ކުޑަކުއްޖާ ސަލާމަތްކުރި "ސްޕައިޑާމޭން"އަށް ފްރާންސްގެ ރައްޔިތުކަން ދީފި

ކުޑަކުއްޖާ ސަލާމަތްކުރި "މުސްލިމް ސްޕައިޑާމޭން"، މަމޫދޫ ގައްސާމާ ފްރާންސްގެ ރައީސް ބައްދަލުކުރައްވަނީ--

ފްރާންސްގެ އިމާރާތެއްގެ ހަތަރުވަނު ބުރީގައި އެލިގެން ކިރިޔާ ނުވެއްޓި އޮތް ކުއްޖެއް ސަލާމަތް ކުރި "މުސްލިމް ސްޕައިޑާ މޭން" އަށް ފްރާންސްގެ ރައްޔިތުކަން ދީފި އެވެ.

ފްރާންސްގައި ގަވާއިދާ ހިލާފަށް އުޅުމެން ދިޔަ މާލީގެ ރައްޔިތެއް ކަމަށްވާ މަމޫދޯ ގައްސާމު އެ ކުޑަކުއްޖާ ސަލާމަތް ކޮށްދިނުމަށް ކުރި ހިތްވަރު ބަލައިގެނެ ފްރާންސްގެ ރައީސް އިމާނުއަލް މެކްރޮން ވަނީ އޭނާޔާ ބައްދަލުކޮށް މަމޫދޯއަށް ފްރާންސްގެ ރައްޔިތުކަން ދޭން ނިންމައިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މަމޫދޯއަށް ވަނީ އޭނާގެ ހިތްވަރުގަދަ އަމަލުގެ އަގު ވަޒަން ކުރުމުގެ ގޮތުން މެޑަލެއްވެސް އަރުވައިފަ އެވެ. އޭގެ އިތުރުން އޭނާއަށް ވަނީ ފްރާންސްގެ އަވަށެއްގެ ފަޔާ އެންޑް އިމަޖެންސީ ސާވިސާސްއިން ވަޒީފާއެއް ވެސް ދީފަ އެވެ.

މަމޫދޫ ބުނީ ކުޑަކުއްޖާ އެ ހާލުގައި އޮއްވާ ފެނުމާ އެކު އެއްވެސް ކަމަކާ ނުވިސްނައި މަސައްކަތް ކުރީ ކުޑަކުއްޖާ ސަލާމަތްކުރެވޭތޯ ކަމަށެވެ. އަދި އޭނާއަށް ކުރެވުނީ ކިހާ ހިތްވަރުގަދަ އަމަލެއްކަން އިހުސާސްވީ ވެސް ކުޑަކުއްޖާ ސަލާމަތްކުރި ފަހުން ކަމަށް ވެސް މަމޫދޫ ބުންޏެވެ. މަމޫދޫ ކުޑަކުއްޖާ ސަލާމަތްކުރި ވީޑިއޯއާ މީސް މީޑިއާގައި ވައިރަލްވުމާ އެކު ގިނަބައެއްގެ ތައުރީފް އެނާއަށް ވަނީ ލިބިފަ އެވެ.

ފްރާންސްގެ ރައީސްއާ ބައްދަލުކުރުމަށް ފަހު މަމޫދޯ ބުނީ އޭނާ ވަރަށް އުފާވެއްޖެ ކަމަށެވެ.

"ރައީސް އަޅުގަނޑަށް ހަދިޔާއެއް ވެސް ދެއްވި. އަހަރެންގެ ހަޔާތުގައި ވެސް މިއީ ހަދިޔާއެއް ލިބުނު ފުރަތަމަ ފަހަރު." މަމޫދު ބުންޏެވެ.

ކުޑަކުއްޖާ ސަލާމަތްކުރި "މުސްލިމް ސްޕައިޑާމޭން"، މަމޫދޫ ގައްސާމް--

އެ ހާދިސާގައި މަމޫދޯ ސަލާމަތްކުރި ކުޑަކުއްޖާގެ ބައްޕައަށް ވަނީ ކުޑަކުއްޖާއާ މެދު އިހުމާލުވުމުގެ ދައުވާ އުފުލައިފަ އެވެ.

comment ކޮމެންޓް