މައުމޫނު ހަދަން އެއުޅޭ ޕާޓީ ބޮޑަށް ވައްތަރީ ގޭންގަކާ: މޫސަ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޑީއާރްޕީން ވަކިވެވަޑައިގަތުމަށްފަހު މިހާރު އުފައްދަވަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީ ވައްތަރީ "ގޭންގަކާ" ކަމަށް ވިދާޅުވެ، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު، މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ވެބްސައިޓުގައި ބުނެފައިވަނީ، ސިންގަޕޫރުގައި ހުންނަވައިގެން މޫސަ އެޕާޓީގެ ވެބްސައިޓަށް މިރޭ ދެއްވި އިންޓަވިއުއެއްގައި "މައުމޫނު ކަމެއް ކޮށްގެން މޭ ކަރާނޭ ބަޔަކު މިރާއްޖޭގައި މިހާރު ނޫޅޭ" ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި މައުމޫނު ދެކެ ބިރު ގަންނަ ބަޔަކު ވެސް މިހާރަކު ނޫޅޭ ކަމަށާއި އެމަނިކުފާނު ހައްދަވަން އުޅުއްވާ އާ ޕާޓީއަށް ވަންނަ މީހުންގެ އަދަދުން މައުމޫންގެ "ހަގީގީ ސައިޒް އެނގި ދިވެހިރައްޔިތުންގެ ކުރިމަތީގައި އޭނަ ]މައުމޫން[ ވަރަށް ރަގަޅަށް މި ފަހަރު ބަރަހަނާވާނޭ" ކަމަށެވެ.

އަދި ޕީއޭގެ ނަމާ ގުޅުވައިގެން ޕްރޮގްރެސިވް ޕާޓީގެ ނަމުގައި މައުމޫނު ހައްދަވާ ޕާޓީ ބޮޑަށް ވައްތަރީ "ގޭންގަކާ" ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ވަރަށް ޔަގީން ކަމާ އެކު މިބުނަނީ އެމްޑީޕީގެ މެންބަރުންގެ އަދަދު 47،000 އަށް ވުރެ މަތިވެފައިވާ އިރު، އަދި ޑީއާރުޕީގެ މެންބަރުންގެ އަދަދު 37،000 ގައި އުޅޭ އިރު، މައުމޫނު އެ ހަދާ ގޭންގަށް ވަންނާނޭ ބަޔަކު ނުވެ، މައުމޫނުގެ އަސްލު ސައިޒް މި ފަހަރު ދިވެހިރައްޔިތުންނަށް ވަރަށް ރަގަޅަށް ދައްކާލާނަން،" މޫސަ ވިދާޅުވި އެވެ.

އަދި މޫސަ ވިދާޅުވެފައިވެ އެވެ: "މައުމޫނަކީ ދިވެހި އެތައް ރައްޔިތެއްގެ މަރުގެ ތުހުމަތާއި، 800 މިލިޔަން ޑޮލަރުގެ ވަގު ވިޔަފާރިއާއި، އެނޫންވެސް ދައުލަތުގެ މުދަލާއި، ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމުގެ ތުހުމަތު ބޮލުގައި އެޅިފައިވާ ސިޔާސީ ގޮތުން ބޮޑުބައްޔަކުން ބަލިވެ ފޭލްވެފައިވާ މީހެއް. ދެން ކާކުތޯ އޭނަގެ ފަހަތުން ސިޔާސީ ހަރަކާތެއް ހިންގަން ނިކުންނާނީ. ހަމަ ޔަގީނުން ވެސް އޭނަގެ ވެރިކަމުގައި ނާޖާއިޒް ފައިދާ ހޯދައިދީފައިވާ މަދު ބަޔަކު މެނުވީ ސިޔާސީ ގޮތުން އެފަދަ ޅަ އެއްޗެއް ނާޅާނެ. އަމުދުން ސިޔާސީ ދާއިރާ އިން ކުރިޔަށްދާން ބޭނުންވާ މީހަކު މައުމޫނުގެ ފަހަތުން ދާން ހިތަށް ވެސް ނާރުވާނެ،"

މީގެ އިތުރުން، މައުމޫންގެ "އަތްދަށުން" އިދިކޮޅު އެންމެ ބޮޑު ޕާޓީ "ސަލާމަތްވި" ކަމަށްޓަކާ އެޕާޓީގެ ރައްޔިތުން އުފާކުރަން ޖެހޭ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މައުމޫން ޑީއާރްޕީން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްވަން މަސައްކަތް ކުރައްވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިޙް (އިބޫ) ކުރެއްވި ޕްރެޝަރުގެ ސަބަބުންނެވެ.

"މައުމޫން ޑީއާރުޕީ ދޫކުރީ އިބޫގެ ޕްރެޝަރުގެ ސަބަބުން ކަމަށް ލަފާކުރެވެނީ. އެއީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ސިޔާސީ ޕާޓީތަކުގެ ބިލަށް ހުށަހަޅާނެ އިސްލާޙެއްގެ ގޮތުގަ ކޮންމެ ޕާޓީއެއްގެ ވެސް ރިޔާސީ ކެންޑިޑޭޓް ޕްރައިމަރީއަކުން ހޮވާ ގޮތަށް ކަނޑައެޅުމުން މައުމޫނު ބިރު ގަތީ ޑީއާރުޕީގަ ހުންނަން. އެއީ ޑީއާރުޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކޮށްގެން މައުމޫނާއި އޭނާގެ ތާޢީދު އޮތް މީހަކު ވެސް ބަލިވާނެ ކަން ޔަގީންވާތީ. މައުމޫނު ބޭނުންގޮތަކަށް ސަރުކާރު ހިންގި ގޮތަށް ގޮނޑިކޮއްކޮ ޓީމެއް މިހާރު އެ އެއްކުރަނީ." މޫސަ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު