މިއަހަރުގެ ރޯދަމަހުވެސް ދުނިޔޭގެ އެކި ހިސާބުތަކުގެ މުސްލިމުން ނިކަމެތި ހާލުގައި

ސީރިއާގެ ރެފިއުޖީން ތަކެއް. މިއަހަރުގެ ރޯދަމަހުވެސް ދުނިޔޭގެ އެކި ހިސާބުތަކުގެ މުސްލިމުން އުޅެމުން ދަނީ ނިކަމެތި ހާލުގައި --

ރޯދަމަހުގެ އަޅުކަމުގެ މާތް މައްސަރު އަޅުގަނޑުމެންނާ އެހެން އަހަރުތަކެކޭ އެއްފަދައިން ބައްދަލުކުރިއިރު މިއަހަރުވެސް ރާއްޖޭގެ ގިނަ ރައްޔިތުންނަށް އެހެން އަހަރުތަކުގެ ރޯދަމަހާ ވަކި ތަފާތެއް ނުފެނެއެވެ. ނަމަވެސް މިއީ ދުނިޔޭގެ އެހެނިހެން ބައެއް ގައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށް އެތަކެއް ވޭނީ ތަހައްމަލުތަކެއް ކުރިމަތިލާންޖެހިފައިވާ މަހެކެވެ.

އެހެން އަހަރުތަކަކޭވެސް އެއްފަދައިން ފަލަސްތީނުގެ މީހުންނަށް، ހާއްސަކޮށް ޣައްޒާގައި ދިރިއުޅޭ މީހުންނަށް މިއަހަރުވެސް ރަމަޟާން މަސްވެގެން ގޮސްފައިވަނީ އެހާމެ ދަތި އުނދަގޫ މަހަކަށެވެ. ދާދި ފަހުން ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނަށް އަނބުރާ ދިއުމަށް ދިއުމަށް ކުރި ވަރުގަދަ އިހުތިޖާޖުތަކާއެކު، އިސްރާއިލުން ދޭން ފެށި ވަރުގަދަ ހަމަލާތަކުގެ ސަބަބުން އެތައް ބަޔަކު ޝަހީދުވެ އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެފައެވެ.

ފަލަަސްތީނުގެ އާއިލާއެއް ޣައްޒާގެ މަގެއްގެ މަތިން އަސް ގާޑިޔަލެއްގަިއ ދަތުރުކުރަނީ. އިސްރާއީލުގެ ހަމަލާތަކުގެ ސަަބަބުން އެރަށް ވަނީ ހަލާކުވެފައި. ފޮޓޯ: އޭޕީ

ޣައްޒާގެ ހާލަތު މިހާރު މިވަނީ އިންސާނީ ބޮޑު މުސީބާތަކަށް ޖެހިފައެވެ. އެގޮތުން ކަރަންޓުގެ ހިދުމަތް ވެސް ލިބެނީ މަދު ގަޑިއިރަކުއެވެ. ހޮސްޕިޓަލުތައް ފުރި ބާރުވެފައިވާއިރު، ކޮންމެހެން ބޭނުންވާ ބޭހާއި ޒަރޫރީ ތަކެތިވެސް ލިބޭކަށް ނެތެވެ.

ޣައްޒާގެ ހާލަތުގެ އިންތިހާއަށް ގޯސްވެފައިވާއިރު، އަވައްޓެރި ސީރިއާގެ ހާލަތުވެސް އެހާމެ ގޯހެވެ. ސީރިއާގެ ހަތް އަހަރުވީ ދާހިލީ ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ ބޮޑު ބައެއް މިހާރުވެސް ވަނީ ވީރާނާވެފައެވެ. ގައުމުގެ ގިނަ ރައްޔިތުންގެ ގެދޮރު ގެއްލި ވަނީ ރެފިއުޖީންނަށް ވެފައެވެ.

