ރަމަޟާން މަހަކީ ތައުބާގެ މައްސަރު ކަމަށާއި، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ލައިލަތުލް ޤަދްރިވިލޭރޭ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އިއްވި ހުތުބާގައި ބުނެފައި ވަނީ ރަމަޟާން މަހަކީ ހެޔޮކަމުގެ މައްސަރުކަމަށާއި އެ މަހުގެ ބޭނުން ހެޔޮތުގައި ހިފުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
ފާއިތުވަމުން މިދަނީ ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތައް ކަމަށާއި މިރޭތަކުގެ ތެރެއިން ރެއެއްގައި ލައިލަތުލް ޤަދްރިވިލޭރޭ ލައްވާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ ރަމަޟާން މަސް އެމީހަކާ ބައްދަލުވުމަށްފަހު އެމަހުގެ ދުވަސްތަކުގައި އެމީހެއްގެ ފާފަނުފުހެވޭ މީހަކީ ބަދުނަސީބުވެރިއެއް ކަމަށާއި އެފަދަ ބަދުނަސީބުކަމުން ސަލާމަތްވޭތޯ ގަދައަޅާ މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
ލައިލަތުލް ޤަދްރިވިލޭރެއަކީ ކުރިއަށް އޮންނަ އަހަރަށް މާތްﷲ ދުނިޔޭގެ ކަންކަން ކަނޑައަޅުއްވާ ނިންމާ ރޭ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި އެރެއަކީ ކީރިތި ގުރުއާން ބާވާލެއްވުނު މަތިވެރި ރޭ ކަމަށާއި އެރެއާ ބެހޭ ގޮތުން މާތްﷲ ގުރުއާނުގައި ސޫރަތެއް ބާވާލައްވައިފައިވާ ކަމަށެވެ.
މިއަދުގެ ހުތުބާގައި ބުނެފައި ވަނީ ލައިލަތުލްޤަދުރި ވިލޭރޭ، އިޚްލާސްތެރިކަމާއެކު އަޅުކަމައިގެން ޤާއިމުވެހުރުމުގެ ނަސީބު ލިބިއްޖެ މީހަކީ ބާއްޖަވެރިއެއް ކަމަށެވެ.
އެފަދަ ބާއްޖަވެރި ދުވަސްތައް ކުޅިވަރާ މަޖަަލުގައި ހޭދަނުކުރުމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ. ރަމަޟާން މަހަށް އަލްވަދާއު ކިޔުމަށް ކުޑަތަން ވަމުން އަންނައިރު ހަނދާންކުރަން ޖެހޭ ކަމަކީ އެ މަހުގެ ރޯދަ ހިފުމާއެކު މުސްލިމުންގެ މައްޗަށް ވާޖިބުކުރައްވާފައިވާ ފިތުރު ޒަކާތް ދެއްކުމަށް ވެސް މިއަދުގެ ހުތުބާގައި ވަނީ ބުނެފައެވެ.
ހުތުބާގައި ބުނީ ފިތުރު ޒަކާތް ނެރެން ޖެހޭނީ އީދު ނަމާދުގެ ކުރިން ކަމަށާއި އުޒުރަކާ ނުލާ ޒަކާތް ނެރުން އީދު ނަމާދަށްވުރެ ފަސްކުރުމަކީ ފާފައެއް ކަމަށެވެ.
ކުރެވިފައިވާ ފާފަތަކުގެ ސަބަބުން މާޔޫސް ނުވުމަށާއި އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް އެއްލާނުކުމަށް ހުތުބާގައި ވަނީ ބުނެފައެވެ. އެންމެހާ ފާފަތައް ފުއްސަވާނެ ކަމުގެ އުފާވެރި ޚަބަރު މާތް ﷲގެ އަޅުތަކުންނަށް ދެއްވާފައިވާ ކަމަށް ވެސް ހުތުބާގައިވެއެވެ.