ސުޕްރީމް ކޯޓުންވެސް ހުކުމް ކުރީ އެސްބީއައި އިން ޝީޝާއަށް 13 މިލިއަން ރުފިޔާ ދިނުމަށް

18 މިލިއަން ރުފިޔާ ގެއްލުނު މައްސަލައާ ބެހޭގޮތުން ޝީޝާގެ ތިން ބެއިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަންފައިލް ފޮޓޯ

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގައި ޝީޝާގެ ތިން ބެއިން ހުޅުވާފައިވާ އެކައުންޓުން މަކަރާއި ހީލަތުން ބަޔަކު ނެގި 18 މިލިއަން ރުފިޔާގެ ތެރެއިން އެ ތިން ބެއިންނަށް ނުލިބިވާ 13.5 މިލިއަން ރުފިޔާ ދެއްކުމަށް ސުޕްރީމް ކޯޓުން އެސްބީއައިގެ މައްޗަށް ހުކުމް ކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިއަދު އެގޮތަށް ހުކުމް ކުރީ އެ މައްސަލާގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް އެސްބީއައި އިން އެ ކޯޓުގައި އިސްތިއުނާފުކުރި މައްސަލަ ބެލުމަށްފަހު އިއްވި ހުކުމެކެވެ.

ހައިކޯޓުން އިއްވި ހުކުމްގައި ވަނީ ވަގު ޑޮކިއުމެންޓުތަކެއް ހުށަހަޅައިގެން މަކަރާއި ހީލަތުން އެ ފައިސާ ނެގުމުގައި އެސްބީއައިގެ އިހުމާލު އެބައޮތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައި ވަނީ ރަނގަޅަށް ކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުގެ ހުކުމަށް ބަދަލުގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށް އެ ހުކުމްގައި ވެއެވެ.

އެކަމުގައި އެސްބީއައިގެ އިހުމާލު އޮތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައި ވަނީ ކަމާ ބެހޭ އެކްސްޕާޓުން ޝަރީއަތަށް ހާޒިރުކޮށް އެ މީހުންނާ ސުވާލުކޮށް މައުލޫމާތު އޮޅުންފިލުވުމުގެ އިތުރުން ކަމާ ގުޅޭ ލިޔުންތަކަށް ވެސް ރިއާޔަތް ކުރުމަށްފަހު ކަމަށް ހައިކޯޓުގެ ހުކުމްގައި ވެއެވެ.

comment ކޮމެންޓް