މޯލްޑިވިއަން، ތިމާވެއްޓާ ރަހުމަތްތެރި ގިނަ ފިޔަވަޅުތަކަކާ ދިމާލަށް

ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް މޯލްޑިވިއަން ސީ ޕްލޭން ޓާމިނަލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން، ތިމާވެއްޓާ ރަހަުމަތްތެރި ގިނަ ފިޔަވަޅުތަކެއް އަޅަން އައިލެންޑް އޭވިއޭޝަނުން ނިންމައިފިއެވެ.

ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަސް ފާހަގަަކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ މޯލްޑިވިއަން ސީ ޕްލޭން ޓާމިނަލްގައި މިއަދު މެންދުރު ބޭއްވި ރަަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މީޑިއާ ކޯޑިނޭޓަރު އަލީ ނަޝާތު ހަމީދު ވިދާޅުވީ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ހަތަރު ފިޔަވަޅެއް އެޅުމަށް ނިންމާއިފައިވާ ކަމަށެވެ.

"ފުރަތަމަ ކަމަކަށް ނިންމާފައި މިއޮތީ އަޅުގަނޑުމެންގެ ސީޕްލޭން ޓާމިނަލްއާއި ސީޕްލޭން ހެނގާ ސޯލާއަށް ބަދަލުކޮށްލަން." ނަޝާތު ވިދާޅުވިއެވެ.

ނަޝާތު ވިދާޅުވީ އިރުގެ އަލީގެ ހަކަތަ ބޭނުންކޮށްގެން ސީޕްލޭން ޓާމިނަލް ހިމެނޭ ސަރަަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށް މިހާރު ދިރާސާތައް ކުރަމުންދާ ކަމަށާއި އަދި އޭގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭތޯ ބަލަމުން އަންނަ ކަމަށެވެ.

މޯލްޑިވިއަންގެ ފްލައިޓްތަކުގައި މިހާރު ބޭނުންކުރަމުންދާ ޕްލާސްޓިކް ތަށީގެ ބަދަލުގައި ކަރުދާސް ތަށި ބޭނުންކުރުމަށް ނިންމާފައިވާ ކަމަށާއި އަދި އެކަންވެސް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އަމަލުކުރަން ފަށާނެކަމަށް ނަޝާތު ވިދާޅުވިއެވެ.

ނަޝާތު ވިދާޅުވީ އެކުންފުނީގެ އެކި އިމާރާތްތަކާއި އަދި މަތިންދާބޯޓުތަކުގައި ބޭނުންކުރާ ލައިޓްތައް، އަހަރު ދުވަހުގެ ތެރޭގައި ލެޑް ލައިޓަށް ބަދަލުކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ.

ނަޝާތު ވިދާޅުވީ އެ ކުންފުނީގެ އެކި އިމާރާތްތަކުގައި ބޭނުންކުރާ ޕްލާސްޓިކްތައް މަދުކުރުމަށް ރިސައިކަލް ޕްރޮގްރާމެއްވެސް ދިރާސާ ކުރަމުންދާ ކަމަށެވެ. އަދި އެ ޕްރޮގްރާމް ފެށޭއިރު ޕްލާސްޓިކް ނައްތާލުމަށް ކަލެކްޝަން ޕޮއިންޓްތަކެއް ބަހައްޓާނެކަމަށް ނަޝާތު ވިދާޅުވިއެވެ.

comment ކޮމެންޓް