އިންފުލުއެންޒާއަށް ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ހުން އައިސް ރޯގައި ޖެހިފައިވާ މީހުންނަށް އައިޖީއެމްއެޗުން ފަރުވާ ދެނީ: --- ފޮޓޯ/ ފަޔާޒު މޫސާ

މިހާރު މާލެތެރޭގައި ހަލުވިކަމާއެކު ފެތުރެމުންދާ އިންފުލުއެންޒާ ބައްޔަށް ވެކްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ މިހާރު ރާއްޖޭގައި ފެތުރެމުންދާ އިންފުލުއެންޒާއިން ރައްކާތެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އަދި ވަކިން ޚާއްސަކޮށް އިންފުލުއެންޒާ ޖެހިގެން ނުރައްކާވެދާނެ މީހުން ވެކްސިން ޖެހުމަށް އިސްކަންދޭން ޖެހޭނެ ކަމަށެވެ.

އެޗްޕީއޭއިން ބުނީ އިންފުލުއެންޒާއިން ރައްކާތެރިވުމުގެ ގޮތުން މާލެ ސަރަހައްދުގެ ފަސްތަނެއްގައި ވެކްސިން ދިނުމުގެ އިންތިޒާމް ހަމަޖައްސައިފައިވާ ކަމަށެވެ. އެގޮތުން ދަމަނަވެށީގައި ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:15 އިން ފެށިގެން 13:30 އަށް ވެކްސިން ޖެހުމުގެ ޚިދުމަތްދޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އަދި ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ ރޭގަނޑު 9:00 އިން 10:00 އަށް ވެކްސިން ދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ސެނެހިޔާގައިވެސް ވަނީ ވެކްސިން ދިނުމުގެ އިންތިޒާމް ހަމަޖައްސައިފައެވެ.

ސެނެހިޔާގައި ވެކްސިންދިނުމަށް ހަމަޖައްސައިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު މެންދުރު 10:00 އިން ފެށިގެން 14:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އަށް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ކޮންމެ އާދިއްތަ އަދި ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު ފިޔަވައި މެންދުރު 12:00 13:30 އަށް ވެކްސިންދިނުމުގެ އިންތިޒާމް ހަމަޖައްސައިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިސަރު "ސަން" އަށް ވިދާޅުވީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކުު މެންދުރު އެކަކުން ތިނަކަށް ވެކްސިން ޖެހުމުގެ ޚިދުމަތް އެ ހޮސްޕިޓަލުން ދޭނެ ކަމަށެވެ. އަދި މާބަނޑު މީހުންނަށް ކޮންމެ ބުރާސްފަތި ދުވަހަކު 2:00 އިން ހަވީރު 4:00 އަށް އެ ޚިދުމަތް ލިބޭނެ ކަމަށް ވެސް މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

އޭޑީކޭގެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް "ސަން" އަށް ވިދާޅުވީ އިންފުލުއެންޒާއަށް ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކުން އެ ހޮސްޕިޓަލަށް ވަޑައިގެން ކޮންމެ ގަޑިއަކުވެސް ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

comment ކޮމެންޓް