި ޒުވާނުންގެ މެނިފެސްޓޯގައި ހިމެނޭ ހުރިހާ ކަމެއްހެން ތަންފީޒުވަމުން އަންނައިރު އެކަން އެހާ ފުރިހަމައަށް ކުރެވެނީ ތަންފީޒީ މަސައްކަތް ކުރަން ތިބި ސިވިލް ސާވަންޓުންނާއި ރާއްޖޭގެ ޒުވާނުންގެ ފަރާތުން އެކަމަށް ބޮޑު އެއްބާރުލުމެއް ލިބޭތީ ކަމަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ރިޓަޔަޑް ކަމިޝަނާރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓްރީގެ މަސައްކަތްތަކާއި ކުޅިވަރު އަދި ޒުވާނުންގެ މެނިފެސްޓޯ ތަރައްގީ ކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން "ސަން" އަށް މައުލޫމާތު ދެއްވަމުން ހުސައިން ވިދާޅުވީ، މި ސަރުކާރަށް ފަސް އަހަރުވުމާއި ގާތަށް އަންނަ އިރު އެންމެ ބޮޑަށް ތަންފީޒު ކުރެވުނު އެއް ކަމަކީ ޒުވާނުންނާއި ގުޅޭ ކަންކަން ކަމަށެވެ.

ފުވައްމުލަކު ޒުވާނުންގެ މަރުކަޒު--

ފާއިތުވި ތިރީސް ދުވަހު އެ މިނިސްޓްރީގެ މަސައްކަތްތައް އިތުރުކޮށް މެކުހަށް ޖަހާފައިވާއިރު ހުސައިން ވިދާޅުވީ، މިދިޔަ 30 ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި 18 އަށް ވުރެ ގިނަ ޒުވާނުންގެ މަރުކަޒު މަރާމާތުކޮށް އެތަންތަން އަލުން ޒުވާނުންނަށް ބޭނުން ކުރެވޭގޮތް ހަދާފައިވާ ކަމަށެވެ. އަދި ވިދާޅުވީ 38 ރަށެއްގައި ހުރި ޔޫތު ސެންޓަރުތަކަށް ކުޅިވަރުކުޅޭ ސާމާނު ފޮނުވާފައިވާ ކަމަށެވެ.

"ކުރިއަށް މިއޮތީ ވޯލްޑްކަޕް. މިއީ ޒުވާނުންނަށް އަންނާނެ ކުޅިވަރުގެ އެންމެ ބޮޑު އީދު. ޒުވާނުންނާއި ގުޅޭ ކަންކަން ތަންފީޒު ކުރަން ތިބޭ ބައެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވޯލްޑް ކަޕް ފެށޭއިރަށް މެޖޯރިޓީ ޒުވާނުންގެ މަރުކަޒުތައް މަރާމާތުކޮށް އަލުން ހިދުމަތްދެވޭ ވަރުވުން. އިތުރު ޒުވާނުންގެ މަރުކަޒުތަކުގެ އާބާތުރަ ފިލުވުންވެސް ބާރަށް ކުރިއަށް އެބަދޭ،" ހުސައިން ވިދާޅުވިއެވެ.

ގައްދޫ ފުޓްސަލް ދަނޑު --- ފޮޓޯ: ޔޫތު މިނިސްޓްރީ

ހުސައިން ވިދާޅުވީ، ކުޅިވަރާއި ޒުވާނުންގެ މެނިފެސްޓޯ ތަންފީޒު ކުރުމުގެ މަސައްކަތުގެ ތެރެއިން މާލެއެއް އަތޮޅު ތެރެއެއް ފަރަގު ކުރުމެއް ނެތި އެ މިނިސްޓްރީން ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ. އެހެންކަމުން އަތޮޅު ތަކުގެ ރަށްރަށަށް މިވަގުތަށް ދިމާވެފައި ހުރި ބޮޑެތި ކަންކަން ފާއިތުވި 30 ދުވަހުގެ ތެރޭ ހައްލުކޮށްފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ޔޫތު ސެންޓަރު ނެތް 21 ރަށަކަށް ކުޅިވަރުކުޅޭ ޒަމާނީ ސާމާނު ފޯރުކޮށްދިނުމާއި 22 ރަށެއްގެ ފުޓްސަލް ދަނޑުތަކަށް ބޭނުންވާ ލެޑް ލައިޓްގެ 122 އަށް ވުރެ ގިނަ ލައިޓް ފޮނުވައި ޒުވާނުންނަށް މިހާރުން މިހާރަށްވެސް ބޭނުންކަންކަން ހަމަޖައްސައިދެވިފައިވާނެ ކަމަށެވެ.

