ޑީއާރުޕީގެ އެއްވެސް ކައުންސިލަރަކު މައުމޫން ޕާޓީގެ ހަރަކާތެއްގައި ބައިވެރިވެއްޖެ ނަމަ ޕާޓީން ވަކިކުރަން ހުށަހަޅާނަން: ރޮޒައިނާ

ޑީއާރުޕީގެ ޓިކެޓްގައި ކައުންސިލްތަކަށް އިންތިހާބުކޮށްފައިވާ އެއްވެސް ކައުންސިލަރަކު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަލަށް އުފައްދަވަން އުޅުއްވާ ޕާޓީ )ޕީޕީއެމް( ގެ އެއްވެސް ހަރަކާތެއްގައި އަމަލީ ގޮތުން ބައިވެރިވެ އުޅުއްވާނަމަ އެކައުންސިލަރަކު އެޕާޓީން ވަކިކުރުމަށް ޕާޓީގެ ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރޮޒެއިނާ ވިދާޅުވީ އޭނާ ދެކެވަޑައިގެންނަވާ ގޮތުގައި ޑީއާރުޕީގެ މެންބަރުންނަށް އެހެން ޕާޓީތައް ޕްރޮމޯޓްކޮށް އެޕާޓީއަށް ގެއްލުންވާ ގޮތަކަށް މަސައްކަތެއް ނުކުރެވޭނެ އެވެ. އަދި އެގޮތަށް މަސައްކަތް ކުރާ މެންބަރުން ޕާޓީން ވަކިކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ރޮޒޭނާ ވިދާޅުވީ މާދަމާ ބާއްވާ ޑީއާރުޕީގެ ކައުންސިލް ބައްދަލުވުމުގައި އެމައްސަލަ އެޖެންޑާކޮށްފައި ނެތް ކަމުގައިވާނަމަ އެމައްސަލަ ހުށަހަޅުއްވާނެ ކަމަށާއި އެކަމާ މެދު މާދަމާ ރަސްމީކޮށް ގޮތެއް ނިންމާނެ ކަމަށެވެ.

" ޕާޓީގެ އަސާސްތަކާ ހިލާފަކަށް ޕާޓީއަށް ގެއްލުންވާ ގޮތަށް އެއްވެސް މެންބަރަކު މަސައްކަތް ކުރާ ނަމަ އެމީހަކު ޕާޓީން ވަކިކުރެވޭނެ ކަމަށް އަސާސީ ގަވާއިދުގައި އޮތް އިރު އެގޮތަކަށް މަސައްކަތެއް ނުކުރެވޭނެ،" ރޮޒޭނާ ވިދާޅުވި އެވެ.

ޑީއާރުޕީގެ ކުރީގެ ޒައީމް މައުމޫން އެ ޕާޓީން ވަކިވެވަޑައިގެން އާ ޕާޓީއެއް ހެއްދެވުމުގެ މަސައްކަތް ފެއްޓެވި ހިސާބުން ޑީއާރުޕީގެ ބައެއް މެންބަރުން ދަނީ އެޕާޓީން ކެނޑިގެން މައުމޫންގެ ޕާޓީއަށް ސޮއިކުރައްވަމުންނެވެ. ނަމަވެސް މިހާތަނަށް އެއްވެސް ކައުންސިލް މެންބަރަކު އެޕާޓީން ވަކިވުމަށް އެދި ހުށަހަޅާފައިނުވާ ކަމަށް ޑީއާރުޕީން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު