ދެ ފަނޑިޔާރުންގެ އިސްތިނާފް މައްސަލަ: 15 ނުކުތާއެއް ވަނީ ހުށަހަޅާފައި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ފަނޑިޔާރު އަލީ ހަމީދު މުހައްމަދު--- ސަން ފައިލް ފޮޓޯ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި އެއް އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ކުރި ހުކުމުގެ ފުރަތަމަ އަޑުއެހުމުގައި ދިފާއީ ވަކީލުން 15 ނުކުތާއެއް ހުށަހަޅައިފިއެވެ.

އުއްތަމަ ފަޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވެ، އެ ދެ ބޭފުޅުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

އެ ހުކުމް ކޮށްފައިވަނީ 2016 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ފެބްރުއަރީ ފަސް ވަަނަ ދުވަހާ ހަމައަށް ދަށު ކޯޓުތަކުގައި ހިނގަމުންދާ ޝަރީއަތްތަކާ ގުޅިގެން ނެރޭ އަމުރުތަކާއި ހުކުމްތައް ވަކިގޮތަކަށް ނިންމުމަށް ފަނޑިޔާރުންނަށް އަންގާފައިވާކަން ޝަރީއަތަށް ސާބިތުވުމުންނެވެ.

އެ ހުކުމުގެ އިސްތިއުނާފް އަޑައެހުންތައް މިއަދު ހައި ކޯޓުގައި ފަށާފައިވާއިރު ދެ ފަނޑިޔާރުންގެ ބައިތައް ކުރިއަށް ގެންދިޔައީ ވަކިވަކިންނެވެ. ނަމަވެސް ފާހަގަކޮށްފައިވަނީ ހަމަ އެއް ނުކުތާތަކެކެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރުގެ ވަކީލް ހިސާން ހުސައިން ވިދާޅުވީ އެ މައްސަލާގައި ސިއްރުން ހެކިބަސް ދިން ދެ މީހުންނަކީ ދެ ގާޒީން ކަން ހުކުމުން އެނގެން އޮންނަ ކަމަށާއި އެހެން ކަމުން އެ ދެ ގާޒީންނަކީ އަނިޔާ ލިބުނު ދެ ފަރާތް ކަމަށެވެ. އަދި އަނިޔާ ލިބުނު ދެ މީހުންގެ ހެކި ބަހަށް ރިޔާއަތްކޮށް މައްސަލަ ނުނިންމޭނެ ކަމަށް ހިސާން ވިދާޅުވިއެވެ.

ދެ ފަނޑިޔާރުން ނުފޫޒު ފޯރުވިކަމަށް ބުނާއިރު އެ މައްސަލަ މީގެ ކުރިން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައި ނުވާކަން ފާހަގަކޮށް ހެކިވެރިންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

ދެ ފަނޑިޔާރުންގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލާފައިވާތީ އެކަމަކީ މަސްލަހަތު ފުށޫ އަރާ ކަމެއް ކަމަށް ވަކީލުން ފާހަގަކުރިއެވެ. އެގޮތުން ދެ ފަނޑިޔާރުންނާ ދެކޮޅަށް ހުށަހަޅާފައިވާ ކޯޓު އަމުރުތަކަކީ ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުތަކެއް ކަމަށް ވަކީލުން ފާހަގަކުރިއެވެ.

މިއަދުގެ އަޑުއެހުމުގެ ވަގުތު ހަމަވިއުރު 15 ނުކުތާ ހުށަހަޅައި ނުނިމެއެވެ. އެހެންކަމުން ފަނޑިޔާރުންގެ ބެންޗުން ނިންމެވީ ދެން ހުރި ނުކުތާތައް އެހެން އަޑުއެހުމެއްގައި ހުށަހެޅުމަށެވެ.

ދެ ފަނޑިޔާރުންގެ މައްސަލަ ބައްލަވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ. ރިޔާސަތަ ބަލަހައްޓަވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.

comment ކޮމެންޓް