ދިވެހި ރައްޔިތުންގެ ޕާޓީ )ޑީއާރްޕީ( އަކީ މިހާރު ސިޔާސީ ގޮތުން ދަތެއް ނެތް ޕާޓީއެއް ކަމަށާއި އަދި ރައްޔިތުންގެ ހައްގުގައި ޕާޓީ އަށް މަސައްކަތް ނުކުރެވޭ ކަމަށް ވިދާޅުވެ، ޑީއާރްޕީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް އެޕާޓީން މިއަދު ވަކިވެވަޑައިގެންފި އެވެ.
ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަށް އެޑްރެސްކުރައްވައި ކުރީގެ ރައީސް މައުމޫން ފޮނުއްވި އިސްތިއުފާގެ ސިޓީގައިވާ ގޮތުގައި އެމަނިކުފާނު އިސްކޮށް ހުންނަވައިގެން ޖުލައި 21، 2005 ގައި އުފެއްދެވި ޕާޓީން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަތީ "މަޖުބޫރު"ވެގެންނެވެ. އެގޮތުން ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީގެ އަމަލުތަކުގެ ސަބަބުން ޑީއާރްޕީއަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ޕާޓީއަކަށް މިހާރަކު ނުވާ ކަމަށާއި މިފަދަ ދަނޑިވަޅެއްގައި އެޕާޓީގައި ހުންނެވުމަކީ އެމަނިކުފާނުގެ ޒަމީރު ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށް މައުމޫން ވިދާޅުވެފައިވެ އެވެ.
"އަދި މިފަދަ ހާލަތެއްގައި މި ޕާޓީގެ ޒައީމްކަމުގެ މަގާމުގައި ދެމިހުރުމަކީ އަޅުގަނޑުގެ ޒަމީރު ގަބޫލުކުރާ ކަމެއް ނޫނެވެ. އެހެންކަމުން މިއަދު އަޅުގަނޑަކަށް މަޖުބޫރުވަނީ ޑީއާރްޕީގެ ޒައީމްކަމުގެ މަގާމުން ހިތާމަޔާ އެކު އިސްތިއުފާ ދިނުމަށެވެ. އަދި ޑީއާރްޕީގެ މެމްބަރުކަމުން ވެސް ހިތާމައާ އެކު ވަކިވުމަށެވެ،" އާ ޕާޓީ އުފެއްދެވުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކުރީގެ ރައީސް މައުމޫން ވިދާޅުވެފައިވެ އެވެ.
~
އަދި ތަސްމީންގެ ލީޑާޝިޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ އެ ސިޓީގައި މައުމޫން ވިދާޅުވެފައިވެ އެވެ: "ރާއްޖޭގެ ފަހުގެ ތާރީހުގައި ތަޖުރިބާކޮށްފައި ނުވާ ފަދަ ބޮޑު ހިތްދަތި ކަމަކާއި ވޭނެއްގެ ތެރޭގައި ރައްޔިތުން އެޅުމުންދާ މިފަދަ ދަނޑިވަޅެއްގައި، ޑީއާރްޕީއަކީ ސިޔާސީ ގޮތުން ދަތެއް ނެތް، އަދި އާއްމު މެމްބަރުންގެ ވިންދާ ހިލާފަށް އަދި ޕާޓީގެ އަސާސީ ގަވައިދަށް ބެލުމެއް ނެތި ހިނގަމުންދާ ޕާޓީއަކަށް ވެގެންދިޔަކަމީ ވަރަށް ހިތަމާހުރި ކަމެކެވެ."
އަދި އެކަންކަން އިސްލާހުރުމަށް ދެއްވި "ހިޔާލަކަށް މަޝްވަރާއަކަށް ކުޑަވެސް ބައްލަވާލެއްވުމެއް ނެތި މަނިކުފާނުގެ ]ތަސްމީނުގެ[ އަމަލުތައް ދިޔައީ އެއްދުވަހުން އަނެއް ދުވަހަށް ހަރުކަށިވަމުން" ކަމަށް ވެސް މައުމޫން ވިދާޅުވެފައިވެ އެވެ.
"އޭގެ ނަތީޖާއަކަށްވެގެންދިޔައީ މިޕާޓީއާ މެދު ރައްޔިތުން ކުރަމުންދިޔަ ފޮނި އުއްމީދުތައް މުޅިން އެހެން ގޮތަކަކަށް ބަދަލުވެގެން ދިޔުމެވެ. އަދި ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ނަމުގައި ޑީއާރްޕީ އޮވެގެންމެ، ރައްޔިތުންގެ މަސްލަހަތަށް އުނިކަން ލިބޭ ފަދަ ގޮތަކަށް ސަރުކާރަށް ދޫދީގެން މަސައްކަތްކުރާ ޕާޓީއެއް ކަމުގެ ހުތުރު ނަން ލިބެމުން ދިޔުމެވެ،" މައުމޫން ވިދާޅުވެފައިވެ އެވެ.
މިއަދު ޕާޓީގެ "މުހިންމު ގުނަވަންތައް ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފަ" ކަމަށާއި ޕާޓީ ކައުންސިލްގެ ބައްދަލުވުންތައް ވެސް ގަވައިދުން ކުރިއަށް ނުދާ ކަމަށް މައުމޫން ފާހަގަކުރައްވާފައިވެ އެވެ.
ކުރީގެ ރިޔާސީ އިންތިހާބުގެ ކުރިން އަމިއްލަފުޅަށް އުފެއްދެވި ޕާޓީއަށް އަލްވަދާއު ވިދާޅުވުމަށް ފަހު މިއަދު އެމަނިކުފާނު މަސައްކަތް ކުރައްވަނީ އާ ޕާޓީއެއް އުފެއްދެވުމަށެވެ. މައުމޫންގެ ފަހަތްޕުޅުން އެޕާޓީއާ ގުޅިވަޑައިގަންނަވަން ބޭނުންވެވަޑައިގަންނަވާ ޑީއާރްޕީގެ ޕާލިމެންޓްރީ ގްރޫޕް މެމްބަރުންނާއި އެހެން އިސްބޭފުޅުންތަކެއް ވެސް ވަނީ މިއަދު އެޕާޓީން ވަކިވެވަޑައިގެންފަ އެވެ.
އޭގެތެރޭގައި ޑީއާރްޕީ ޕާލިމެންޓްރީ ގްރޫގް ހަތް މެމްބަރަކު ހިމެނެ އެވެ. އެއީ، ވިލިމާފަންނު ދާއިރާގެ މެންބަރު ނިހާން ހުސައިން މަނިކާއި އިނގުރައިދޫ ދާއިރާގެ މެންބަރު ހަމްދޫން އަބްދުﷲ ހަމީދާއި ވައިކަރަދޫ ދާއިރާގެ އަލީ އާރިފާއި ނިލަންދޫ ދާއިރާގެ އަބްދުލްމުހުސިން އަލީ އާއި ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފާއި ފުވައްމުލަކު އުތުރު ދާއިރާގެ މުހައްމަދު ރަފީގު ހަސަނާއި އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ އެވެ.