ރައީސް މައުމޫނުގެ ޝަރީއަތް މިއަދުވެސް ކެންސަލް

ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރުމަށް ރައީސް މައުމޫން މާލެ ގެންނަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން ދައުވާ ކުރާ އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ މިއަދަށް ތާވަލު ކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.

ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން އެ ދައުވާ ކުރަނީ ފުލުހުން ބަލަމުން ދިޔަ މައްސަލައިގެ ތަހުގީގަށް ފޯނު ނުދިން މައްސަލައިގައެވެ.

މީގެ ކުރިންވެސް އެތައް ފަހަރަކު ޝަރީއަތުގެ މަޖިލީސްތައް ތާވަލު ކުރި ނަމަވެސް ރައީސް މައުމޫނުގެ ސިއްހީ ހާލަތު ގޯސްވެ ކޯޓަށް ހާޒިރުވެވޭ ގޮތެއް ނުވެއެވެ. މިއަދު 11:00އަށް ތާވަލު ކުރި އަޑުއެހުންވެސް ކެންސަލް ކުރީ ރައީސް މައުމޫނަށް ކޯޓަށް ހާޒިރު ނުވެވިގެންނެވެ.

އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާވެސް ދައުލަތުން ރައީސް މައުމޫނުގެ މައްޗަށް ވަނީ އުފުލައިފައެވެ.

ރައީސް މައުމޫނުގެ ސިއްހީ ހާލަތު ގޯސްވެ ކޮންމެ ވަގުތަކުވެސް ވެއްޓިވަޑައިގެންފާނެ ކަމުގެ ބިރު އޮތް ކަމަށް ޑޮކްޓަރާ ހަވާލާދީ ވަކީލުން ދަނީ ބުނަމުންނެވެ.

އެހެންކަމުން ރައީސް މައުމޫނު ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް އާއިލާއިން ވަނީ ތަކުރާރުކޮށް އެދިފައެވެ.

comment ކޮމެންޓް