ކާށިދޫ ދާއިރާގެ ބައި- އިލެކްޝަން ބާއްވައި ދިނުމުގެ އަމުރަކަށް އެދި ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑީގެ ބައި- އިލެކްޝަން ބާއްވައި ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދި އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅައިފި އެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓަށް މިއަދު މެންދުރު ހުށަހެޅުއްވި މޫސާ އަންވަރު ވިދާޅުވީ އެ މައްސަލަ ހުށަހެޅުއްވީ އިސްމާއިލް އަބްދުލް ހަމީދުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެގެން ހުކުމެއް ކޮށްފައިވާއިރު ވެސް ކަމާ ބެހޭ އިދާރާތަކުން ގާނޫނީ ސުވާލުތައް އުފައްދަމުންދާތީ ކަމަށެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ.ގައި ބަޔާންކޮށްފައި ވަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ ނަމަ، އެ މީހަކު މަޖިލީހުގެ މެންބަރު ކަމުން ވަކިވާނެ ކަމަށެވެ.
"އިސްމާއިލް ހަމީދުގެ މައްޗަށް ހުކުމެއް ކުރި ފަހުން މިހާރު ފަސް ދުވަސް ފާއިތުވެގެން ހިނގައްޖެ. މަޖިލީހުގެ ގަވާއިދުގެ ފަސްވަނަ މާއްދާގެ ށ.ގައި ބަޔާންކޮށްފައިވޭ ގޮނޑިއެއް ހުސްވެއްޖެ ނަމަ ފަސް ދުވަހުގެ ތެރޭގައި ބައި- އިލެކްޝަނެއް އިޢުލާން ކުރަންޖެހޭނެ ކަމަށް. ނަމަވެސް ފަސް ދުވަސް ފާއިތުވެގެން ދިޔައިރު ވެސް އިލެކްޝަންސް ކޮމިޝަނުން އެކަން ކޮށްފައެއް ނުވޭ. މަޖިލީހުން ވެސް އިލެކްޝަންސް ކޮމިޝަނުން މިބުނަކީ އެކަމާ ގާނޫނީ ގޮތުން ލަފާއެއް ހޯދަމުން ދާ ވާހަކަ. ނަމަވެސް މިކަމުގައި ގާނޫނީ ލަފައެއް ހޯދަން ޖެހޭނެ ކަމަށް ގަބޫލެއް ނުކުރެވޭ،" މޫސަ ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގޮސްފައިވާ އިރު އެ މައްސަލަ އިސްތިއުނާފު ކުރައްވާނެ ކަމަށް އިސްމާއިލް އަބްދުލް ހަމީދު ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑި 2009 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން ގެންދެވި މެންބަރު އަބްދުލްހަމީދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ގަސްތުގައި ބަޔަކަށް ނާޖައިޒު ފައިދާއެއް ހޯއްދަވައިދެއްވި ކަމުގެ ކުށް ސާބިތުވެގެން ދޮޅު އަހަރަށް އޭނާ އަރުވާލުމަށް ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ވަނީ ހުކުމްކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު