ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އަށް އޭނާ އިންކާރު ކުރައްވައިފިއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ މިދިޔަ އަހަރު ޕޮލިސްް ކޮމިޝަނަރު އަކަށް ހުންނަވައި މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ދުރާލާރާވައިގެން ފުލުހުންގެ އޮޕަރޭޝަން ސިސްޓަމަށް ބަދަލު ގެނެސް އިތުރު ބަޔަކާ ގުޅިގެން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އަރީފު އުޅުއްވި ކަމަށެވެ.
ދައުވާ އިއްވުމުން އަރީފްގެ ވަކީލުން ވަނީ ދައުވާ ސާފުނުވާ ކަމަށް ވިދާޅުވެ، ސާފު ނުވާ ކަންތައްތައް ޝަރީއަތުގެ މަޖިލީހަށް އިއްވާފައެވެ. ދައުވާގައި އިތުރު ބަޔަކާ ގުޅިގެން ކަމަށް ފާހަގަ ކުރައްވާފައިވާތީ އެއީ ކޮން ބައެއްކަން ސާފުކޮއްދިނުމަށް އަރީފްގެ ވަކީލުން ކޯޓުގައި އެދިވަޑައިގަތެވެ.
މަގާމުގެ ބޭނުން ނަހަމަގޮތުގައި ހިފާފައިވާކަމަށް ދައުވާގައި ފާހަގަ ކޮއްފައި ވާތީ އެއީ ކޮން ގޮތަކަށް ތޯ ވެސް އަރީފް ގެ ވަކީލުން ވަނީ ސުވާލު އުފައްދަވާފައެވެ.
އެ ސުވާލުތަކަށް ރައްދުދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ އިތުރު ބައެއް ކަމަށް ދައުވާގައި ބުނެފައި ވަނީ އަރީފްގެ އިތުރުން ދައުލަތުން އެދައުވާ އުފަލާފައިވާ އެހެނިހެން މީހުން ކަމަށެވެ. މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ ކަމަށް ދައުވާގައި ބުނެފައި އެވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ފުލުހުންގެ ޑިޕާޓްމެންޓުތަކަަށް ބަދަލުގެނެސްފައިވާތީ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި އަރީފްގެ ގާނޫނީ ވަކީލުން ވަނީ އެ މައްސަލައިގެ ބައެއް ބަޔާންތައް ލިބިފައިނުވާތީ އެ ބަޔާންތައް ލިބޭނެގޮތް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފައެވެ.
އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ އަރީފަށް ދޫކޮށްފައިނުވަނީ ސިއްރު ބަޔާންތަކެއް ކަމަށާއި އެފަދަ ބަޔާންތައް ދޫނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެ ބަޔާންތައް ވަނީ މީސް މީޑިއާގައި އާންމުވެފައެވެ.
އަރީފްގެ މައްޗަށް އެ ދައުވާ ސާބިތުކުރުމަށް 31 ހެއްކެއް މިއަދު ވަނީ ހުށަހަޅާފައެވެ. ދައުލަތުން އަރީފްގެ މައްޗަށް ހުށަހަޅާފައިވާ 31 ހެކީގެ ތެރޭގައި ޕޮލިސް އިންޓެލިޖެންސް ރިޕޯޓެއް ވެސް ހިމެނެއެވެ. ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލައި ގާޒީ ވަނީ އެ މައްސަލަ އަކީ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ މައްސަލައެއް ކަމަށް ކަނޑައަޅާފައެވެ.
ޝަރީއަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އަރީފް ވިދާޅުވީ އޭނާގެ މައްޗަށް އެ ދައުވާ އުފުލީ ޝަރުއީ ކޯޓެއްގެ ހުކުމެއް ތަންފީޒު ކުރަން އުޅުމުން ކަމަށެވެ.
"އަޅުގަނޑުގެ މައްޗަށް ޓެރިރިޒަމްގެ ދައުވާ އުފުލާފައިވަނީ ޝަރުއީ ކޯޓެއްގެ ހުކުމް ތަންފީޒުރަން އުޅުމުން،" އަޑުއެހުމުގައި ވާހަކަ ދައްކަވަމުން އަރީފް ވިދާޅުވިއެވެ.
އަރީފް ވިދާޅުވީ އޭނާ ހުންނަނީ ކޮއްޓަކަށްލައި ބަންދުކޮށްފައި ކަމަށާއި ވަކީލުންނާ ބައްދަލުކުރެވެނީ ވެސް ވަރަށް އުނދަގުލުންކަމަށެވެ.
މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ އިތުރު އަޑުއެހުމެއް މި މަހުގެ 20 ވަނަ ދުވަހު ބާއްވާނެ ކަމަށް އިއުލާން ކުރެއްވުމަށްފަހުއެވެ.