ކުއްލި އަކަށް އައި ލޮޅުމާ އެކު، ފާދިއްޕޮޅު ރައްޔިތުން ސިހުމެއްގައި!

ޅ. ނައިފަރު ---

"ހެނދުނު ނިދާފައި އޮއްވައި ހީވި މީހަކު އެނދު ތަޅުވާހެން. ފުރަތަމަ ހީކުރީ ވަހުމެއް ކަމަށް. ފަހުން މި ސަރަހައްދުގެ ބައެއް ރަށްރަށަށް ވެސް އެ ލޮޅުން އިހުސާސްވި ވާހަކަ ބުނީމާ މި އެނގުނީ އެއީ ވަހުމެއް ނޫން ކަން." ފެލިވަރުގައި މަސައްކަތް ކުރާ ހިންނަވަރު ރައްޔިތަކު ބުންޏެވެ.

މިއަދު ހެނދުނު 6:30 އެހާކަންހާއިރު ކުއްލިއަކަށް އައި ލޮޅުމުގެ ވާހަކަ އެމީހާ ފެށީ މިހެންނެވެ. ފެލިވަރުގައި އެތައް ސަތޭކަ ބަޔަކު މަސައްކަތް ކުރާ އިރު އޭގެ ތެރެއިން ގިނަ މީހުންނަށް އެކަމުގެ އަސަރު ކުރި އެވެ. ނަމަވެސް އެއީ ލޮޅުމެއް ކަން އެނގުނީ ކައިރީގައި ހުރި އެހެން ރަށްރަށަށް އޭގެ އަސަރުކޮށްގެން އެވާހަކަ ދައްކަން ފެށީމަ އެވެ.

"އަޅުގަނޑު ވެސް ނިދާފައި އޮއްވައި ހީވި އެނދު ތެޅޭހެން. އެކަމަކު މިކަހަލަ ކަމެއް ކަމަކަށް ހިއެއް ނުކުރަން. ބައެއް މުވައްޒަފުންނަށް ވެސް އެކަން އެނގިގެން އެވާހަކަ ދެއްކި. އެހާ ގިނަ އިރެއްނުވޭ. ކުޑަ ވަގުތުކޮޅަކަށް ގުޑުނީ،" ފެލިވަރުގެ ޖެނެރަލް މެނޭޖަރު އަބްދުﷲ ނަޒީމް ވިދާޅުވި އެވެ.

ޅ. އަތޮޅު ހިންނަވަރު--

ނަޒީމް ވިދާޅުވީ ފެލިވަރުގައި މަސައްކަތް ކުރާ ބައެއް މީހުން އެވަގުތު ތިބީ ކަނޑުމަތީގައި ކަމުން އެމީހުންނަށް ލޮޅުމުގެ އަސަރު ނުކުރާ ކަމަށެވެ.

ފެލިވަރަށް ލޮޅުމުގެ އަސަރުކުރި އިރު ކައިރީގައި އޮތް ބައެއް ރިސޯޓްތަކަށް ވެސް ވަނީ ހަމަ އެވަގުތު އެ އަސަރުކޮށްފަ އެވެ. ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ޅ. އަތޮޅުގައި ހިންގާ ކޮމަންޑޫ މޯލްޑިވްސް ރިސޯޓްގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވެސް ވަނީ ލޮޅުމުގެ އަސަރުކުރި ކަމަށް ބުނެފަ އެވެ.

"ހެނދުނު ޑީއުޓީގައި ހުއްޓައި އިހުސާސްވި ލޮޅުމެއް އައިހެން. ވަރަށް ބޮޑަށް ތެޅުނު. ސަމުސާތަކާއި މޭޒުމަތީގައި ޖަހާފައި ހުރި ތަށިތަކަށް ވެސް ގުޑުންވި. އޭރު ހީކުރީ ބިންހެލުމެއް އަންނަނީ ކަމަށް،" ކޮމަންޑޫގައި މަސައްކަތް ކުރާ މުވައްޒަފަކު ބުންޏެވެ.

ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް ވިދާޅުވީ ކައުންސިލަށް ރަސްމީކޮށް ލޮޅުމެއް އައިކަން ހުށަހަޅާފައި ވަނީ އެންމެ ގެއަކުން ކަމަށާއި ނަމަވެސް ގިނަ ބަޔަކަށް ލޮޅުން އިހުސާސްވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"ރަސްމީކޮށް އެންމެ ގެއަކުން އަދި އަޅުގަނޑާ ހިސާބަށް މައުލޫމާތު ފޯރުކޮށްދިނީ. އަންހެނަކު ގުޅާފައި ބުނީ ވަރަށް ބޮޑަށް ލޮޅުން އިހުސާސްވިއޭ. އޭނާ ހީކުރީ މީހަކު ހަމަ ގަދައަށް އެނދު ތެޅުވީ ހެނޭ." ކާރިމް ވިދާޅުވި އެވެ.

