ޓްރަމްޕްގެ ވެރިކަމުގައި، ވައިޓް ހައުސްގައި ފުރަތަމަ ފަހަރަށް ރޯދަ ވީއްލުމެއް ބާއްވައިފި

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ވައިޓް ހައުސްގައި ފުރަތަމަ ފަހަރަށް ރޯދި ވީއްލުމެއް ވަނީ ބާއްވާފައި -- ފޮޓޯ: އޭޕީ

ވޮޝިންޓަން (ޖޫން 7): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި، ވައިޓް ހައުސްގައި ފުރަތަމަ ފަހަރަށް ރޯދަ ވީއްލުމެއް ބާއްވައިފި އެވެ.

ވައިޓް ހައުސްގައި ކޮންމެ އަހަރަކު ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނަށާއި ކެބިނެޓު އޮފިޝަލުންނަށާއި އެމެރިކާގެ މުސްލިމް ޖަމްއިއްޔާތަކަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބޭއްވުމަކީ ރައީސް ބިލް ކްލިންޓަންގެ ވެރިކަމުން ފެށިގެން ކުރަމުން އަންނަ ކަމެކެވެ.

ނަމަވެސް ރިޔާސީ ކެމްޕެއިން ތެރޭގައި މުސްލިމުންނަށް ތަކުރާރުކޮށް ފާޑު ވިދާޅުވެފައިވާ ޓްރަމްޕް ވަނީ މިދިޔަ އަހަރު ވައިޓް ހައުސްގައި ރޯދަ ވީއްލުމެއް ބާއްވަން ދެކޮޅު ހައްދަވައިފަ އެވެ.

މިދިޔަ އަހަރު ޓްރަމްޕް ވަނީ މުސްލިމް ފަސް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާ ކުރާ އަމުރެއްގައި ސޮއި ކުރައްވާފައި އެވެ. އަދި ސީރިއާގެ ހަނގުރާމައިން ސަލާމަތްވުމަށް ގައުމު ދޫކޮށްދާ ރައްޔިތުންނަކީ 'ވިހަގަދަ ހަރުފައިންގެ' ގޮތުގައި ސިފަ ކުރައްވާފައި އެވެ.

ނަމަވެސް އިއްޔެގެ ރޯދަ ވީއްލުމުގައި ޓްރަމްޕް ވަނީ ދުނިޔޭގެ ހުރިހާ މުސްލިމުންނަށް ރޯދަ މަހުގެ ތަހުނިޔާ ފޮނުއްވައިފަ އެވެ. އަދި އެމެރިކާ އާއި މެދުއިރުމަތީގެ ގައުމުތަކާ މެދު އާލާވެފައިވާ އެކުވެރިކަމާއި އެއްބާރުލުމަށް ޝުކުރުވެރިވާ ކަމަށް ވިދާޅުވެފަ އެވެ.

އިއްޔެގެ ރޯދަ ވީއްލުމަށް 50 މީހަކަށް ދައުވަތު އަރުވާފައިވެ އެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއާގެ ސަފީރު ޕްރިންސް ޚާލިދު ބިން ސަލްމާން އާއި އުރުދުންގެ ސަފީރު ދީނާ ކަވާރު ހިމެނެ އެވެ. މީގެ އިތުރުން ޔުނައިޓެޑް އެރެބް އެމިރޭޓްސް، މިސްރު، ތޫނިސް، ގަތަރު، ބަހްރެއިން، މޮރޮކޯ، އަލްޖީރިއާ އަދި ލީބިޔާގެ ސަފީރުން ވެސް އެރޯދަ ވީއްލުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އެމެރިކާގެ ގިނަ މުސްލިމް ޖަމްއިއްޔާތަކުން ވަނީ ވައިޓް ހައުސްގައި މިއަހަރު ބާއްވާ ރޯދަ ވީއްލުމުގެ ބައިވެރި ނުވާނެ ކަމަށް މީގެ ކުރިން ބުނެފަ އެވެ. (އޭއެފްޕީ)

comment ކޮމެންޓް