ރޯދަމަހު ފުރަތަމަ ދުވަހު އަށް ލޭންޑިން ކްރާފްޓްގެ ކުނި މާލެއިން ބޭރުކުރި: ވެމްކޯ

ވެމްކޯގެ ކުނިއުފުލަން ބޭނުންކުރާ ކޮޅުވެއްޓި އެއް---

ރޯދަމަހުގެ ފުރަތަމަ ދުވަހު އަށް ލޭންޑިން ކްރާފްޓްގެ ކުނި ބޭރުކުރިކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ޕީއެސްއެމް އިން ގެނެސްދޭ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވެމްކޯގެ ހައުސް ހޯލްޑް ކަލެކްޝަންގެ އެސިސްޓެންޓް މެނޭޖަރ މުހައްމަދު ޝާން ވިދާޅުވީ އެކުންފުނިން ޚިދުމަތް ދޭން ފެށިތާ މާގިނަ ދުވަސްތަކެއް ނުވާ ކަމަށާއި އެހެންކަމުން މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ތިން ދުވަހު ކުނި ނެގުމުގައި ދަތިތަކެއް ދިމާވިކަމަށެވެ.

"ރޯދަމަހުގެ ފުރަތަމަ ދުވަހު އެކަނި 300 ކޯލު އަޅުގަނޑުމެންގެ ކޯލް ސެންޓަރަށް ވަނީ އައިސްފައި. އޭގެ މާނައަކީ އެ ދުވަހު އަޅުގަނޑުމެންނަށް 100 ޕަސެންޓް ސަރވިސް ޕްރޮވައިޑް ކޮށެއް ނުދެވުނޭ. މިހާރު އަޅުގަނޑުމެންގެ ކޯލް ސެންޓަރަށް އަންނަނީ 40 ނުވަތަ 30 ކޯލް. އޭގެ މާނައަކީ 17،000 ގޭބިސީއަކަށް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏަކަށް 30 ނުވަތަ 40 ކޯލް އައިމަ އެއީ ނޯމަލްވީއޭ،" ޝާން ވިދާޅުވިއެވެ.

ޝާން ވިދާޅުވީ ރޯދަމަހު އެކުންފުނީގެ މުވައްޒަފުންނަށް ލުޔެއް ދިނުމުގެ ގޮތުން ހަމައެކަނި ރޭގަނޑަށް ކުނިއުކާ ވަގުތު ބަދަލުކުރި ކަމަށާއި އޭގެ ސަބަބުން ކުނި އުކުމަށް ދަތިތަކެއް ކުރިމަތިވެގެން ދިޔަކަމަށެެވެ. ހަމައެކަނި ރޭގަނޑު ކުނިއުކާ ގޮތަށް ހަމަޖެއްސުމުން ކުނި ނުއުކިގެން އާންމުންގެ ޝަކުވާ ވަަރަށް ބޮޑަށް ލިބުނު ކަމަށާއި އެހެންނަމަވެސް މިހާރު ކުނިއުކާ ވަގުތު އިތުރުކޮށް ބަރާބަރަށް ކުނިއުކަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވެމްކޯއިން މިހާރު ކުނިއުކަމުންދަނީ ހަވީރު 4:00 އިން ރޭގަނޑު 12:00 އަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް