މާލޭގައި 1200 މީހުންގެ ޖާގައިގެ "ޒިޔާރަތް މިސްކިތް" ހުޅުވައިފި

މާލޭގައި މިއަދު ހުޅުވި "ޒިޔާރަތް މިސްކިތް" -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޔުނިވާސަލް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ހިލޭ އެހީގެ ދަށުން މާލޭގައި ބިނާކުރި "ޒިޔާރަތް މިސްކިތް" ހުޅުއްވައިފިއެވެ.

އެ މިސްކިތް ހުޅުއްވައިދެއްވީ މިއަދު ހުކުރު ނަމާދު ވަގުތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމެވެ. ރައީސް ޔާމިނާކު އެ މިސްކިތް ހުޅުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ބައިވެރިވެ ވަޑައިގަތެވެ.

ހިލާލީގޭގެ ފަހަތުގައި ބިނާކޮށްފައިވާ އެ މިސްކިތަކީ ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ ޖާގައިގެ ގޮތުން 1200 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭވަރުގެ މިސްކިތެކެވެ. އެތަނުގައި އާ މިސްކިތެއް ބިނާކޮށްފައި ވަނީ ކުރިން އެތަނުގައި ހުރި މިސްކިތް ތަޅާލުމަށްފަހުއެވެ.

ރައީސް ޔާމިން "ޒިޔާރަތް މިސްކިތް" ހުޅުވައި ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ވިދާޅުވީ، މިސްކިތެއް ބިނާކުރެއްވުމަކީ ދުނިޔެމަތީގައި އިންސާނަކަށް ކުރެވޭނެ އެންމެ ބޮޑެތި ހެޔޮ ކަންކަމުގެ ތެރޭގައި ހިމެނޭކަމެއް ކަމަށެވެ.

މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، މިސްކިތުގައި ކުރި ހުކުރު ނަމާދުގެ ޖަމާއަތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް