ފިތުރު ޒަކާތް ދެއްކުމަށް ބާކީ ތިން ދުވަސް، މިހާތަނަށް ހަތަރު މިލިއަން ރުފިޔާ ދައްކައިފި

ފިތްރު ޒަކާތް ދެއްކުމަށް ބަޔަކު އިސްލާމިކް މިނިސްޓަރުގައި ހުންނަ ކައުންޓަރު ކައިރީގައި --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ހަތަރު މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ޒަކާތް ބަލައިގަންނަން އިސްލާމިކް މިނިސްޓްރީން ނިންމާފައިވާއިރު، އޮންލައިންކޮށް އަދި މޯބައިލް މެދުވެރިކޮށް ޒަކާތް ދެއްކުމުގެ ފުރުސަތު ވަނީ ބަންދު ވެފައެވެ.

އިސްލާމިކް މިނިސްތްރީން މިއަދު ބުނީ، އިއްޔެގެ ނިޔަލަށް 106،357 މީހުން ޒަކާތް ދައްކާފައިވާ ކަމަށެވެ. އަދި ޒަކާތުގެ ގޮތުގައި ޖުމްލަ 4,051,748 (ހަތަރު މިލިއަން ފަންސާސް އެއްހާސް ހަތް ސަތޭކަ ސާޅީސް އަށެއް) ރުފިޔާ ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ އަދަދަކީ، އިސްލާމިކް މިނިސްޓްރީ އަށާއި ބޭންކް އޮފް މޯލްޑިވްސް، އުރީދޫ، ދިރާގު، މޯލްޑިވްސް އިސްލާމިކް ބޭންކް، ވިލިމާލެ ޔުނިޓް އަދި ހުޅުމާލޭގައި ހުންނަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ޒަކާތް ދެއްކި މީހުންގެ ތަފްސީލެވެ.

އިސްލާމިކް މިނިސްޓްރީން ހިއްސާކުރި ހިސާބުތަކަށް ބަލާއިރު އެންމެ ގިނަ ބަޔަކު ޒަކާތް ދައްކާފައިވަނީ އިސްލާމިކް މިނިސްޓްރީއަށެވެ. އެގޮތުން 46،701 މީހަކު 1.7 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީއަށް ގޮސް ދައްކާފައިވެއެވެ.

ޒަކާތް ދެއްކި ގޮތުގެ ތަފްސީލް:

ބީއެމްއެލް:

  • ދެއްކި މީހުން: 26،504
  • ލިބުނު ފައިސާ: 1,318,976

އުރީދޫ:

  • ދެއްކި މީހުން: 5،456
  • ލިބުނު ފައިސާ: 138,334

އެމްއައިބީ:

  • ދެއްކި މީހުން: 2،670
  • ލިބުނު ފައިސާ: 129,726

ވިލިމާލެ ޔުނިޓް:

  • ދެއްކި މީހުން: 3،202
  • ލިބުނު ފައިސާ: 73,484

އެޗްޑީސީ:

  • ދެއްކި މީހުން: 7،265
  • ލިބުނު ފައިސާ: 210,511

ދިރާގު:

  • ދެއްކި މީހުން: 14،559
  • ލިބުނު ފައިސާ: 421,095

ފައިސާގެ ބަދަލުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު ވެސް މާދަމާގެ ނިޔަލަށް ހުޅުވާލާފައިވާއިރު އިސްލާމިކް މިނިސްޓްރީން ބުނީ، މިއަދުގެ މެންދުރު 12:00 އާ ހަމައަށް 2،292 މީހަކު ގޮވާމުން ފިތުރު ޒަކާތް ދައްކާފައިވާ ކަމަށެވެ.

ގޮވާމުން އެންމެ ގިނަ މީހުން ފިތުރު ޒަކާތް ދައްކާފައިވަނީ ބާސްމަތީ ހަނޑުލުންނެވެ. އެގޮތުން 1،449 މީހަކު އެ ހަނޑުލުން 4،477.60 ކިލޯގުރާމް ދައްކާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ގޮވާމުން ފިތްރު ޒަކާތް ދެއްކި ގޮތުގެ ތަފްސީލް:

އާދައިގެ ހަނޑޫ:

  • ދެއްކި މީހުން: 758
  • ލިބުނު ވަރު: 1،819.20 ކިލޯގުރާމް

ތައިލެންޑް ހަނޑޫ:

  • ދެއްކި މީހުން: 28
  • ލިބުނު ވަރު: 67.20 ކިލޯގުރާމް

ރަތް ހަނޑޫ:

  • ދެއްކި މީހުން: 11
  • ލިބުނު ވަރު: 26.40 ކިލޯގުރާމް

ގޮދަން ފުށް:

  • ދެއްކި މީހުން: 46
  • ލިބުނު ވަރު: 110.40 ކިލޯގުރާމް

ޒަކާތަކީ އިސްލާމް ދީނުގެ ފަސް ރުކުނުގެ ތެރެއިން އެއް ރުކުނެވެ. ތަނަވަސްކަން ލިބިގެންވާ ކޮންމެ މީހަކު ޒަކާތް ނެރުން ވާޖިބުވެއެވެ. ޒަކާތް ދެއްކުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ނިކަމެތިންގެ ހާލަތު އިހުސާސްވެ، މުދާ ތާހިރުކުރެއްވުމެވެ. ޒަކާތުގެ ގޮތުގައި ނެރެންޖެހެނީ ޒަކާތުގެ ނިސާބުގެ ގޮތުގައި ކަނޑައަޅާ އަދަދަކުންނެވެ.

ރަމަޟާން މަހު ދައްކާ ފިތުރު ޒަކާތަކީ ރަމަޟާން މަހުގެ ރޯދައާއި ގުޅިގެން ކުރުމަށް އަންގަވާފައިވާ އަޅުކަމެކެވެ. ފިތުރު ޒަކާތުގެ ގޮތުގައި ނެރެންޖެހެނީ އެބަޔަކު އަހަރުގެ ތެރޭގައި އާންމުކޮށް ކައި އުޅުނު ހަނޑުލުގެ ބާވަތަކަށް ބަލައިގެންނެވެ.

އަދި ފިތުރު ޒަކާތަކީ ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް ފިތުރު އީދުގެ ކުރިން ބަހަން ޖެހޭ އެއްޗެކެވެ.

comment ކޮމެންޓް