ބްރިޖުގެ މާލެކޮޅުގެ ފުރަތަމަ މައި ތަނބާ ސުޕަސްޓްރަކްޗާއިން ގުޅުވާލައިފި

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މާލެކޮޅުގެ ފުރަތަމަ މައި ތަނބާ ސުޕަސްޓްރަކްޗާއިން ގުޅުވާލާފައި --- ފޮޓޯ/ ހައުސިން މިނިސްޓަރު ޓްވިޓާ

މާލެއާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މާލެކޮޅުގެ ފުރަތަމަ މައި ތަނބާ ސުޕަސްޓްރަކްޗާއިން ގުޅުވާލައިފިއެވެ.

ބްރިޖަށް ހާއްސަކޮށް ޗައިނާގައި ހަދައިގެން ގެނައި ސުޕަސްޓަކްޗާއިން ތަނބުތައް ގުޅުވާލަން ފެށީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އަދި މިމަހުގެ ތިންވަނަ ދުވަހު ބްރިޖުގެ މާލެކޮޅުގެ ތަނބުތައް ސުޕަސްޓްރަކްޗާއިން ވަނީ ގުޅުވާލައިފައެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބްރިޖުގެ މައި ތަނބާ ހަމައަށް ސުޕަސްޓްރަކްޗާ ގުޅުވާ ނިމިފައިވާ ކަމަށެވެ. އެއީ، މާލެކޮޅުން 715 މީޓަރު ދިގުމިނުގެ ރާސްތާއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ ސުޕަސްޓްރަކްޗާގެ މަސައްކަތް ނިމުމުން، ބްރިޖުގެ މަސައްކަތްތައް ގާތްގަނޑަކަށް ނިމުނީއެވެ. އޭގެ ފަހުން ދެން އޮންނާނީ ބްރިޖުގެ ލޭންތަކާއި އެ ނޫންވެސް ކަންކަން ފުރިހަމަ ކުރުމެވެ.

ބްރިޖުގެ މާލެކޮޅުގެ ފުރަތަމަ މައި ތަނބާ ސުޕަސްޓްރަކްޗާއިން ގުޅުވާލިއިރު، ބްރިޖުގައި ހިމެނޭނީ މައި ހަތް ތަނބެކެވެ. އެގޮތުން މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ބްރިޖުގެ މައި ދެ ތަނބެއް ވަނީ ސުޕަސްޓްރަކްޗާއިން ގުޅުވާލައިފައެވެ. އެއީ 22 ވަނަ ތަނބާއި 23 ވަނަ ތަނބެވެ.

މިއަހަރުގެ ޖުލައި 26 ގައި ބްރިޖު ހުޅުވަން އަމާޒު ހިފައި، އެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، ބްރިޖާ ގުޅޭ މާލޭގެ މަގުތައް ފުޅާކޮށް ތާރުއަޅައިގެން ހެދުމުގެ މަސައްކަތް ވެސް ދާދި ފަހުން ވަނީ ފަށައިފައެވެ. އެ މަސައްކަތް ކުރަނީ ބްރިޖުގެ މަސައްކަތް ވެސް ކުރާ ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގް ކުންފުނިންނެވެ.

ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނަ ނުދިނުމަށް ކުރާ އެ މަސައްކަތުގެ ދަށުން މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑުތަކުރުފާނުގެ މަގުގައި ހަތަރު ލޭން ހިމެނޭ ގޮތަށް 16 މީޓަރަށް ފުޅާ ކުރަން ވަނީ ނިންމައިފައެވެ.

ހައުސިން މިނިސްޓަރު މުއިއްޒު މީގެ ކުރިން ވިދާޅުވީ، މަގުތައް ތަރައްގީކުރުމުގެ މަސައްކަތް އަންނަ ޖުލައި މަހުގެ 26 އަށް ނިންމަން މަސައްކަތް ކުރާ ކަމަށެވެ.

ބްރިޖު އެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު (4626 މިލިއަން ރުފިޔާ) ހަރަދުވެއެވެ.

އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 170 މިލިއަން ޑޮލަރު ޗައިނާއިން ދޭނީ ލޯނު އެހީގެ ގޮތުގައެވެ. އެ ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓެވެ. ބުރިޖް އެޅުމަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް