ހޯރަފުށީ ރައްޔިތުންގެ "ދިޔަވަރަށް ހިކުނު ހުވަފެނީ އެއާޕޯޓް" އެންމެ ފަހުން ހަގީގަތަކަށްވަނީ!

ހއ.ހޯރަފުށި އަދި އެ ރަށާއި އިންވެގެން އޮންނަ ފަޅުރަށްތައް، އެއާޕޯޓް އަޅާނީ މާފިނޮޅުގައި--

ވޭތުވެދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ގިނަ ރަށްތަކަކަށް ދަތުރުކުރެވިއްޖެއެވެ. ނމަވެސް ހއ. ހޯރަފުށީ ރައްޔިތުން ކަހަލަ ރަހުމަތްތެރިބަޔަކާ އަދި ދިމައެއްނުވެއެވެ. އެންމެ ދުވަހަކުންވެސް ރަށުގެ ގިނަ މީހުން ދެކެފަރިތަ ވެއްޖެއެވެ. މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހއ.އަށް ކުރި ދަތުރުގައި ހޯރަފުށީ ރައްޔިތުންނާއި، އަދި އެ ސަރަހައްދުގައި އޮތް ގިނަ ރަށްތަކުގެ މީހުންވެސް އެންމެ ބޮޑަށް ދެއްކި ވާހަކައަކީ ދަތުރުފަތުރުގެ ނިޒާމަށް އޮތް ދަތިކަމުގެ ވާހަކައެވެ.

މީގެ ތެރެއިންވެސް އެއާޕޯޓެއްގެ ހުވަފެން އެންމެ ބޮޑަށް ދެކުނު ބަޔަކީ ހޯރަފުށީ ރައްޔިތުންނެވެ. އެރަށުގެ ރައްޔިތުން އެންމެ ބޮޑަށް އަދި އެންމެ ބާރުލާ ދައްކަނީވެސް މި ސަރުކާރުން އަޅައިދޭނެ ކަމަށް ބުނި އެއާޕޯޓެވެ. އެ މަޝްރޫއު ހަގީގަތަކަށްވުން ލަސްވެ ރަށު ރައްޔިތުން އެކަން ބިލާހަކަށް ހެދިތާ ކިތަންމެ ދުވަހެކެވެ.

އެއާޕޯޓާ ގުޅުވައިގެން އެ ރަށު މީހުން ޖަހާ މިސާލެއް އޮވެއެވެ. ދިޔަވަރު ހިކޭ ވަގުތަށް، އެރަށާއި އެއް ފަޅުގައި އޮންނަ ކުޑަ ފިނޮޅާއި ދިމާލުން އެއާޕޯޓް ހިކޭ ވާހަކައެވެ. އެރަށުގައި ސަރުކާރުން އަޅާ އެއާޕޯޓްގެ ވާހަކަ ދެކެވޭ ގިނަ ފަހަރު "ދިޔަވަރު ހިކޭ ގަޑިއަށް އެއާޕޯޓް ބަލަން މަޑުކުރާށޭ" ބުނުމަކީ ފަހަކަށް އައިސް އެ ރަށު ރައްޔިތުންގެ އަތްމަތީ ބަހެކެވެ.

އެއާޕޯޓްގެ ވާހަކަ އެ ރަށު މީހެއްކުރެ އަހާލުމުން އަޅުގަނޑަށްވެސް ދިނީ އެ ޖަވާބެވެ. އެއީ ސަމާސާއަކަށް ނުވަތަ މަލަކަށް ބުނި ބަހެއް ނަމަވެސް އަޅުގަނޑަށް އިހުސާސްވީ އެ ރަށު ރައްޔިތުން އެއާޕޯޓެއް ބޭނުންވެފައި ތިބި މިންވަރެވެ. ރަށު ރައްޔިތުންނެކޭ އެއްގޮތަށް އެ ރަށަށް އެއާޕޯޓެއް އަންނާނެ ދުވަހެއްގެ އިންތިޒާރު އަޅުގަނޑަށްވެސް ކުރެވެން ފެށިއެވެ.

މާލަސްތަކެއް ނުވެ އެކަންވެސް ހަގީގަތަކަށް ވާން ކައިރިވެއްޖެއެވެ. "ދިޔަވަރަށް ހިކުނު، ހޯރަފުށީ ރައްޔިތުންގެ ހުވަފެނީ އެއާޕޯޓް"ހަގީގަތަކަށްވެ، އެއާޕޯޓް އަޅާ ބިން ހިއްކަން މަހާ ޖައްރާފް ކުރިއަށްއޮތް ކުރު މުއްދަތެއްގައި އެ ސަރަހައްދަށް މިސްރާބު ޖަހާނެއެވެ.