"މިތަނުގައި އެއް ކިލޯގެ ހަކުރުގެ އަގުވެސް އަރާ 7000 ސީރިއަން ޕައުންޑް (13 ޑޮލަރަށް). މިހާރުވެސް ގިނަ އެއްޗެތި ވިއްކަނީ ކަޅު ބާޒާރުގައި. ރަމަޟާން މަހަކަށް އެއްވެސް ވަރަކަށް ބެލުމެއް ނެތް." ޣޫތާގައި ދިރިއުޅޭ އަންހެނަކު އަރަބް ވީކްލީއަށް ދިން އިންޓަވިއުއެއްގައި ކިޔައިދިނެެވެ.

ކާނެ އެއްޗެއް ނުލިބި ސަލާން ޖެހުމުގައި އުޅޭ ސީރިއާގެ ރައްޔިތުންނަށް ނަމާދު ކޮށްލާނެ މިސްކިތެއްވެސް ނެތެވެ. ދިގުލައިގެންފައިވާ ދާހިލީ ހަނގުރާމައިގެ ސަބަބުން ގިނަ މިސްކިތްތައްވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެ ހާލުގައި ތަރާވީހު ކުރާނީވެސް ވަކި ކިހިނެއް ހެއްޔެވެ؟ ގިނަ ވަގުތު ކަރަންޓް ވެސް ސީރިއާގެ ރައްޔިތުންނަށް ނުލިބެއެވެ.

ސީރިއާގެ އިތުރުން މިޔަންމާ ސިފައިންގެ އަނިޔާވެރިކަން ސަލާމަތްވުމަށް ބަނގުލަދޭޝަށް އެތެރެވި ރޮހިންގާގެ ގިނަ މީހުންގެ ހާލަތުވެސް ހަމަ އެފަދައެވެ. އދ. އިން އަންދާޒާ ކުރާ ގޮތުގައި ރޮހިންގާގެ 600،000 އަށް ވުރެ ގިނަ މީހުން ވަނީ ގައުމު ދޫކޮށް ބަނގުލަދޭޝަށް އެތެރެވެފައެވެ.

މިޔަންމާ އަސްކަރިއްޔާގެ އަނިޔާވެރިކަމުން ސަލާމަތްވެ ބަނގުލަދޭޝްއަށް ހިޖުރަ ކުރި ރޮހިންގާ ބަޔަކު ރެފިއުޖީ ކޭމްޕްގައި--- ފޮޓޯ/ އޭޕީ

ކުރިން ނުލާހިކު ހިތް ފަސޭހަ ވަޒަނުގައި އުޅެމުން އައި ގިނަ ރޮހިންގާ މީހުން މިހާރު ދިރިއުޅެމުންދަނީ ބަނގުލަދޭޝްގެ ރެފިއުޖީ ކޭމްޕަތަކުގައެވެ. މަޑުތަކާއި ޗަކަތަކުގެ ތެރޭގައި އެމީހުން ދިރިއުޅެމުންދާއިރު އެހާ ހޫނުގަދައެވެ. އެ މީހުންގެ އަތުގައި ފައިސާއެއް ނެތް އިރު، ބަނގުލަދޭޝް ސަރުކާރުންވަނީ އެމީހުން އެގައުމުގައި މަސައްކަތް ކުރުންވެސް މަނާ ކޮށްފައެވެ.

ޔަމަނުގެ ހާލަތުވެސް ހުރީ ހަމައެފަދައިންނެވެ. އެގައުމުގައިވެސް 2015 އިން ފެށިގެން ކުރަމުން ގެންދާ ވަރުގަދަ ހަނގުރާމައިގެ ސަބަބުން ޔަމަނުގެ ރައްޔިތުން އުޅެމުންދަނީ އެހާމެ ދަތި ހާލުގައެވެ. އެ ހަނގުރާމައިގައި 10،000 މީހުންނަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އދ. އިން ވަނީ ޔަމަނުގައި އިންސާނީ ބޮޑު މުސީބާތެއް ޖެހިފައިވާ ކަމަށް ބުނެފައެވެ.

