ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ވެޓެރަންސް ކަޕްގެ ފުރަތަމަ ބުރުގެ ޕްލޭ އޯފްގައި ވިކްޓަރީ ސްޕޯޓްސް ކްލަބު ބަލިކޮށް، ޕޮލިސް ކްލަބުނެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
އިއްޔެ ހަވީރު އެފްއޭއެމް ޓާފް އެއް ނަމްބަރު ދަނޑުގައި ކުޅުނު މެޗު ޕޮލިސް ކްލަބުން ކާމިޔާބުކުރީ ޕެނެލްޓީގައި 5-4ގެ ނަތީޖާއަކުން ވިކްޓަރީ ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، މެޗު 2-2ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނެލްޓީ ޖަހައިގެންނެވެ.
މެޗުގައި ޕޮލިސް ކްލަބުގެ އަލީ މުސްތަފާއާއި މަހުމޫދު ޒަމީން ގޮލް ޖަހައިފައިވާ އިރު، ވިކްޓަރީގެ ފުރަތަމަ ގޯލް ޖަހައިދިނީ މުހައްމަދު ނަޒީހުއެވެ. ދެވަނަ ގޯލަކީ ޕޮލިސް ކްލަބުގެ މުހައްމަދު ޝަމީމް އަތުން ބައިކޮޅަށް ވަން ގޯލައެކެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ޕޮލިސް ކްލަބުގެ މުހައްމަދު ޒަމީން ހޮވުނު އިރު، 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިކްޓަރީގެ އަހުމަދު ޒިޔާމެވެ.
މުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) އިން ކުރިއަށްގެންދާ ވެޓެރަންސް ކަޕުން ރާއްޖޭގެ ކުރީގެ ގިނަ ތަރިންތަކެއް ފެނިގެންދާ އިރު، މިއަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވާދަކުރެ އެވެ.
އެ މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ދެވަނަ ބުރަށް ދާނީ ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ ޓީމާއި ދެވަނަ ޓީމު އަދި ދެ ގްރޫޕްގެ ތިން ވަނަ ޓީމުގެ މެދުގައި ކުޅޭ ޕްލޭއޯފް މެޗު ކާމިޔާބުކުރާ ޓީމެވެ.
ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ކްލަބު ވެލެންސިއާ ދެވަނަ ބުރަށް ދިޔަ އިރު، އެ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދިޔައީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ދެވަނަ ބުރަށް ދިޔަ އިރު، އެ ގްރޫޕްގެ ދެވަނަ ލިބުނީ ދިވެހި ސިފައިންގެ ޓީމަށެވެ.
ދެވަނަ ބުރުގައި ވާދަކުރާ ފަސް ޓީމުގެ މެޗުތައް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. ދެވަނަ ބުރުގެ ކުޅުން ނިމޭއިރު އެއްވަނާގައި އޮންނަ ޓީމު އޮޓޮމެޓިކުން ފައިނަލަށް ދަތުރުކުރާ އިރު، ދެން ފައިނަލަށް ދާނީ ދެވަނަ ބުރުގެ ދެވަނައާއި ތިންވަނަ ޓީމު ކުޅޭ ޕްލޭއޯފް މެޗު ކާމިޔާބުކުރާ ޓީމެވެ.
ވެޓެރަންސް ކަޕްގެ ދެވަނަ ބުރުގެ ފުރަތަމަ މެޗު މިއަދު ހަވީރު 4:30ގައި އޮންނާނެއެވެ. މެޗުގައި ވާދަކުރާނީ ވެލެންސިއާއާއި ސިފައިންގެ ކްލަބެވެ.