ސެންޗޫރިއަންއިން ހިއްސާއަކަށް ތިން ރުފިޔާގެ ފައިދާ ބަހަން ފާސްކޮށްފި

ރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ސެންޗޫރިއަން ޕލކގެ ދެވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ފޮޓޯ/ ސެންޗޫރިއަން ޕލކ

ރާއްޖޭގައި ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް، އާންމުކޮށް ހިއްސާ ވިއްކަން ފެށި ރާއްޖޭގެ ފުރަތަމަ އަމިއްލަ ކުންފުނި، ސެންޗޫރިއަން ޕަބްލިކް ލިމިޓެޑް ކޮމްޕެނީ (ސީޕީއެލްސީ)ގެ ހިއްސާއަކަށް ފައިދާގެ ގޮތުގައި ތިން ރުފިޔާ ބެހުމަށް އެކުންފުނިން ފާސްކޮށްފި އެވެ.

ސެންޗޫރިއަން ޕލކގެ އިނީޝަލް ޕަބްލިކް އޮފަރިންގް (އައިޕީއޯ) ކުރިއަށް ގެންދިޔައީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ.

ރޭ ވަނީ އެކުންފުނީގެ ދެވަނަ އަހަރީ އާންމު ޖަލްސާ، ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބާއްވައިފަ އެވެ.

އެ ޖަލްށާގައި، ކުންފުނީގެ ވިޔަފާރިއަށް ރިއާއަތް ކުރުމަށް ފަހު ހިއްސާދާރުންގެ މެދުގައި ހިއްސާގެ ފައިދާ ބެހުމާ މެދު ވޯޓަށް އެހި އެވެ.

އެގޮތުން، މިދިޔަ އަހަރު ކުންފުންޏަށް ލިބުނު ފައިދާގެ ތެރެއިން 51.09 ޕަސަންޓު ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ޖަލްސާއިން ވަނީ ފާސްކޮށްފަ އެވެ.

އެއީ ޖުމްލަ 1،133،640 ރުފިޔާ އެވެ. ހިއްސާއަކަށް ތިން ރުފިޔާ އެވެ.

މިއީ ސެންޗޫރިއަން ޕލކއިން ޑިވިޑެންޑް ބަހަން ނިންމި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ބޭއްވި އެކުންފުނީގެ ފުރަތަމަ އަހަރީ އާންމު ޖަލްސާގައި ނިންމީ ހިއްސާގެ ފައިދާ ނުބެހުމަށެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ސެންޗޫރިއަން ޕލކއަށް އާމްދަނީގެ ގޮތުގައި 83 މިލިޔަން ރުފިޔާ ލިބުނު އިރު، ޚަރަދުތަކާއި ޓެކްސް ކެނޑުމަށް ފަހު ފައިދާގެ ގޮތުގައި ލިބުނީ 2.25 މިލިޔަން ރުފިޔާ އެވެ.

comment ކޮމެންޓް