ހުސައިން ވިދާޅުވީ، ބާރު ސްޕީޑުގައި ކުޅިވަރު މެނިފެސްޓޯ ތަންފީޒު ވަމުންދަނީ ރައީސް ޔާމީން އެކަމަށް ދެއްވާ އިސްކަމުގެ ސަބަބުން ކަމަށެވެ. އެގޮތުން ޒުވާނުންނާއި ގުޅޭ އެއްވެސް ކަމެއް ތަންފީޒުނުވެ އޮތުމަކީ ރައީސް ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށާއި ޒުވާނުންނަކީ މި ސަރުކާރުގައި އަބަދުވެސް ހާއްސަ އިސްކަމެއްދޭ ބައެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާ ކަމަށެވެ. އަދި ކުޅިވަރު މެނިފެސްޓޯ ތަންފީޒު ކުރަމުންދަނީ ސީދާ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ 20 އަތޮޅުގައި ދިރިއުޅޭ ޒުވާނުންނާއި ހަމައަށް ކުޅިވަރު މެނިފެސްޓޯގައި ހިމެނޭ ކަންކަން ވާސިލްވެފައި ވަނީ ޔޫތު މިނިސްޓްރީގެ ސިވިލް ސާވަންޓުންނާއި އެ މިނިސްޓްރީގެ ސިޔާސީ މަގާމްތަކުގައި ތިބި ބޭފުޅުންގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި ހަލުވި ކަމާއި އެކު މެނިފެސްޓޯ ތަންފީޒު ވުމުގައި ޒުވާނުންގެ ބައިވެރިވުންވެސް ބޮޑު ކަމަށް ވިދާޅުވިއެވެ.

ގަލޮޅު އެކްޓިވިޓީ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ޔޫތު މިނިސްޓްރީ

" އެކިއެކި މިނިސްޓްރީ ތަކުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދޭ. ހާއްސަ ގޮތެއްގައި ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް، އެކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދުމެން ފަދަ ބޭފުޅުން ވަރަށް ބުރަކޮށް މިކަމަށް މަސައްކަތްކޮށްދެއްވާ. އަދި ޕީޕީއެމް އޮފީހާއި ރައީސް ޔާމީން ކެމްޕެއިން އޮފީހުންވެސް މިކަމުގައި ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ. ހާއްސަ ގޮތެއްގައި ކަމަށް ބޭނުންވާ ޑޭޓާތައް ހޯދުމުގައި،" ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރުވެސް 39 ފުޓްސަލް ދަނޑެއްގެ މަސައްކަތް ނިމިފައިވާ ކަމަށާއި ވަރަށް އަވަހަށް އެތަންތަން ހުޅުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް އަވަސް މުސްތަގުބަލުގައި މިހާރު ނުނިމި ހުރި ދަނޑުތައްވެސް ނިންމާނެ ކަމަށް ވިދާޅުވިއެވެ.

ހުސަައިން ވިދާޅުވީ ދަނޑުތައް ނިމިގެންދާ ސްޕީޑް އަވަސްވެފައިވަނީ ސަރުކާރުގެ ކުންފުނިތަކުންދޭ އެއްބާރުލުމާ އެކު ކަމަށެވެ. އަދި މި ފަސް އަހަރު ވެގެންދިޔައީ ޒުވާނުންނާއި ކުޅިވަރަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރެވުނު ފަސް އަހަރަށް ކަމަށެވެ.

comment ކޮމެންޓް