"ޑރ. މަހާތީރަށް ކާމިޔާބު ލިބިލެއްވީ ޤައުމު ބިނާކުރެއްވުމަށް ދެއްވާފައިވާ އަހަންމިއްޔަތުގެ ސަބަބުން"

ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެލޭޝިއާގެ ބޮޑުވަޒީރުކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ޑރ. މަހާތީރު މުހައްމަދަށް ލިބިލެއްވި ކާމިޔާބީ އަކީ އެމަނިކުފާނުގެ ހިންގެވުންތެރިކަމާއި، ގައުމު ބިނާކުރެއްވުމަށް ދެއްވާފައިވާ އަހަންމިއްޔަތުގެ ސަބަބުން ލިބިލެއްވި ކާމިޔާބީ އެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އިއްޔެ މެލޭޝިއާގައި ބޭއްވި އެގައުމުގެ 14 ވަނަ އާންމު އިންތިޚާބު ކާމިޔާބު ކުރެއްވި އެގައުމުގެ ތަރައްގީގެ ބާނީ ޑރ. މަހާތީރަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް ވިދާޅުވީ އިންތިޚާބުގައި ހޯއްދެވި ކާމިޔާބީ އަށް ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޑޮކްޓަރ މަހާތީރަށް މަރުޙަބާ ވިދާޅުވާ ކަމަށެވެ.

ރައީސް ވިދާޅުވީ ޑރ. މަހާތީރަށް ލިބިލެއްވި ކާމިޔާބީ އަކީ ކުރިއަށް އޮތް ތަނުގައިވެސް ޑރ. މަހާތީރުގެ ވެރިކަމުގައި އެޤައުމު ތަރައްޤީ އާހަރުފަތްތަތަކަށް ގެންދަވާނެކަމުގެ އިތުބާރާއި ޔަޤީންކަން މެލޭޝިޔާގެ ރައްޔިތުންނަށް އޮތްކަން ހާމަވެގެންދާކަމެއް ކަމަށެވެ.

މެލޭޝިއާއަކީ އަބަދުވެސް ރާއްޖެ އާ ގާތް ގުޅުމެއް އޮންނަ ރަޙުމަތްތެރި ޤައުމެއްކަމަށާއި އެ ގައުމަކީ ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖެއާއި މެލޭޝިއާއާ ދެޤައުމަށް އަދި ދެޤައުމުގެ ރައްޔިތުންނަށް ފައިދާ ހުރި ގޮތަށް އެއްބާރުލެއްވުންދެއްވައި، ރާއްޖެއާއި މެލޭޝިއާއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ޔަގީންކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް