ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަގްވާމީ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކޮށް، މުޅި މުބާރާތުން ތިންވަނަ ހޯދި މ. ވޭވަށް، ފެހިފާރުދާގެ، އަޝްރަގް ނާޒިރުގެ އަގުވަޒަންކޮށް ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)ގެ ފަރާތުން އޭނާއަށް ސްކޮލަޝިޕެއް ދީފި އެވެ.
އައިޔޫއެމް އިން ބެޗްލާސް އޮފް ޓީޗިން ޤުރުއާން ވިތް އޮނާސް ޕްރޮގްރާމްގައި ކިޔަވަމުންދާ އަޝްރަގަށް މިއަދު އައިޔޫއެމްގެ ފަރާތުން ސްކޮލަޝިޕް ހަވާލުކުރީ އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
އަޝްރަގަށް އައިޔޫއެމްގެ ފަރާތުން އެވޯޑްކުރީ ޓިއުޝަން ފީ ސްކޮލަޝިޕެކެވެ.
އަޝްރަގާ ބައްދަލުކުރައްވައި ޑރ. ޝަހީމް ވަނީ ޤުރުއާން މުބާރާތުގައި އަޝްރަގް ހޯދި ކާމިޔާބީއަކީ އެ ޔުނިވާސިޓީއަށާއި މުޅި ގައުމަށް ވެސް ހޯދައިދިން ފަޚުރުވެރި ކާމިޔާބީއެއް ކަމަށް ވިދާޅުވެފައެވެ.
އަދި މުސްތަގްބަލުގައި ވެސް އެ ޔުނިވާސިޓީގެ ދަރިވަރުން ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވިއެވެ.
އެންމެ ކުޑައިރުން ފެށިގެން ވެސް ރަށު ސްކޫލުގައި ކިޔަވަން އުޅުނު ދުވަސްވަރު ޤުރުއާނުން ރަށު ފެންވަރުގެ މަތީ ވަނަތައް ހާސިލް ކުރި އަޝްރަގު، އެންމެ ފުރަތަމަ ގައުމީ ޤުރުއާން މުބާރާތެއްގައި ވާދަކޮށްފައި ވަނީ 2006 ވަނަ އަހަރު އެވެ.
އެ އަހަރު ކާމިޔާބެއް ނުލިބި ދިޔަ ނަމަވެސް ޖެހިގެން އައި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވާދަކުރި ކޮންމެ އުމުރު ފުރާއަކުން އަޝްރަގް ވަނީ އެއްވަނަ ހާސިލް ކޮށްފަ އެވެ.
އޭގެ އިތުރުން 2012 ވަނަ އަހަރު އަޝްރަގް ވަނީ މެލޭޝިއާގައި ބޭއްވި ބައިނަލްއަގްވާމީ ޤުރުއާން މުބާރާތެއްގައި ވެސް ރާއްޖެ ތަމްސީލް ކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް، އިސްލާމިކް މިނިސްޓްރީއާއި ކީރިތި ޤުރުއާނާބެހޭ މަރުކަޒު އަދި ޕީއެސްއެމް ގުޅިގެން، ބޭއްވި "އައްނޫރުލް މުބީން" ޤުރުއާން މުބާރާތުގެ އެއްވަނަ ހާސިލްކުރީ ކުވެއިތުން ވާދަކުރި އަބްދުﷲ މުހައްމަދު އަލްހައްޔާތު އެވެ.
އަދި ދެވަނައަށް ހޮވުނީ، ތުރުކީން މުބާރާތުގައި ވާދަކުރި ހަމީދު އަފްޝާރު ޤުރްޖާ އަށެވެ.