ދެ ގައުމު ގުޅިގެން ރާއްޖެއަށް ހަގީގީ ޑިމޮކްރަސީއެއް ގެނެވިދާނެ: އެމެރިކާ ސަފީރު

އެމެރިކާ އެމްބަސީ އިން އިންތިޒާމްކޮށްގެން ރޭ ހޮޓެލް ޖެންގައި ބޭއްވި ރޯދަ ވީއްލުމުގައި ސަފީރު އަތުލް ކެޝަޕް ވާހަކަ ދައްކަވަނީ --

އެމެރިކާ އާއި ރާއްޖެ ގުޅިގެން ހަގީގީ ޑިމޮކްރަސީއެއް ރާއްޖެއަށް ގެެނެވިދާނެ ކަމަށް އެމެރިކާގެ ސަފީރު އަތުލް ކެޝަޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ އެމްބަސީގެ ފަރާތުން އިންތިޒާމްކޮށްގެން ރޭ ހޮޓެލް ޖެންގައި ބޭއްވި ރޯދަ ވީއްލުމުގައި ވާހަކަ ދައްކަަވަމުން ކެޝަޕް ވިދާޅުވީ އެމެރިކާ އިން ބޭނުން ވަނީ ދިވެހިން ބޭނުންވާ ގޮތަށް ސުލްހަވެރި އަމާން އަދި ޑިމޮކްރެޓިކް ގައުމެއްގެ ގޮތުގައި ރާއްޖެ އޮންނަތަން ދުށުމަށް ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް ޓަކައި މުހިންމު ދައުރެއް ކުޅޭތަން ދެކެން ބޭނުންވާ ކަމަށެވެ.

"ދެފުށް ފެންނަ ހަގީގީ ޑިމޮކްރެޓިކް ވެއްޓެއް އޮންނަ އަދި އިންޑިއާ ކަނޑުގެ އެހެނިހެން ގައުމުތަކަށް ނަމޫނާ ގައުމަކަށް ރާއްޖެ ވާތަން ދެކެން އަޅުގަނޑު ބޭނުންވޭ،" ކެޝަޕް ވިދާޅުވި އެވެ.

ކެޝަޕް ވިދާޅުވީ ރާއްޖެ އާއި އެމެރިކާ ގުޅިގެން ދެފަރާތަށް ދިމާވާ ކަންތައްތަކުގައި އެއްބާރުލުންދީ ގުޅުން އިތުރަށް ބަދަހިކޮށް އަދި ރާއްޖޭގެ އަންނަން އޮތް ޖީލުތަކަށް މިއަށް ވުރެ ރަނގަޅު ފެހި މާދަމާއެއް އަދި އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

ކެޝަޕް ވިދާޅުވީ އެމެރިކާ އާއި ރާއްޖެ ގުޅިގެން މަސައްކަތް ކޮށްފި ނަމަ ރާއްޖެ އާއި އެމެރިކާ އިން ބޭނުންވާ ފަދަ ދެފުށް ފެންނަ ޑިމޮކްރެޓިކް ގައުމަކަށް ރާއްޖެ ހެދިދާނެ ކަމަށެވެ.

ރޭގެ ރޯދަ ވީއްލުމުގައި ސަރުކާރާއި އިދިކޮޅު ފަރާތްތައް އަދި ބައެއް ޖަމިއްޔާތަކުގެ ބޭފުޅުން ބައިވެރިވި އެވެ.

comment ކޮމެންޓް