ރައީސް ކަމަށް އަލުން ކުރިމަތި ލުމަށް ވަރަށް ގިނަ ބަޔަކު އެދެމުން އެބަދޭ: މައުމޫން

ރައީސުލް ޖުމްހޫރިއްޔާ ކަމަށް އަލުން ކުރިމަތިލެއްވުމަށް ވަރަށް ގިނަ ބަޔަކު އެދެމުން އަންނަ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

"ވަރަށް ގިނަ އަދަދެއްގެ ބަޔަކު އަޅުގަނޑު ރައީސްކަމަށް ކުރިމަތިލުމަށް އެދެމުން ގެންދޭ. ހަމައެފަދައިން އެހެން ބައެއް މީހުން ދެން އަޅުގަނޑު ކުރިމަލާން ނުފެންނަ ވާހަކަވެސް ބުނަމުން ގެންދޭ. މިވަގުތު މިކަމާބެހޭގޮތުން އަޅުގަނޑު އެއްޗެއް ބުނާކަށް ބޭނުމެއްނޫން،" ސަން މީޑިއާ ގްރޫޕްގެ ސަން މެގަޒިންނަށް ދެއްވެވި ހާއްސަ އިންޓަވިއުއެއްގައި މައުމޫން އިއްޔެ ވިދާޅުވެފައި ވެއެވެ.

މައުމޫން ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ކަމަށް އެ މަނިކުފާނު އަލުން ކުރިމަތިލެއްވުމާބެހޭ ގޮތުން މިވަގުތު އެއްޗެއް ދަންނަވަން ބޭނުންފުޅު ނުވަނީ އެމަނިކުފާނު އަލަށް އުފައްދަވާ ޕާޓީއަށް އަސަރެއް ފޯރާފާނެތީ ކަމަށެވެ.

"ވަކި އެއްޗެއް ބުނެފިނަމަ ޕީޕީއެމްގެ ފަރާތުން ނުކުންނާނެ ރިޔާސީ ކެންޑިޑޭޓް ހޮވުމަށް އަޅުގަނޑުމެން ބާއްވަން ޤަސްދުކުރާ ޕްރައިމަރީއަށް އަސަރު ފޯރާނެ. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެން ބާއްވާ ޕްރައިމަރީއަކީ ވަރަށް ހުޅުވާލެވިފައިވާ ވަރަށް އިންސާފުވެރި ގޮތެއްގައި ބޭއްވޭ ޕްރައިމަރީއަކަށްވާން،" ޑީއާރްޕީގެ ޒައީމް ކަމުން އިސްތިއުފާ ދެއްވާ ޕާޓީން ވެސް ވަކިވަޑައިގެން ޕީޕީއެމް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައިވާ މައުމޫން މީޑީއަށް ދެއްވި ފުރަތަމަ ހާއްސަ އިންޓަވިއުގައި ވިދާޅުވި އެވެ.


މާދަމާ ނުކުންނަ ސަން މެގަޒިންގެ 31 ވަނަ ނަމްބަރަށް، މައުމޫން ދެއްވާފައިވާ އިންޓަވިއުގައި ޓެކްސްއާ ބެހޭ ގޮތުން ވިދާޅުވެފައި ވަނީ ޓެކްސްއަކީ ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައި ވެސް ވަކި ޤާނޫނޫތަކެއްގެ ދަށުން ނަގަމުންދާ އެއްޗެއް ކަމަށެވެ. ޓެކްސް ނަގަން ޖެހެނީ ސަރުކާރުގެ ޚަރަދުތަކަށާއި ސަރުކާރުން ހިންގަން ބޭނުންވާ ޕްރޮގްރާމްތައް ހިންގޭނީ އެކަމަށް ބޭނުންވާ ފައިސާ ހޯދައިގެންކަމަށްވާތީ ކަމަށެވެ.

"އެހެންވީމާ ޓެކްސް ނެގުމަކީ ރާއްޖޭގައި ވެސް ކުރަންޖެހޭނެ ކަމެއް. އަޅުގަނޑު ރައީސްކަމުގައި ހުރިއިރު ވެސް ޓެކްސް ނެގުމާ ބެހޭ ބިލެއް ތައްޔާރުކޮށްފައި އޮންނާނެ. ޓެކްސް ނެގުމުގައި ބަލަންޖެހޭނެ ކަމަކީ ވީހާވެސް އިންސާފުވެރި ގޮތަކަށް އަދި ވީހާވެސް އާންމު ރައްޔިތުންނަށް ބުރަ ކުޑަވާގޮތަށް ޓެކްސްއާބެހޭ ޤާނޫނުތައް ފަރުމާ ކުރުން، އަދި އެއްފަހަރާ މާގިނަ ޓެކްސްތަކެއް ނުނެގުން،"

މައުމޫން ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާބޮޑަށް ދަށަށް ގޮސް މީހުނަށް ލިބޭ އާމްދަނީ އެތައް ތަނެއް ކުޑަވެގެންގޮސްފައިވާ ވަގުތެއްގައި އާދައިގެ ރައްޔިތުންނަށް ދަތިވާގޮތަށް މާގިނަ ޓެކްސްތަކެއް ނެގުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

މައުމޫންގެ ހާއްސަ އިންޓަވިއުގައި މިދުވަސްވަރު ރާއްޖޭގެ ސިޔާސީ މައިދާ ބަދަލުވަމުން އަންނަ ގޮތުގެ މައްޗަށާއި އެމަނިކުފާނުގެ އުމުރުފުޅާއި އާއިލާއާ ބެހޭ ގޮތުންނާއި އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތަފާތު ތުހުމަތުތަކާއި އަލަށް އުފައްދަވާ ޕާޓީއާ ބެހޭ ގޮތުން ވަރަށް ތަފުސީލުކޮށް ވާހަކަފުޅު ދައްކަވާފައި ވެއެވެ.


ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު