ފާދިއްޕޮޅުގެ ބައެއް ރަށްތަކަށް "ލޮޅުމެއް"ގެ އަސަރުކޮށްފި

ޅ އަތޮޅު

ފާދިއްޕޮޅު ހިންނަވަރާއި ނައިފަރަށް މިއަދު ހެނދުނު ލޮޅުމެއްގެ އިހުސާސް ވީކަމަށް އެ ދެ ރަށުން ބުނެފިއެވެ.

ނައިފަރުން ވާހަކަ ދެއްކި މީހަކު ބުނީ ހެނދުނު ހަގަޑި ތިރީސް ހާއިރު "ބިން ހެލުމެއްގެ އިހުސާސް ކުރެވުނު" ކަމަށެވެ. ހިންނަވަރުންވެސް ބުނީ ހެނދުނު ބިން ހެލުމެއް އައި ކަމަށް އިހުސާސްކުރެވުނު" ކަމަށެވެ.

އެކަމާ ގުޅިގެން މެޓް އޮފީހުން ބުނީ ޅ. އަތޮޅުގެ ބައެއް ރަށްރަށަށް ލޮޅުމެއްގެ އިހުސާސް ކުރެވުނު ކަމަށް ބުނެ މިއަދު ހެނދުނު 6:30 އާއި 6:45 އާ ދެމެދު ރިޕޯޓްލިބުނު ކަމަށެވެ. އެގޮތުން ކުރެންދުއާއި ހިންނަވަރު، ނައިފަރު، މާފިލާފުށި އަދި ކޮމަންޑޫ (ރިސޯޓެއް) އިންވެސް ރިޕޯޓު ލިބުނު ކަމަށް މެޓުން ބުންޏެވެ.

"އެ ރަށްރަށަށް ލޮޅުމެއްގެ އިހުސާސް ކުރެވުނު ކަމަށް ރިޕޯޓު ލިބުނު، އެކަމަކު އަޅުގަނޑުމެންގެ ސިސްޓަމް ތަކަކުން ނުދައްކާ އެ ސަރަހައްދަށް ބިން ހެލުމެއް އައި ކަމަކަށް،" މެޓުން ބުނީ އެ ލޮޅުމަކީ އެ ސަރަހައްދުގެ ބިމަށް ނޫނީ ކަނޑުގެ އަޑިއަށް ލޯކަލީ ކުރި އަސަރަކަށް ވެދާނެ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ އުތުރުގެ އަތޮޅަކުން ލޮޅުމެއްގެ އަސަރު ކުރި ކަމަށް ރިޕޯޓު ލިބުނު ނަމަވެސް ރާއްޖޭގެ އެހެން އެއްވެސް ސަރަހައްދަކުން އެކަހަލަ ކަމެއް ރިޕޯޓު ކޮށްފައި ނުވާކަމަށް މެޓުން ބުންޏެވެ. މެޓުން ބުނީ ރާއްޖެ ސަރަހައްދުގެ އެހެން ގައުމަކަށް ވެސް އެވަގުތު ބިންހެލުމެއް އައި ކަމުގެ ރިޕޯޓު ނުލިބޭ ކަމަށެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ އޮކްޓޯބަރު މަހު ނައިފަރުގެ އިރުމަތިން 286 ކިލޯމީޓަރު ދުރުން ބިން ހެލުމެއް އައި ކަމަށް ވަނީ ރިކޯޑު ކުރެވިފައެވެ.

comment ކޮމެންޓް