އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި މިރޭ ކުޅުނު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.
ނިއުއާއި ޓީސީ ފުރަތަމަ ބުރުގައި ކުޅުނު މެޗުވެސް ނިއުއިން ކާމިޔާބުކޮށްފައި އޮތް އިރު، މިރޭ ގައުމީ ދަނޑުގައި ކުޅުނު މެޗު ނިއުއިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ދަގަނޑޭ ދެ ގޯލް ޖަހައިފައިވާ އިރު، މިރޭގެ ދެ ގޯލާއެކު އޭނާ މާލޭ ލީގުގައި ޖެހި ގޯލްގެ އަދަދު ވަނީ 13 އަށް އަރައިފައެވެ.
މިރޭގެ މެޗަށް ނިއުއިން ނުކުތީ ޓީމުގެ އެއްވެސް ބިދޭސީ ކުޅުންތެރިއަކު ނުލައެވެ. ކަންޑެލާއާއި ޑިފެންޑަރު ޖޯޖު ގޮޓޯ އަނިޔާގައި ހުރި އިރު، ހާރޫން އަމީރީ މިރޭ ސްކޮޑުގައި ހިމެނިފައެއް ނުވެއެވެ. އަމީރީ ނިއު ދޫކޮށްލާނެކަމުގެ ވާހަކަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި ޓީސީގެ ޑިއޯ ވިލިއަމްސްއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ހުރަސްކޮށް ބޭރަށެވެ. މެޗުގެ ފުރަތަމަ 20 މިނެޓުގައި އިތުރު ހަމަލާއެއް ފެނިގެން ގޮސްފައި ނުވާ އިރު، މެޗުގެ 23 ވަނަ މިނެޓުގައި ނިއުގެ ފުރަތަމަ ހަމަލާއިން އެޓީމު ލީޑު ނެގިއެވެ.
ޓީސީގެ އޭރިއާ ކަނާތް ފަޅިން ނިއުއަށް ލިބުނު ހިލޭ ޖެހުން އަލީ ފާސިރު (ސެންޓޭ) ކުރިއަށް ފޮނުވާލި އިރު، އެ ބޯޅަ ގޯލަށް ވަނީ ނިއުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)ގެ ބޮލުގައި ކުޑަކުޑަކޮށް ޖެހި މިސްރާބު ބަދަލުވެގެންނެވެ.
ނިއުގެ ގޯލަށްފަހު ފުރަތަމަ ހާފްގެ ބާކީބައިގައި ރަނގަޅަށް ކުޅުނީ ޓީސީންނެވެ. އެގޮތުން ޓީސީން ކުރިއަށް ޖެހި ގިނަ އެޓޭކްތަކެއް އުފެއްދުމަށް މަސައްކަތް ކޮށްފައިވާ އިރު، މެޗުގެ 32 ވަނަ މިނެޓުގައި ކެޕްޓަން އަހުމަދު ފައްރާހު (ފައްރަ) ދުރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލްގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
ފުރަތަމަ ހާފް ޓީސީން ރަނގަޅަށް ކުޅެ ނިންމާލި ނަމަވެސް ދެވަނަ ހާފް ވަރުގަދަކޮށް ފެށީ ނިއުއިންނެވެ. ހާފްގެ ކުރީކޮޅުގައި ސެންޓޭގެ ތުރޫ ބޯޅައިން އިބްރާހީމް އަތީގަށް ލިބުނު ހަމަލާ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ދެވަނަ ހާފްގައި އަތީގުގެ ބަދަލުގައި ހަމްޒާ މުހައްމަދު (ހަމްޕު) ކުޅުމަށް ނުކުތުމާއެކު، ނިއުގެ އެޓޭކް ވަނީ ވަރުގަދަވެފައެވެ. ހާއްސަކޮށް ނިއުގެ ކުރިއަށް ސަޕްލައި ކުރެވިގެން ދިޔަ ބޯޅަތައް ގިނަވެގެން ދިޔަކަން ފާހަގަކޮށްލެވުނެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ދަގަނޑޭގެ ބާރު ހަމަލާއެއް ފެނިފައިވާ އިރު، ހަމަލާގެ ހުރަހަކަށްވީ ޓީސީގެ ގޯލް ބަލަހައްޓަމުން ދިޔަ އިފްރާހް އަރީފެވެ. މެޗުގެ 72 ވަނަ މިނެޓުގައި ދަގަނޑޭގެ ފަރާތުން ރީތި ހިލޭ ޖެހުމެއްވެސް ފެނިފައިވާ އިރު، އެ ހިލޭ ޖެހުމަކީ ޓީސީ ކީޕަރު އިފްރާހް، އޭރިއާ ބޭރުން ބޯޅަ ހިފުމުން ރެފްރީ ދިން ހިލޭ ޖެހުމެކެވެ.
މެޗުގެ ފަހު މިނެޓްގައި ދަގަނޑޭގެ ދެވަނަ ގޯލް އޭނާ ޖެހީ، ޓީސީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވަދެ، ހުސްކޮށް އޮވެ ބޯޅަ ފޮނުވާލައިގެންނެވެ.
މިރޭގެ މެޗަށް ނުކުތް އިރުވެސް ނިއުއަށް އޮތީ މިއަހަރުގެ މާލޭ ލީގު ޔަގީން ވެފައެވެ. އެޓީމަށް އަދި ބާކީ އެއް މެޗު އޮތް އިރު، ލީގުގެ ފަހު މެޗުގައި ނިއުއިން ކުޅޭނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ. މިރޭގެ މެޗަށް ނުކުތް އިރު، ޓީސީއަށްވެސް އޮތީ ދިވެހި ޕްރިމިއާ ލީގު ޔަގީން ވެފައެވެ.
ނިއުއަށް ލީގު ތާވަލުގެ އެއްވަނައިގައި 13 މެޗުން 34 ޕޮއިންޓް ލިބިފައިވާ އިރު، 13 މެޗުން 19 ޕޮއިންޓާއެކު ޓީސީ އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ.
މާލޭ ލީގުގެ މެޗެއް މާދަމާރޭވެސް އޮންނާނެއެވެ. މާދަމާ ރޭ 10:00ގައި އޮންނަ މެޗުގައި ވާދަކުރާނީ މާޒިޔާއާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.