ކައިވެންޏެއް ކޮށްގެން ނޫޅުނަސް ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންނަށް ފުލެޓަށް ކުރިމަތިލެވޭނެ

"ހިޔާ" މަޝްރޫއުގެ ފުލެޓްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލުމާއެކު ބަޔަކު ފޯމް ހިފަހައްޓައިގެން --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މިހާރު ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު، "ހިޔާ"ގެ ދަށުން ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންނަށް ހާއްސަ ކެޓަގަރީއަށް ހައުސިން މިނިސްޓްރީން އިސްލާހެއް ގެނެސްފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި، އެ ދެ ކެޓަގަރީގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ފޯމް ހުށަހަޅާ ތާރީހުގައި ކައިވެންޏެއް ކޮށްގެން އުޅޭ ފަރާތެއް ކަމުގައިވާން ޖެހޭނެ ކަމަށް ބުނެފައި އޮތް މާއްދާ ވަނީ އުނިކޮށްފައެވެ.

އަދި އެ ދެ ކެޓަގަރީއަށް ގެނައި އިސްލާހާއެކު، ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި ކައިވެނީގެ ސެޓްފިކެޓް ކޮޕީ އާއެކު ވަރިވެފައިވާނަމަ ވަރީގެ ސެޓްފިކެޓާއި އަނބި/ފިރިމީހާ ނިޔާވެފައިވާނަމަ ނިޔާވިކަމުގެ ލިޔުން ވެސް މިހާރު ހުށަހަޅަން ޖެހޭނެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ، އެ ދެ ކެޓަގަރީއަށް ފޯމް ހުށަހަޅާ މީހުންނަކީ ކައިވެނިކޮށްގެން އުޅޭ ފަރާތަކަށްވުން ޝަރުތުކުރެވިގެން ނުވިނަމަވެސް، ފުލެޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓު ތައްޔާރުކުރުމާއި ފުލެޓް ހަވާލުކުރުމުގައި އެ ދެ ކެޓަގަރީގެ ދަށުން ފޯމް ހުށަހަޅުއްވާ ފަރާތްތައް ތަރުތީބު ކުރުމުގައި ކައިވެނިކޮށްގެން އާއިލާއަކާއި އެކު ދިރިއުޅޭ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީ ކުރީ ޖުމްލަ 7000 ފުލެޓެވެ. އެ ފުލެޓްތައް ދޫކުރާ ކެޓަގަރީތަކަކީ:

  • ކައިވެނިކޮށްގެން އުޅޭ 18 އާއި 40 އަހަރާ ދެމެދުގެ މީހުންނަށް - 1000 ފުލެޓް
  • މާލެ ދަފްތަރުގައި ނުހިމެނޭ މާލޭގެ ރަށްވެހިންނަށް - 1000 ފުލެޓް
  • ދަފްތަރު މީހުންނަށް - 1044 ފުލެޓް
  • ސިވިލް ސާވަންޓުންނަށް - 1000
  • ޑޮކްޓަރުންނާއި ނަރުހުންނަށް - 475 ފުލެޓް
  • ޓީޗަރުންނަށް - 625 ފުލެޓް
  • އެކަނިވެރި މައިންނާއި ބަފައިންނަށް - 500 ފުލެޓް
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް - 200 ފުލެޓް
  • ފުލުހުންނަށް - 300 ފުލެޓް
  • ސިފައިންނަށް - 300 ފުލެޓް
  • މާފަންނު ހުޅަނގުގައި ދިރިއުޅޭ ނިކަމެތި އާއިލާތަކަށް ޚާއްސަ - 256 ފުލެޓް
  • ގުޅީފަޅުން ފުލެޓް ގަތުމަށް ފައިސާ ދައްކައި ފުލެޓް ނުލިބުނު މީހުންނާއި ޓާޓާ ފުލެޓްތައް ލިބި، ފައިސާ ނުދެއްކުނު މީހުންނަށް - 300 ފުލެޓް

ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންނަށް ހާއްސަ ކެޓަގަރީގެ އިތުރުން 18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީ އާއި 18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީގެ ދަށުން ދޫކުރާ 1 ކޮޓަރީގެ ފުލެޓް އަދި އަލަތު ކައިވެނި ކޮށްގެން އުޅޭ ޒުވާނުންނަށް ހާއްސަ ކެޓަގަރީއަށް ވެސް ހައުސިން މިނިސްޓްރީން މިއަދު ވަނީ އިސްލާހެއް ގެނެސްފައެވެ.

އިސްލާހު ގެނެސްފައިވަނީ މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅޭ އަދި މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ފުލެޓަށް އެދޭމީހާ ނުވަތަ ފުލެޓަށް އެދޭމީހާގެ އަނބި/ފިރިމީހާ ވަޒީފާ އަދާކުރަންޖެހޭނެ ކަމަށް ބުނެފައިވާ ޝަރުތަށެވެ.

އެގޮތުން މިހާރު ފުލެޓަށް އެދޭ މީހާގެ އަނބި/ ފިރިމީހާ ނުވަތަ ދަރިން މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅެ، ފުލެޓަށް އެދޭމީހާ ކ. އަތޮޅު އެއްވެސް ރަށެއް/ ރިސޯޓެއްގައި ވަޒީފާ އަދާކުރާނަމަ ވެސް އެ ތިން ކެޓަގަރީއަށް ޝަރުތު ހަމަވާ ގޮތަށް ހައުސިން މިނިސްޓްރީން ވަނީ ހަމަޖައްސައިފައެވެ.

ނަމަވެސް ފުލެޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓު ތައްޔާރުކުރުމާއި ފުލެޓް ހަވާލުކުރުމުގައި އެ ތިން ކެޓަގަރީގެ ދަށުން ފޯމް ހުށަހަޅުއްވާ ފަރާތްތައް ތަރުތީބުކުރުމުގައި މާލެ/ ހުޅުމާލެ/ ވިލިމާލޭގައި އާއިލާއާއި އެކު ދިރިއުޅޭ އަދި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް އިސްކަންދެވިގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ދަރުބާރުގޭގައި ހާއްސަ އެކްސްޕޯއަކާއެކު ހައުސިން މިނިސްޓްރީން ހިޔާ މަޝްރޫއުގެ ފުލެޓްތަކަށް ފޯމް ދޫކުރަން ފެށީ މިމަހުގެ ހަ ވަނަ ދުވަހު އެވެ. އަދި އޮންލައިންކޮށް ވެސް ފޯމް ޑައުންލޯޑް ކުރެވޭނެ އިންތިޒާމް މިފަހަރު ވަނީ ހަމަޖައްސައިފައެވެ.

ނަމަވެސް ފުލެޓަށް އެދޭ ފޯމް ބަލައިގަންނަން ފަށާނީ އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެންނެވެ. އަދި ފޯމް ބަލައިގަތުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޖުލައި މަހުގެ 31 އެވެ.

comment ކޮމެންޓް