މޮނާކޯގެ ފަބީނިއޯ ލިވަޕޫލަށް!

މޮނާކޯއަށް މޮޅު ކުޅުމެއް ދައްކާފައިވާ ފަބީނިއޯ ---

ފްރާންސްގެ އޭއެސް މޮނާކޯއަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ފަބީނިއޯ، އަންނަ ސީޒަންގައި ލިވަޕޫލާ ގުޅުމަށް އެއްބަސްވެއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އުމުރުން 24 އަހަރުގެ ފަބީނިއޯ ލިވަޕޫލާ ގުޅުމަށް އެއްބަސްވެފައި ވަނީ 39 މިލިއަން ޕައުންޑުގެ އަގެއްގައެވެ. އޭގެ އިތުރުންވެސް އަންނަ ސީޒަންގައި ފަބީނިއޯގެ ކުޅުމަށް ބަލައި ލިވަޕޫލުން މޮނާކޯއަށް ބޯނަސްތަކެއް ދޭ ގޮތަށްވެސް އެއްބަސްވުމުގައި ވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ޑިފެންސިވް މިޑްފީލްޑަރެއްގެ ރޯލުގެ އިތުރުން ފުލް ބެކަށްވެސް ކުޅޭ ފައިބީނިއޯ ވަނީ މިދިޔަ ތިން ސީޒަންގައިވެސް މޮނާކޯއާއެކު މޮޅު ކުޅުމެއް ދައްކައިފައެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ވޯލްޑް ކަޕަށް ބްރެޒިލުން އިއުލާން ކުރި ސްކޮޑުގައި ފަބީނިއޯގެ ނަން ހިމެނިފައެއް ނުވެއެވެ.

ޔޫރަޕްގެ ގިނަ ކްލަބުތަކަކުން އޭނާ ގެންދިއުމަށް މަސައްކަތް ކޮށްފައިވާ އިރު، ބެލެވޭ ގޮތުގައި ލިވަޕޫލުން ފަބީނިއޯ ގެންދިޔައީ އެޓީމުގެ ޖަރުމަން މިޑްފީލްޑަރު އެމްރޭ ޗޭންގެ ބަދަލުގައެވެ.

މި ސީޒަންގެ ނިޔަލަށް ޗޭންގެ ލިވަޕޫލް ކޮންޓްރެކް ހަމަވާ އިރު، ބެލެވޭ ގޮތުގައި އޭނާ ފްރީ ޓްރާންސްފާއެއްގެ ދަށުން ޔުވެންޓަސްއާ ގުޅޭނެއެވެ.

ލިވަޕޫލާ ގުޅުމަށްފަހު ފަބީނިއޯ ބުނެފައިވަނީ އޭނާ ބޭނުން ވަނީ ލިވަޕޫލާއެކު ތާރީހީ ނަތީޖާތަކެއް ހޯދުމަށް ކަމަށާއި، ތަށިތަކެއްވެސް ހޯދުމަށް ކަމަށެވެ. ފަބީނިއޯ އިތުރަށް ބުނީ ލިވަޕޫލަކީ ވަރަށް ބޮޑު ޓީމެއް ކަމަށާއި، ލިވަޕޫލް ފަދަ ބޮޑު ޓީމަކަށް ކުޅުމަކީ އޭނާ އަަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ.

އިނގިރޭސި ލީގުގެ ހަތަރުވަނަ މަގާމުގައި މި ސީޒަން ނިންމާލި ލިވަޕޫލް ވަނީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށްވެސް ދަތުރުކޮށްފައެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރެއާލް މެޑްރިޑާ ވާދަކޮށް، ލިވަޕޫލް ބަލިވީ 3-1ގެ ނަތީޖާއަކުންނެވެ.

comment ކޮމެންޓް