ސްޓެލްކޯ މިހާރު ހިންގަމުން މިދަނީ ފައިދާއާއެކު: ޒުހޫރު

ސްޓެލްކޯއިން އަންހެނުންނަށް ކަރަންޓްގެ މަސައްކަތް ދަސްކޮށްދިނުމަށް ހިންގި ކޯސްތަކުގެ ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެކްލޯ) މިހާރު ހިންގަމުން ދަނީ ފައިދާއާއެކު ކަމަށް އެ ކުންފުނީގެ ސީއީއޯ އަހުމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.

އަންހެނުންނަށް ކަރަންޓުގެ މަސައްކަތްތައް ދަސްކޮށްދިނުމަށްް ސްޓެލްކޯ އިން ހިންގި ކުރުމައްދަތުގެ އެކިއެކި ކޯސްތަކުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން ޒުހޫރު ވިދާޅުވީ ސްޓެލްކޯއަކީ ގެއްލުމުގައި ހިންގަމުންދާ ކުންފުންޏެއް ކަމުގައި އަބަދުވެސް "ލޭބަލް" ވެފައި އޮންނަ ކަަމަށެވެ.

އޭނާ ވިދާޅުވީ ސްޓެލްކޯއަށް ސަރުކާރުން ކުރާ އިންވެސްޓްމަންޓާ އަޅާބަލާއިރު ގެއްލުންވެ އެ އިންވެސްޓްމަންޓްތައް ކަވަރުނުކުރެވި އޮންނަތަން ވަރަށް ގިނައިން ފެންނަ ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ހެޔޮ އަގުގައި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ޒުހޫރު ވިދާޅުވިއެވެ.

"ރައްޔިތުންނަށް ހަމަ ލުއި ފަސޭހަ އެއް ސައިޑުން ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަން. އެއީ ކަަރަންޓު ބިލް ބޮޑުވިޔަ ނުދީ ކަރަންޓް ބިލް ކުޑަކުރަން މަަސައްކަތްތަކަކާ އެކީގައި. ރާއްޖޭގެ 80 ޕަސެންޓް ގާތްގަނޑަކަށް ޔޫސޭޖް މިއުޅޭނީ 400 ޔުނިޓުން ދަށުގައި ވާއިރު، 400 ޔުނިޓުން މިވަނީ ދަށަށް ހާމަނައިޒްކޮށް މިވަނީ އެއްވަރުކުރެވި ދައްކުރެވިފައި،" ޒުހޫރު ވިދާޅުވިއެވެ.

ކަރަންޓްގެ ޚިދުމަތުގެ އަގަށް ގެނައި ބަދަލާއެކު ސްޓެލްކޯގެ އާމްދަނީ މަދުވި ކަމަށާއި ނަމަވެސް މުވައްޒަފުންގެ މަސައްކަތުން ފައިދާ ގެނެވި އޮނިގަނޑު ހަރުދަނާ ކުރެވި، އޮޕަރޭޝަންގައި މިހާރު ފައިދާ ނެރެވެން ފަށައިފައިވާ ކަމަށް ޒުހޫރު ވިދާޅުވިއެވެ. އެހެންކަމުން ގެއްލުންވަމުން އައި ކުންފުންޏަކުން ފައިދާވާ ކުންފުންޏަކަށް ސްޓެލްކޯ މިހާރު ބަދަލުކުރެވިވައިވާ ކަމަށް ޒުހޫރު ވިދާޅުވިއެވެ.

"ދެހާސް ސަތާރަވަނަ އަހަރުގެ އޯޑިޓް ރިޕޯޓުން ދައްކާގޮތުގައި ސްޓެލްކޯއަކީ މިއަދު ފައިދާވާ ކުންފުންޏެއް،" ޒުހޫރު ވިދާޅުވިއެވެ.

comment ކޮމެންޓް