މަތީ ދަރަޖަ ހޯދާ ފަރާތްތަކަށްދޭ އިނާމަށް ނަން ހުށަހެޅުން ބުރާސްފަތީގެ ނިޔަލަށް

މަތީ ދަރަޖަ ހޯއްދެވި ފަރާތަކަށް ރައީސް އަބްދުﷲ ޔާމީނު އެވޯޑު ދެއްވަނީ: ފޮޓޯ/ ރައީސް އޮފީސް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، ބުރާސްފަތި ދުވަހު ހަމަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވަލާފައި ވަނީ އޭޕްރީލް މަހުގެ 17 ގަ އެވެ.

ރައީސް އޮފީހުން ބުނީ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް މި އަހަރު ހަތަރު ގިންތި އަކުން އިނާމު ދޭނެ ކަމަށެވެ.

އެއީ

1. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް (ޕީއެޗްޑީ) ހާސިލުކުރުމުގައި ފާހަގަކުރެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުން.

2. މަތީ ތަޢުލީމާއި ތަމްރީނު ކޯހަކުން އެންމެމަތީ ވަނަ ހޯދުން.

3. ބައިނަލްއަގުވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫން ވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދުން.

4. ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން، އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން، ނުވަތަ ޢިލްމީ ދިރާސާއެއްކޮށްގެން، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުން.

ހާއްޞަ އިނާމަށް ހުށަހެޅިފައިވާ ކާމިޔާބީ އަކީ 2015 ވަނަ އަހަރު ނުވަތަ އޭގެފަހުން ލިބިފައިވާ ކާމިޔާބ އަކަށް ވާން ޖެހޭނެ ކަމަށާއި އެ ކާމިޔާބީ އަކީ މީގެ ކުރިން ލިބިފައިވާ އިނާމެއް ލިބިފައިވާ ކާމިޔާބީ އަކަށް ވެގެން ނުވާނެ ކަމަށް ހާއްސަ އިނާމާ ބެހޭ ކޮމެޓީ އިން ޝާއިއު ކޮށްފައިވާ ހާއްސަ އިނާމާ ބެހޭ ލިޔުމުގައި ބުނެފައިވެ އެ އެވެ.

ހާއްޞަ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެއް ކަމަށާއި އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ޓީމަކުން ނުވަތަ ޖަމާޢަތަކުން ނަމަ، މުޅި ޓީމަށް ނުވަތަޖަމާޢަތަށް މެޑެއްޔަކާއި ހަނދާނީ ލިޔުމެއް ދެއްވާނެ ކަމަށް އެ ލިޔުމުގައިވެ އެވެ. އަދި ވަކިވަކި ބައިވެރިންނަށް ދެއްވާނީ ހަނދާނީ ލިޔުމެއް ކަމަށް ވެސްބުނެފައިވެ އެވެ.

މި އަހަރު ހާއްސަ އިނާމު ދިނުމަށް ހަމަޖެހިފައި ވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތުގަ އެވެ.

comment ކޮމެންޓް