"އަހަރެންގެ އަތުގައި އޮތް ގޭސް ސިލިންޑަރު ވިއްކާލީ ގޭގެ ކުލިނުދެއްކިގެން. މިހާރު އަހަރެންނަކަށް ކެއްކޭނެ ގޮތެއް ނެތް. ގޭގައި ކާނެ އެއްވެސް އެއްޗެއް ނެތް. ހަކުރާއި ފުށެއްވެސް ނެތް. އަހަރެންގެ ތިބީ ހަމައެކަނީ އަަހަރެންގެ ހަތަރު އަންހެން ދަރިން." ހުވަފަތް ވެފައިވާ ޔަމަނުގެ އަންހެނަކު ކިޔައިދިނެެވެ.

ހަނގުރާމައިގެ ސަބަބުން ޔަމަނުގެ އިމާރާތްތައް ބިމާ ހަމަވެފައި-

ހަނގުރާމައެއްގެ ތެރޭގައި މިވަގުތު ނެތް ނަމަވެސް، އީރާނާއި އިރާގުގެ ހާލަތު ވެސް ވަކި ރަނގަޅެއް ނޫނެވެ. އިސްލާމިކް ސްޓޭޓްގެ ކިބައިން އިރާގު މިނިވަންވި ނަމަވެސް އެ ހަނގުރާމައިގައި އިރާގު ހާއްސަކޮށް މޫސަލްގެ ބޮޑު ސަރަހައްދަކަށް ބޮން އެޅުމުގެ ސަބަބުން ބޮޑު ބައެއް ވަނީ ވީރާނާވެފައެވެ. އެ ސަރަަހައްދުގައި ދިރިއުޅޭ ގިނަ ރައްޔިތުން ވަނީ މަގުމަތިވެފައެވެ.

އީރާނުގައި ހަނގުރާމައެއް ނެތް ނަމަވެސް އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިހާރުވެސް ޑަސްބިންތަކުން ކައިގެން އުޅޭ އިރާނުގެ އެތައް ބަޔަކު އުޅެއެވެ.

އިރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގެ ރައްޔިތުން ބަނޑުހައިހޫނުކަމުގައި--

ރާއްޖޭގެ ދީނީއިލްމުވެރިއެއް ކަމަށްވާ އައްޝައިޚް މުހައްމަދު އަނީލް "ސަން" އަށް ވިދާޅުވީ ރޯދަމަހަކީ އަޅުކަމުގެ މައްސަރެއް ކަމަށާއި މި މައްސަރު ދަތި ހާލުގައި އުޅެމުންދާ މުސްލިމުންނަށް ހެޔޮ ރަހުމަތްލެއްވުން އެދި ދުއާ ކުރެވިދާނެ ކަަމަށެެވެ. އަދި އޭގެ އިތުރުން ތަނަވަސްކަން ހުރި މިންވަރަކުން އެފަދަ ދަތިހާލުގައި އުޅެމުންދާ މުސްލިމުންނަށް އެހީވުގައި އިތުބާރުހިފޭ ޖަމިއްޔާއަކަށް ފައިސާ ފޮނުވިދާނެ ކަމަށްވެސް އަނީލް ވިދާޅުވިއެވެ.

ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ދާދި ފަހުން ރާއްޖޭގައި ހިންގަމުންދާ ޖަމްއިއްޔާއަކުން ވަނީ ޣައްޒާގެ 1000 އާއިލާއަކަށް ކާތަކެތި ފޯރުކޮށްދިނުމަށް މިރޯދަމަހު ކެމްޕޭނެއްވެސް ފަށައިފައެވެ. ރޯދަ މަހު އަޅުގަނޑުމެން ބަޑު ފުރާނަ މުއްތިކޮށްގެން އުޅުނުކަމުގައިވިޔަސް ދުުނިޔޭގެ އެހެނިހެން ހިސާބުތަކުގައި ދަތި ހާލުގައި އުޅެމުންދާ މުސްލިމުންނާމެދު ވިސްނާ ފިކުރު ކުރަން ޖެހެއެވެެ. އަދި ވީވަރަކުން އެމީހުންނަށް އެހީވުމަކީވެސް އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ.

comment ކޮމެންޓް