ހއ. ހޯރަފުށި ކައިރީގައި އޮންނަ މާފިނޮޅުގައި އަޅާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް މެއި މަހުގެ 28 ވަނަ ދުވަހު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

މާފިނޮޅުގައި އަޅާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--ސަން ފޮޓޯ

މާފިނޮޅުގައި ސަރުކާރުން ތަރައްގީކުރަނީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް އާންމުގޮތެއްގައި ތަރައްގީ ކުރަމުންދާ އެއާޕޯޓްތަކުގައި ވެސް ތަރައްގީ ކުރާ ސައިޒުގެ ރަންވޭއެކެވެ. އެއީ އެތެރޭގެ އުދުހުންތަކުގައި މޯލްޑިވިއަން އިން ބޭނުންކުރާ މަތިންދާބޯޓް ޖެއްސޭ ސައިޒުގެ ރަންވޭއެކެވެ. އެހެން އެއާޕޯޓްތަކެކޭ އެއްގޮތަށް މާފިނޮޅުގައި އަޅާ އެއާޕޯޓުގެ ރަންވޭގެ ދިގުމިނަކީ 1.2 ކިލޯމީޓަރެވެ.

އެ އެއާޕޯޓާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގެ އެންމެ އުތުރު އަދި އެންމެ ދެކުނުގެ ރަށްރަށަކީ ދަތުރުފަތުރު ކުރުމުގެ ކަންކަން ވަރަށް ދަތިކޮށް އޮތް ސަރަހައްދުތައް ކަމަށާއި އެހެން ކަމުން މި ސަރުކާރުގެ އެންމެ މުހިންމު އަމާޒުތަކުގެ ތެރެއިން އެ ސަރަހައްދުތަކުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ކަންކަން ފަސޭހަކަމާ އެކު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދިޔުން ކަމަށެވެ. އަދި ވިދާޅުވީ ހޯރަފުށި ކައިރީގައި ހަދާ އެއާޕޯޓަކީ ވެސް އެ މަސައްކަތުގެ ތެެރެއިން ސަރުކާރުން ކުރިއަށް ގެންދާ މަޝްރުއުއެއް ކަމަށެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ހއ. އަތޮޅުގައި ތަރައްގީ ކުރާ އައިހެވަން މަޝްރޫއުގެ ތެރެއިން އެ ސަރަހައްދުގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވީ ނަމަވެސް މިކަމަކީ މިހާރުން މިހާރަށް ވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށް ސަރުކާރަށް ގަބޫލު ކުރެވޭތީ އެ މަސައްކަތް ކުރިއާލާ ފެށީ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރުވެސް އެމްޓީސީސީގެ ޓީމްތައް އެ ސަރަހައްދުގައި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް ހަދަމުންދާ ކަމަށެވެ.

"މިހާރު ކުރިއަށް އެބަދޭ އީއައިއޭ ހެދުމުގެ މަސައްކަތް. އެމްޓީސީސީގެ ޑްރެޖަރު މިވަގުތު އޮތީ ތިލަފުށީގެ މަސައްކަތެއް ކުރުމަށް މާލޭ ސަރަހައްދުގައި. އެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ ސަރަހަދަށް ދާނެ." މިނިސްޓަރު ވިދާޅުވި އެވެ.

އެމްޓީސީސީގެ ސީއީއޯ ޒިޔަތު ވިދާޅުވީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ޖީއެސްޓީ ނުހިމެނޭ ގޮތަށް 64 މިލިއަން ރުފިޔާއަށް ކަމަށާއި މަސައްކަތް ނިންމަން 203 ދުވަސް ހޭދަވާނެ ކަމަށެވެ. އަދި އެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ނިންމޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން މާފިނޮޅުގައި އަޅާ އެއާޕޯޓް އެޅުމަށް ހިއްކަނީ 16 ހެކްޓަރުގެ ސަރަހައްދެކެވެ. އަދި އެ ސަރަހައްދު ހިއްކުމުގެ މަސައްކަތަށް މަހާޖައްރާފް ދިޔުމުގެ ކުރިން ބައުންޑަރީ ވޯލް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ހުވަފެނީ އެއާޕޯޓް ހަގީގަތަކަށް ހެދުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރީ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ، މިއީ ހޯރަފުށި އަދި އެހިސާބުގަނޑުގެ ހުރިހާ ރައްޔިތުން ވެސް އުންމީދުކޮށްގެން ތިބި ކަމެއް ކަމަށާއި ޒަމާނުންސުރެ ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލައަށް މިކަމުގެ ސަބަބުން ހައްލެއް އަންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

މާފިނޮޅު އެއާޕޯޓް ހަގީތަކަށް ވެގެން އަންނަ އިރު ހޯރަފުށީ ރައްޔިތުން ތިބީ އުފަލުންނެވެ. އެ ރައްޔިތުން ހުވަފެނަކުން ނޫނީ ނުފެންނާނެ ކަމަށް އުންމީދު ކުރި އެއާޕޯޓް ހަގީތަކަށް ވުމުގެ ފެހި ސިގްނަލާއި އެއްކޮށް ތިބީ ކުރިއަށް ވުރެ ވަރުގަދަ އުންމީދެއްގައެވެ.

comment ކޮމެންޓް