ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރިއަކަށް ނާދިހް އަބްދުލް ހަމީދު ހޮވިއްޖެއެވެ.
ޕީއެސްްއެމްއިން ރޯދަމަހު ގެނެސްދިން އެންމެ އަލިގަދަ ޖޫނިއާ ތަރި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ނާދިހްއަށް އެންމެ އަލިގަދަ ޖޫނިއާ ތަރީގެ އެވޯޑް ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުއެވެ.
ރޭގެ ރަސްމިއްޔާތުގައި ނާދިހްއަށް ވަނީ ރައިސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އެކި ގިފްޓް ހެމްޕާތަކާއި އަދި ޕީއެސްއެމްއިން ހުށަހެޅި 300،000 ރުފިޔާގެ އިނާމު އަރުވައިފައެވެ.

އެންމެ އަލިގަދަ ދެވަނަ ތަރިއަކަށް ހޮވުނު މުހައްމަދު ސާއީ މުބާރިކްއަށް އިނާމް އަރުވަނީ-- ފޮޓޯ: ޕީއެސްއެމް
ނާދިހް އެ މުބާރާތުން އެއްވަނަ ހޯދީ ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ބޭއްވި އޮޑިޝަންތަކުން ބައިވެރިވި ބައިވެރިންގެ ތެރެއިން ހޮވުނު 12 ބައިވެރިއަކާ ވާދަކޮށްގެންނެވެ. ނާދިހް އަކީ ހާފިޒެއްވެސް މެއެވެ.
އެ މުބާރާތުގެ ދެވަނަައަށް މުހައްމަދު ސާއީ މުބާރިކް ހޮވިފާވާއިރު އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 150،000 ރުފިޔާ އަރުވައިފައެވެ. އަދި މުބާރާތުން ތިންވަނައަށް ހޮވުނު އަބްދުލް ހަޔާން ހަމީޒްއަށް ވަނީ 50،000 ރުފިޔާ އަރުވައިފައެވެ.

އެންމެ އަލިގަދަ ތިންވަނަ ތަރިއަކަށް ހޮވުނު އަބްދުލް ހަޔާން ހަމީޒްއަށް އިނާމް އަރުވަނީ-- ފޮޓޯ: ޕީއެސްއެމް
ޕީއެސްއެމް އިން ރޭ ގެނެސްދިން އެންމެ އަލިގަދަ ޖޫނިއާ ތަރީގެ ފައިނަލް ޝޯގައި ފަސް ބައިވެރިން ވަނީ ވާދަކޮށްފައެވެ. އެ ބައިވެރިން ވަނީ ބަލައިގެންނާއި ހިތުން ކިޔެވުމުންގެ އިތުރުން ބައެއް ތަޖުވީދުގެ ސުވާލުތަކަށްވެސް ޖަވާބުދީފައެވެ.
އެންމެ އަލި ގަދަ ޖޫނިއާ ތަރި ޕްރޮގްރާމަކީ ޕީއެސްއެމްއިން މިހާތަނަށް ގެނެސްދިން އެންމެ އަގުބޮޑު މުބާރާތެވެ. މިއީ އުމުރުން އަށް އަހަރާއި 16 އަހަރުގެ ކުދިންނަށް ހުޅުވާލައިގެން ބޭއްވި މުބާރާތެކެވެ.