ޖަރުމަނުގެ މެސުޓް އޮޒިލްއާއި އިލްކޭ ގުންޑަގޮންގެ ފަރާތުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާންއަށް ކްލަބު ޖާޒީއެއް ހަދިޔާކުރުމަށްފަހު، ފޮޓޯއަކަށް ހުއްޓުމުން ޖަރުމަންގެ ސީޔާސީ ފަރާތްތަކާއި އެ ގައުމުގެ ފުޓުބޯޅަ އިދާރާއިން އެކަމަށް ފާޑުކިޔައިފިއެވެ.
އޮޒިލްއާއި ގުންޑޯގާންއަކީވެސް ތުރުކީއަށް އުފަން ދެ ކުޅުންތެރިންނެވެ. ލަންޑަންގައި ބޭއްވި ހާއްސަ އިވެންޓެއްގައި އެ ދެކުޅުންތެރިންވެސް ވަނީ ހާއްސަ މެސެޖަކާއެކު ސޮއިކޮށްފައިވާ ކްލަބު ޖާޒީއެއް އުރުދުގާންއަށް އަރުވައިފައެވެ.
އުރުދުގާން ދެވަނަ ދައުރަކަށް ކެމްޕެއިން ކުރައްވަމުންދާ އިރު، އޮޒިލްއާއި ގުންޑޮގަންގެ ފަރާތުން އޭނާއަށް ދީފައިވާ މެސެޖަކީ "އަހަރެމެންގެ ރައީސަށް، ފުރިހަމަ އިހުތިރާމާއެކު،" މިއެވެ.
ޖަރުމަނުގެ ފުޓުބޯޅަައިގެ މައި އިދާރާގެ ރައީސް، ރެއިންހާޑް ގްރިންޑަލް ވިދާޅުވީ އުރުދުގާންއާއެކު ނެގި ފޮޓޯއަކީ ޖަރުމަނުގެ ފުޓުބޯޅަ އިދާރާއިން ގަބޫލުކުރާ "ވެލިއުސް"ތަކާ ހިލާފު ކަމެއް ކަމަށާއި، އުރުދުގާންގެ ކެމްޕެއިންގައި އެ ދެކުޅުންތެރިން ބޭނުން ކުރުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.
މީގެ އިތުރުންވެސް އޭނާ ވިދާޅުވީ ކެމްޕެއިންތަކުގައި ޖަރުމަނުގެ ކުޅުންތެރިން ހަރަކާތްތެރިވުމަކީ ޓީމުގެ މަގުސަދާ މެދު ސުވާލު އުފެދޭނެ ކަމެއް ކަމަށެވެ. ޖަރުމަންގެ ފުޓުބޯޅަ އިދާރާގެ ޑިރެކްޓަރު އޮލިވިއޭ ބިއެރޮފް ވިދާޅުވީ އެ ދެކުޅުންތެރިން ނެގި ފޮޓޯއަކީ އެ ކުޅުންތެރިންނަށް ނޭނގޭހާ ވަރުގަދަ މެސެޖުތައް ދޭ ފޮޓޯއެއް ކަމަށާއި އެކަން ކަމަކީ ރަނގަޅު ކަންކަން ނޫން ކަމަށެވެ.
އޮޒިލްއާއި ގުންޑޮގަން، އުރުދުގާންއާއެކު ނެގި ފޮޓޯއާއި ހަދިޔާކުރި ޖާޒީއާ ގުޅިގެން ޖަރުމަނުގެ ސިޔާސީ ފަރާތްތަކުން ބުނެފައި ވަނީ އެ ދެކުޅުންތެރިން ޖަރުމަނަށް ހުރި ލޯތްބާ މެދު ސުވާލު އުފެދޭ ކަމަށެވެ.
ފާޑުކިޔުންތަކާ ގުޅިގެން އުރުދުގާން ވަނީ ހާއްސަ ބަޔާނެއް ނެރެފައެވެ. އޭނާގެ ބަޔާނުގައި ބުނެފައި ވަނީ އަމިއްލަ އުފަން ގައުމުގެ ރައީސާއި އާއިލާތަކަށް އެކުޅުންތެރިން އިހުތިރާމް ކުރުމަކީ ސިޔާސީ ކަމެއް ނޫން ކަމަށެވެ. އަދި އެ ދެކުޅުންތެރިންނާވެސް ބައްދަލުކުރީ އޭނާގެ އޮފީހުން ބޭރުގައި ކަމަށާއި، އެ ބައްދަލުވުމަކީ ތުރުކީގެ ސްކޫލް ކުދިންނަށް، ތުރުކީ ފައުންޑޭޝަން މެދުވެރިކޮށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ކުރެވުނު މަޝްވަރާއެއް ކަމަށްވެސް އުރުދުގާންގެ ބަޔާނުގައިވެއެވެ.
ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުން ތައްޔާރުވަމުން އަންނަނީ ޖޫން މަހުގައި އޮންނަ ވޯލްޑް ކަޕްގެ ތަށި ދިފާއުކުރުމަށެވެ. އެ ގައުމުގެ ގައުމީ ޓީމުގެ ސްކޮޑު އަދި އިއުލާން ކޮށްފައި ނުވިނަމަވެސް، ގުންޑޮގަންއާއި އޮޒިލްވެސް ސްކޮޑަށް ނަގާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.