ވިހި އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ފާދިއްޕޮޅު ރައްޔިތުން ދެކެމުން އަންނަ އެއާޕޯޓުގެ ހުވަފެނުގައި ކުލަޖެހި އެއާޕޯޓުގެ މަސައްކަތް ކުރެއްދޫ ހޯލްޑިންގްސް އާ ހަވާލުކޮށްފިއެވެ.
މިއަދު ހުރަވަޅި މޯލްޑިވްސްގެ ކަނޑުއަޑީގެ ރެސްޓޯރެންޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓުގެ މަސައްކަތުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. ކުރެއްދޫ ހޯލްޑިންގްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗަމްޕާ މުހައްމަދު މޫސާ އެވެ. ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.
ފާދިއްޕޮޅުގައި އެއާޕޯޓު ތަރައްގީ ކުރާނީ އެ އަތޮޅު މަޑިވަރުގައެވެ. އަށް މިލިއަނަށްވުރެ ގިނަ ޑޮލަރު ޚަރަދުކުރާނެ އެ އެއާޕޯޓާއެކު ކުރެއްދޫ ހޯލްޑިންގްސް އިން އެ ރަށުގައި ސިޓީ ހޮޓަލެއްވެސް ތަރައްގީ ކުރާނެއެވެ.

ޅ. މަޑިވަރުގައި އެއާޕޯޓު އެޅުމަށް ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ ---
އެ އެއާޕޯޓު އެއް އަހަރުތެރޭ އޮޕަރޭޝަނަށް ނެރެން ޖެހޭއިރު 1.2 ކިލޯމީޓަރު ރަންވޭ އެއް އެއާޕޯޓުގައި ގާއިމް ކުރާނެއެވެ. މީގެ އިތުރުން މުސްތަގުބަލުގައި އެއާޕޯޓު އިތުރަށް ތަރައްގީ ކުރެވޭނެ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ. މިއީ ކުރެއްދޫ ހޯލްޑިންގްސް އިން ފައިނޭންސް ކޮށް ތަރައްގީ ކުރާނެ އެއާޕޯޓެކެވެ.
ސޮއިކުރުމުގެ ރަސްމިއްޔާާތަށްފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އެއާޕޯޓާއެކު ޅ އަތޮޅަށް ވަޒީފާގެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށެވެ. އަތޮޅުގެ ޓުއަރިޒަމްވެސް އިތުރަށް ފުޅާވެ، ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނެ މަޝްރޫއަކަށް މި މަޝްރޫއު ވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ "މިއީ އެތައް އަހަރެއް ވަންދެން އަތޮޅުގެ ރައްޔިތުން ދެކެމުން އައި ހުވަފެނެއް ސީދާވުން" ކަމަށެވެ.
އެއާޕޯޓާއެކު ޅ. އަތޮޅުގެ ރައްޔިތުންނަށް އިގްތިސާދީ އަދި އުމްރާނީ ގޮތުންވެސް ތަރައްގީ ލިބިގެންދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޅ. ހިންނަވަރަށް ނިސްބަތްވެލައްވާ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްވެެސް ވަނީ އެއާޕޯޓާޢެކު އަތޮޅުގެ ޒުވާނުންނަށޤ ހުޅުވިގެންދާނެ ވަޒީފާގެ ފުރުސަތުތައް ފާހަގަ ކުރައްވައިފައެވެ.
ޗަމްޕާ މުހައްމަދު މޫސާ ވިދާޅުވީ މިއީ ގައުމަށް ކޮށްދޭ ހިދުމަތެއް ކަމަށާއި ރައީސް އަބްދުﷲ ޔާމީން އަބަދުވެސް ވިދާޅުވާފަދައިން "އެންމެ ފުރަތަމަ ގައުމު" އިސްކޮށް ކުރައްވާ އިންވެސްޓުމެންޓުގެ ފައިދާ މުސްތަގުބަލުގެ ޖީލުތަކަށް ކުރާނެ ކަމަށެވެ.