ކާރިމް ވިދާޅުވީ އެއްވެސް ތަނެއްގައި ރެނދުލައި ނުވަތަ ޖިސްމާނީ ނުވަތަ މުދަލަކަށް ގެއްލުންވި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ރައްޔިތުން ތިބީ ސިހުމެއްގެ ތެރޭގައި ކަމަށާއި ކުއްލި ލޮޅުމާ އެކު މުޅި ރަށުތެރެއަށް ވެސް ހައިރާންކަން ލިބިފައިވާ ކަމަށެވެ.

ޅ. އަތޮޅަށް އިހުސާސްވި ލޮޅުމާ އެކު އެންމެ ބޮޑަށް އެކަމުގެ އަސަރު ކުރި އެއް ބަޔަކީ ހިންނަވަރު ރައްޔިތުންނެވެ. އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ގިނަ އިރުތަކެއް ވަންދެން ލޮޅުމުގެ އަސަރު ހުރި ކަމަށާއި އަލަމާރި މޭޒު ފަދަ އެއްޗެހި ހެލިގަތް ކަމަށެވެ.

"އަލަމާރި ފުދޭވަރަކަށް ގިނައިރު ވަންދެން ހުރި ތެޅިލަ ތެޅިލައި. މި ރަށަށް ވަރަށް ބޮޑަށް އެކަން އިހުސާސްވި." ހިންނަވަރުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ހިންނަވަރު ކައުންސިލްގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވީ އެ ރަށުގެ ބައެއް ގެތަކަށް ލޮޅުމުގެ އަސަރުކޮށްގެން ރިޕޯޓްކޮށްފައިވާ ކަމަށާއި އެއްވެސް ގެއަކަށް ނުވަތަ މީހަކަށް ގެއްލުންވެގެން ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ.

ފާދިއްޕޮޅުގެ ބައެއް ރަށް ރަށަށް މިއަދު އިހުސާސްވި ލޮޅުމާ ގުޅިގެން މެޓް އޮފީހުން ބުނީ ޅ. އަތޮޅުގެ ބައެއް ރަށްރަށަށް ލޮޅުމެއްގެ އިހުސާސް ކުރެވުނު ކަމަށް ބުނެ މިއަދު ހެނދުނު 6:30 އާއި 6:45 އާ ދެމެދު ރިޕޯޓްލިބުނު ކަމަށެވެ. އެގޮތުން ކުރެންދު އާއި ހިންނަވަރު، ނައިފަރު، މާފިލާފުށި އަދި ކޮމަންޑޫރިސޯޓު އިން ވެސް ރިޕޯޓު ލިބުނު ކަމަށް މެޓުން ބުންޏެވެ.

"އެ ރަށްރަށަށް ލޮޅުމެއްގެ އިހުސާސް ކުރެވުނު ކަމަށް ރިޕޯޓު ލިބުނު، އެކަމަކު އަޅުގަނޑުމެންގެ ސިސްޓަމްތަކަކުން ނުދައްކާ އެ ސަރަހައްދަށް ބިން ހެލުމެއް އައި ކަމަކަށް،" މެޓުން ބުނީ އެ ލޮޅުމަކީ އެ ސަރަހައްދުގެ ބިމަށް ނޫނީ ކަނޑުގެ އަޑިއަށް ލޯކަލީ ކުރި އަސަރަކަށް ވެދާނެ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ އުތުރުގެ އަތޮޅަކުން ލޮޅުމެއްގެ އަސަރު ކުރި ކަމަށް ރިޕޯޓު ލިބުނު ނަމަވެސް ރާއްޖޭގެ އެހެން އެއްވެސް ސަރަހައްދަކުން އެކަހަލަ ކަމެއް ރިޕޯޓު ކޮށްފައި ނުވާ ކަމަށް މެޓުން ބުންޏެވެ. މެޓުން ބުނީ ރާއްޖެ ސަރަހައްދުގެ އެހެން ގައުމަކަށް ވެސް އެވަގުތު ބިންހެލުމެއް އައި ކަމުގެ ރިޕޯޓު ނުލިބޭ ކަމަށެވެ.

ފާދިއްޕޮޅު ރައްޔިތުންގެ ގިނަ ބަޔަކު އެއްވަގުތެއްގައި ލޮޅުމެއް އިހުސާސްވި ކަމަށް އިއްތިފާގުވާ އިރު އެމީހުން މިވަގުތު ތިބީ އެކަމުގެ ހަގީގަތް ނޭނގި ހައިރާން ކަމެއްގެ ތެރޭގަ އެވެ. ކުއްލި ސިހުމެއް އެ ރަށްރަށުގެ ރައްޔިތުންނަށް ލިބިފައިވާ އިރު އެ ލޮޅުމަކީ އެ ސަރަހައްދަށް އައި ކުޑަ ލޮޅުމަކަށް ވެސް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓުން ބުނެ އެވެ. އެ އަތޮޅުގެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމެއް އުފެދިފައިވީ ނަމަވެސް މެޓުން ބުނަނީ ނުރައްކަލެއްގެ އަސަރު ފެންނަން ނެތް ކަމަށެވެ.

comment ކޮމެންޓް